Roadha Mihaaru
އަކްމަލް: ސްކޫލް ފުޓްބޯޅައިން އާ ތަރިއެއް

އަކްމަލް: ސްކޫލް ފުޓްބޯޅައިން އާ ތަރިއެއް

13 ފެބުރުއަރީ 2023

އަހުމަދު އަކްމަލް ނިޒާމްގެ މަންމަ ބުނެ އެވެ. ދަރިފުޅުގެ ކުޅުން އެންމެ ވައްތަރީ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުޅުމުގެ ސްޓައިލްއާ އެވެ. އޮއްޕޮގެ ރަން ދުވަސްވަރުގެ ކުޅުން އަކްމަލް އަށް ފެނިފައި ނުވީ ނަމަވެސް، އެއީ އޭނާ ނުހަނު ގަޔާވާ ކުޅުންތެރިއެކެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަހުމަދު އަކްމަލް ނިޒާމްގެ މަންމަ ބުނެ އެވެ. ދަރިފުޅުގެ ކުޅުން އެންމެ ވައްތަރީ ކުރީގެ މިޑްފީލްޑަރު އިބްރާހީމް ފަޒީލް (އޮއްޕޮ) ގެ ކުޅުމުގެ ސްޓައިލްއާ އެވެ. އޮއްޕޮގެ ރަން ދުވަސްވަރުގެ ކުޅުން އަކްމަލް އަށް ފެނިފައި ނުވީ ނަމަވެސް، އެއީ އޭނާ ނުހަނު ގަޔާވާ ކުޅުންތެރިއެކެވެ.

އެހެންވެ މަންމަގެ އެފަދަ ބަސްތަކަކީ، އުމުރުން 15 އަހަރުގެ އަކްމަލް، އެންމެ ލޯބިވާ ކުޅިވަރުން ކުރިއަށް ދިއުމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އެގޮތުގައި ކުރިއަށް ގޮސް އޭނާ އެންމެ ފަހުން ހޯދި ބޮޑު ކާމިޔާބަކީ، އެފްއޭއެމް އިންޓަ ސްކޫލް 17 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތް ހުޅުމާލޭ ރެހެންދި ސްކޫލަށް ކާމިޔާބުކޮށްދިނުމެވެ.

ތިން މަސް ދުވަހުގެ ތައްޔާރީތަކާ އެކު، ނުކުމެ ރެހެންދި ސްކޫލުން، ހުރިހާ މެޗަކުން މޮޅުވެ، އަކްމަލްގެ ކެޕްޓަންކަމުގައި ތަށި ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ އޭނާ އެވެ. ހަމައެކަނި އެއެއް ވެސް ނޫނެވެ. ފައިނަލް މެޗުގައި ރެހެންދި ސްކޫލް މޮޅުވި ގޯލް ޖަހަން އެސިސްޓްކުރީ ވެސް އަކްމަލް އެވެ. އަމިއްލަ ހާފުގައި ހުރެ މަތިން ވައްޓާލި ހިތްގައިމު އެ ބޯޅައިން އެކަނި ވެސް އޭނާގެ ހުނަރުވެރިކަން ފެނިގެންދިޔަ އެވެ. ކުރިން ނަމަ އޮއްޕޮ، މެދުތެރެއިން ވައްޓާލާ އެފަދަ ބޯޅަތަކަށް ދިވެހި ފުޓްބޯޅަ މިއަދު އޮތީ ނުހަނު ބޭނުން ޖެހިފަ އެވެ.

އަކްމަލް (ވ) ޖޫނިއާ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާ ދެކޮޅަށް ކުޅެނީ.

އަކްމަލް (ވ) ޖޫނިއާ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާއާ ދެކޮޅަށް ކުޅެނީ.

އަކްމަލްގެ ހުނަރުވެރިކަން އެންމެ ފުރަތަމަ ފާހަގަކުރީ ހުޅުމާލޭ ސްޕޯޓްސް ސްކޫލް (އެޗްއެސްއެސް) އިންނެވެ. އެ އެކަޑަމީގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ރާއްޖޭގެ އުމުރުފުރާތަކުގެ ގައުމީ ޓީމުން ފުރުސަތު ލިބެން ފެށި އެވެ. ދެން ބަދަލުވީ ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު އެއް ނަން ކަމަށްވާ، ކްލަބް ވެލެންސިއާގެ އެކަޑަމީ އަށެވެ. އެތަނުން ފުރުސަތު ހޯދައިދިނީ، އެފަދަ ދެވަނައެއް ނެތް ކުރީގެ ހުނަރުވެރި ފޯވާޑް އިސްމާއީލް އާސިފް (ކުޑަހީނާ) އެވެ. ހީނާ އަށް އަކްމަލްގެ ހުނަރުވެރިކަން ފާހަގަވީ ޖޫނިއާ ގައުމީ ޓީމުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. އަކްމަލް ވަނީ މިދިޔަ އަހަރު އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ވެލެންސިއާއާ އެކު ކާމިޔާބުކޮށްފަ އެވެ.

