Roadha Mihaaru
މޮރިއޭރޯ އަށް ވެސް އެފްއޭމުން މުސާރައެއް ނުދޭ

މޮރިއޭރޯ އަށް ވެސް އެފްއޭމުން މުސާރައެއް ނުދޭ

26 ޖޫން 2023

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ވެސް އެފްއޭއެމުން ގަވާއިދުން މުސާރަ ނުދޭކަން، "މިހާރު" އަށް އެނގިއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ވެސް އެފްއޭއެމުން ގަވާއިދުން މުސާރަ ނުދޭކަން، "މިހާރު" އަށް އެނގިއްޖެ އެވެ.

މާލީ ގޮތުން އަނދަވަޅަކަށް ވެއްޓިފައިވާ އެފްއޭއެމުން، މުސާރަ ނުދޭ ޓެކްނިކަލް ސްޓާފުންގެ ތެރެއިން ލިސްޓްގައި ހިމެނެނީ މޮރިއޭރޯ އެކަންޏެއް ނޫނެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ޖަޕާނުގައި ކުރިއަށް ގެންދިޔަ ޓްރޭނިން ކޭމްޕްގައި އަދި ސާފް ޗެމްޕިއަންޝިޕްގައި ވެސް ޓީމާ އެކު ނުގޮސް މާލޭގައި މަޑު ކުރި ގޯލްކީޕިން ކޯޗު އަސްލަމް އަބްދުރަހީމް ވެސް ޓީމާ އެކު ނުދިޔައީ އޭނާ އަށް މުސާރަ ނުދޭތީކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.

އެކަމަކު ގައުމީ ޓީމުގައި ނުދިޔަ ސަބަބާ ބެހޭގޮތުން މީޑިއާގައި އެއްވެސް ވާހަކައެއް ދައްކާކަށް އަސްލަމް ބޭނުމެއް ނުވެ އެވެ. އޭނާގެ އިތުރުން ގައުމީ ޓީމުގެ އެެހެން ބައެއް ޓެކްނިކަލް ސްޓާފުންނަށް، މުސާރަ ނިުދޭތާ އަށެއްކަ މަސް ވެފައިވާ ކަމަށް، އެފްއޭއެމްގެ މައުލޫމާތު އެނގޭ މީހަކު "މިހާރު" އަށް ބުންޏެވެ.

ޓެކްނިކަލް ސްޓާފުން އެކަންޏެއް ވެސް ނޫނެވެ. އޮކްޓޯބަރު 2021 ގައި ޅ. ކުރެއްދޫ ރިސޯޓްގައި ގައުމީ ޓީމުން ކުޅުނު މެޗުގައި، އޭރު ސްކޮޑްގައި ހިމެނުނު ކުޅުންތެރިންނަށް ވެސް ބަރާބަރަށް އެ ފައިސާ ދިފައެއް ނުވެ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑުގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން، މާޗް މަހު ޕާކިސްތާނާ ދެކޮޅަށް ކުޅުނު ކުޅުންތެރިންނަށް އެ ފައިސާ ދީފައި ވެއެވެ. ނަމަވެސް ސާފް ޗެމްޕިއަންޝިޕްގެ ސްކޮޑްގައި ހިމެނުނު ހުރިހާ ކުޅުންތެރިންނަކަށް އެ ފައިސާއެއް ނުދެ އެވެ.

މުބާރާތުގައި އިއްޔެ ބަންގްލަދޭޝް އަތުން ބަލިވުމުން، މޮރިއޭރޯ އާއި އެފްއޭއެމް އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އިއްޔެ މެޗަށް ފަހު މީޑިއާ އާ ވާހަކަ ދައްކަން ވެސް މޮރިއޭރޯ ބޭނުމެއް ނުވި އެވެ. ޕޯސްޓް މެޗު ޕރެސް ކޮންފަރެންސަށް ހާޒިރުވި ނަމަވެސް އޭނާ ވަކި ހިސާބަކުން ޕްރެސް ދޫކޮށް ދިޔަ އެވެ. ޕްރެސް ފަށަމުން ކޯޗު ބުނީ މި މެޗުން މޮޅުވުމަކީ ވާވަރުގެ ކަމެއް ނޫން ކަމަށާއި، ހުރިހާ ދިވެހިންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އިނގިރޭސި ބަހަށް ކޮށި ކޯޗު ބުނެލި ދެތިން ބަހެއްގައި ބުނީ ފަންސަވީހަކަށް މިނެޓް ރަނގަޅަށް ކުޅުނު ކަމަށާއި އެކަމަކު މިއީ ރަނގަޅު މެޗެއް ނޫން ކަމަށެވެ.