Roadha Mihaaru
ސާފް ޗެމްޕިއަންޝިޕަކީ ޗެލެންޖެއް: ބަންގްލަދޭޝް ކޯޗު

ސާފް ޗެމްޕިއަންޝިޕަކީ ޗެލެންޖެއް: ބަންގްލަދޭޝް ކޯޗު

16 ފެބުރުއަރީ 2023

ސާފް ޗެމްޕިއަންޝިޕަކީ ޗެލެންޖެއް ކަމަށާއި އަދި އެ މުބާރާތް އެ ގައުމަށް މުހިއްމު ކަމަށް ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސްޕެއިނުގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސާފް ޗެމްޕިއަންޝިޕަކީ ޗެލެންޖެއް ކަމަށާއި އަދި އެ މުބާރާތް އެ ގައުމަށް މުހިއްމު ކަމަށް ބަންގްލަދޭޝް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ސްޕެއިނުގެ ހަވިއޭ ކަބްރޭރާ ބުނެފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގެ ފުޓްބޯޅަ މުބާރާތް މި އަހަރު އޮންނާނީ ޖޫން 20 އިން ޖުލައި 3 އަށް އިންޑިއާގަ އެވެ.

މުބާރާތުގެ އެންމެ ކާމިޔާބު ގައުމު ކަމަށްވާ އިންޑިއާ އިން ފޮނުވާނީ 23 އަހަރުން ދަށުގެ ޓީމެވެ. އެކަމަކު އަނެއް ހަ ގައުމުން ފޮނުވާނީ ސީނިއާ ޓީމެވެ.\

މުބާރާތަށް ތައްޔާރުވާން ބަންގްލަދޭޝް އިން އަންނަނީ އަންނަ މަހު އޮންނަ ފީފާ ބްރޭކުގައި، މި ސަރަހައްދުގެ ގައުމުތަކާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ރާވަމުންނެވެ.

ބަންގްލަދޭޝް ފުޓްބޯޅާ ފެޑެރޭޝަނުގެ ނެޝަނަލް ޓީމު ކޮމިޓީގެ ޗެއާމަން ކާޒީ ނަބީލް އަހުމަދު ވިދާޅުވީ މިވަގުތު ހުރިހާ ކަމެއް ރާވަން ބޭނުންވަނީ އެ މުބާރާތުގައި ގައުމީ ޓީމަށް ފައިދާވާނެ ގޮތަކަށް ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕުގައި ކާމިޔާބު ހޯދާނެ ގޮތްތަކާ ބެހޭގޮތުން އަހަރެމެން ވަނީ މަޝްވަރާކޮށްފައި،" އޭނާ ވިދާޅުވި އެވެ.

ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ބަންގްލަދޭޝް ގައުމީ ސްކޮޑް ނަގާނީ މިހާރު ކުރިއަށްދާ ބަންގްލަދޭޝީ ޕްރިމިއާ ލީގާއި ފެޑެރޭޝަން ކަޕުގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލައިފަ އެވެ. ކޯޗު ކަބްރޭރާ އަންނަނީ މެޗުތައް ބަލަމުންނެވެ.

ކަބްރޭރާ ބުނީ ސާފް ޗެމްޕިއަންޝިޕުގައި ހާސިލްކުރާނެ ވަކި އަމާޒެއް ނެތް ކަމަށާއި ބޭނުންވަނީ އެންމެ ދުރަކަށް ދިއުން ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ރަނގަޅަށް ވާދަކުރަން. އަހަރެމެން އެބަޖެހޭ ކުރިއެރުން ހޯދަން. މިއީ ޗެލެންޖެއް އަދި އަހަރެމެންނަށް މުހިއްމު މުބާރާތެއް،" އޭނާ ބުންޏެވެ.

ކަބްރޭރާ ބުނީ ބަންގްލަދޭޝްއާ ހަވާލުވެ މިވީ އަހަރެއްހާ ދުވަހު ހޯދި ކުރިއެރުންތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި ސާފް ޗެމްޕިއަންޝިޕަކީ އެކަން ދައްކަން ލިބޭ ފުރުސަތެއް ކަމަށެވެ.

ބަންގްލަދޭޝް އަށް މިހާތަނަށް މުބާރާތް ކާމިޔާބުކުރެވުނީ އެންމެ ފަހަރަކު އެވެ. އެއީ 2003 ގައި އަމިއްލަ ގައުމުގައި އޮތް މުބާރާތުގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިކޮށްގެންނެވެ. ޖެހިގެން އައި 2005 ގައި ފައިނަލަށް ދިޔަ ނަމަވެސް އިންޑިއާ އަތުން ބަލިވީ އެވެ. އޭގެ ފަހުން އެ ގައުމަށް ފައިނަލާ ހަމަޔަށް ދެވިފައެއް ނުވެ އެވެ.

އެންމެ ފަހުން އޮތް ސާފް ޗެމްޕިއަންޝިޕުގައި، 2021 ގައި ބަންގްލަދޭޝް ވަނީ ސްރީ ލަންކާ އަދި ރާއްޖެ އަތުން ބަލިވެފަ އެވެ. އެކަމަކު ޗެމްޕިއަން އިންޑިއާ އާއި ރަނަރަޕް ނޭޕާލްއާ އެއްވަރުކުރި އެވެ.