އަކްމަލްގެ ހުނަރު ތަރައްގީކުރަން އެންމެ ބޮޑު ފުރުސަތެއް ފަހިވީ މިދިޔަ އަހަރު ވެލެންސިއާގެ ސީނިއާ ޓީމާ އެކު ފަރިތަކުރަން ލިބުމުންނެވެ. އަކްމަލް ބުނި ގޮތުގައި އެއީ އޭނާ އަށް ލިބުނު ރަނުގެ ފުރުސަތެކެވެ.

އަކްމަލްގެ ހާއްސައީ ހަމައެކަނި އޭނާގެ ކުޅުމުގެ ހުނަރެއް ނޫނެވެ. އޭނާ އަކީ ލީޑާޝިޕް ވެސް ރަނގަޅު ކުޅުންތެރިއެކެވެ. އަކްމަލް ވަނީ 12 އަހަރުން ދަށުން ފެށިގެން 17 އަހަރުން ދަށުގެ ގައުމީ ޓީމުތަކަށް ކުޅެ، 12 އަހަރުން ދަށުގެ އުމުރުފުރާގެ ކެޕްޓަން ބޭންޑް އަޅައިފަ އެވެ. ނަތީޖާއަކަށްވީ ސްކޫލް ޓީމުގެ ކެޕްޓަންކަން ވެސް ލިބުމެވެ. އަކްމަލް ބުނި ގޮތުގައި އެކަމުގައި، ސްކޫލް ކޯޗު އަބްދުﷲ ޝުޖާއުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ.

އަކްމަލް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އަކްމަލް. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ޓީމު ރޭވުމުގައި އަޅުގަނޑުގެ ހިޔާލު ހޯދުމާއި، ކެޕްޓަނަކަށް ވެ ހުރެ އަމިއްލައަށް ޑިސިޝަން ނަގައި ޒިންމާ އަދާކުރަން ވަރަށް ބޮޑަށް ކޯޗު ބާރު އެޅި،" ރެހެންދި ސްކޫލުގެ އެކްޓިވިޓީ ކެޕްޓަންގެ ޒިންމާ ވެސް އަދާކުރާ އަކްމަލް ބުންޏެވެ.

ފުޓްބޯޅައިގައި އަކްމަލް ހޯދަމުން އަންނަ ކުރިއެރުންތަކުގައި އޭނާގެ މައިންބަފައިންގެ ދައުރު ވަރަށް ބޮޑެވެ. އެގޮތުން ފިޓްނަސްގެ ކަންކަމުގައި ބައްޕަ ބޮޑު އެހީތެރިކަމެއް ދެ އެވެ. އަދި މަންމަގެ ހިތްވަރުގެ ބަސްތައް ވެސް އޭނާގެ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރެ އެވެ.

މިހާރު އުފެދޭ ސުވާލަކީ، އަކްމަލް ސްކޫލް ނިންމާފައި ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅޭނެތޯ އެވެ؟ ފުޓްބޯޅައިން ކުރިއަށްދާ އަކްމަލްގެ ޝައުގުވެރިކަން ވަރަށް ބޮޑެވެ. އެކަމަކު ސްކޫލް ނިންމާލައިފައި ކުރިއަށް ދާނެ ވަކި ހާއްސަ ދާއިރާއެއް އަދި ނުނިންމަ އެވެ. އެކަމުގައި ގޮތެއް ނިންމާނީ އޭ ލެވެލް ނިންމުމަށް ފަހު އެވެ.

އަކްމަލް (ވ) އިންޓަ ސްކޫލް މުބާރާތުގައި ކުޅެނީ.

އަކްމަލް (ވ) އިންޓަ ސްކޫލް މުބާރާތުގައި ކުޅެނީ.

ފުޓްބޯޅައިން ކުރިއަށް ނުދާ ނަމަ އޭނާ ފެނުމުގެ ފުރުސަތު އެންމެ އެންމެ ބޮޑީ ޕްރޮފެޝަނަލް އެކައުންޓިންގެ ދާއިރާ އިންނެވެ. އެކަމަކު މިވަގުތު އޭނާ އެފަދަ ކަމަކާ ވިސްނާކަށް ބޭނުމެއް ނުވެ އެވެ. މިއީ ސްކޫލަށް ހޯދައިދެވުނު ބޮޑު ކާމިޔާބީގެ އުފާފާޅުކޮށް އެކަމުން ހިތްހަމަޖެހުން ހޯދާ ވަގުތެވެ.

"ވަރަށް އުފާވި އަޅުގަނޑުގެ ކެޕްޓަންކަމުގައި ސްކޫލަށް ފުޓްބޯޅައިން ފުރަތަމަ ފަހަރަށް ތަށި ހޯދައިދެވުމުން،" އޭނާ ބުންޏެވެ.

އެކަމަކު އަކްމަލް ބުނި ގޮތުގައި މިއީ މުޅި ޓީމުގެ މަސައްކަތެވެ. މިކަމުގައި މުޅި ސްކޫލުގެ އެހީތެރިކަން ޓީމަށް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ވަރަށް ގުޅިގެން ބުރަކޮށް މަސައްކަތް ކުރި ކާމިޔާބު ހޯދަން. ސްކޫލްގެ ސީނިއާ މެނޭޖްމަންޓާ ޕްރިންސިޕަލް ވެސް މުބާރާތަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ޓީމާ ގުޅިގެން ކަންކަން ކުރިއަށް ގެންދިޔައީ"