Roadha Mihaaru
20 އަހަރަށް ފަހު އިންޓަސްކޫލުގެ ތަށި ސީއެޗްއެސްއީއަށް

20 އަހަރަށްފަހު ސީއެޗްއެސްއީ އިން އިންޓަ ސްކޫލުގެ ތަށި ހޯދައިފި

24 ޑިސެމްބަރ 2022

ފައިނަލް ގައި ކެޔޮދޫ ސްކޫލާ ވާދަކޮށް 4-1 އިން މޮޅުވެގެން ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ފައިނަލް ގައި ކެޔޮދޫ ސްކޫލާ ވާދަކޮށް 4-1 އިން މޮޅުވެގެން ސެންޓަަ ފޯ ހަޔަ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިން އެފްއޭއެމް 19 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރާއްޖޭގެ ކުރީގެ އެއް ވަނަ ފޯވާޑް އަދި މިހާރުގެ ޟަޖިލިސް މެންބަރު އަހުމަދު ތޯރިގް (ޓޮމް) ގެ މޮޅު ކުޅުމާއެކު 2001 ގެ ފަހުކޮޅު، 18 އަހަރުން ދަށުގެ އިންޓަ ސްކޫލް ޗެމްޕިއަންކަން އެ ސްކޫލަށް ކާމިޔާބު ކޮށްދިން ފަހުން، އެ މުބާރާތުގެ ތަށި އެ ސްކޫލަށް ލިބުނު ފުރަތަމަ ފަހަރެވެ. އެ ފަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ވެސް ޓޮމް އެވެ. އެއީ އިންޓަ ސްކޫލްގެ ތަށި ސީއެޗްއެސްއީ އިން ހޯދި ފުރަތަމަ ފަހަރެވެ.

ސީއެޗްއެސްއީ ގެ ސަޕޯޓަރުން ފައިނަލް މެޗުގައި ޓީމަށް ތަރުހީބު ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސީއެޗްއެސްއީ ގެ ސަޕޯޓަރުން ފައިނަލް މެޗުގައި ޓީމަށް ތަރުހީބު ދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭގެ ފަހުން 2019 ގައި މުބާރާތް ކާމިޔާބު ކުރުމާ އެންމެ ގާތަށް ދިޔަ އެވެ. އެ އަހަރުގެ 18 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލް ގައި ކުޅުނު ނަމަވެސް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް (ވީއަައިއެޗްއެސް) އަތުން ބަލިވީ 2-0 އިންނެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ސީއެޗްއެސްއީގެ ހަތަރު ލަނޑު ވެސް ފުރަތަމަ ހާފުގައި ވަނީ ކާމިޔާބު ކޮށްފަ އެވެ. މުހައްމަދު ފައިޒާން ފަޒީން ދެ ގޯލު ކާމިޔާބު ކޮށްދިން އިރު، އަހުމަދު ޔަޒީން މަހްދީ އާއި އަބްދުﷲ ޝާޔާން ވެސް ގޯލެއް ޖަހައިފައި ވެއެވެ.

ޔަޒީން، ސީއެޗްއެސްއީގެ ދެވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔަޒީން، ސީއެޗްއެސްއީގެ ދެވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެޔޮދޫ ސްކޫލްގެ ހަމައެކަނި ގޯލު ފަހު ހާފުގައި ޖަހައިދިނީ ދެވަނަ ހާފުގައި ކުޅެން ނުކުތް ޝާއިގް އާދަމް މުހައްމަދެވެ. ކައުންޓާ އެޓޭކްތަކުގައި އެޓީމުމަށް ގޯލު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ނިންމާނުލެވުނީ އެވެ.

ދެވަނަ ހާފުގައި ސީއެޗްއެސްއީ އަށް އިތުރު ގޯލުތަކެއް ނުދޭން ކެޔޮދޫ ސްކޫލް ޓީމުގެ ގޯލްކީޕަރު އިބްރާހިމް ޔަނާލް މުހައްމަދު ވަނީ މުހިއްމު ސޭވްތަކެއް ކޮށްފަ އެވެ. މީގެ އިތުރުން ޓީމުގެ ޑިފެންސުގައި ކެޕްޓަން ނާއިލް މުހައްމަދު ނަސީރު ވެސް ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ކެޔޮދޫ ސްކޫލްގެ ކީޕަރު ޔަނާލް، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ސީއެޗްއެސްއީ ގެ ދައްޔާން ހުއްޓުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެޔޮދޫ ސްކޫލްގެ ކީޕަރު ޔަނާލް، މުބާރާތުގެ މޮޅު ކުޅުންތެރިޔާ، ސީއެޗްއެސްއީ ގެ ދައްޔާން ހުއްޓުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަސް ޓީމު ވާދަކުރި މުބާރާތުގެ ފައިނަލުން ކެޔޮދޫ ސްކޫލް ޖާގަ ހޯދީ ލީގު ބުރުގެ އެއްވެސް މެޗަކުން ބަލި ނުވެ، އެއްވަނަ ހޯދައިގެންނެވެ. ލީގު ބުރުގައި ކެޔޮދޫ ސްކޫލު ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވަރު ވީ ވެސް ސީއެޗްއެސްއީ އާ ދެކޮޅަށް ކުޅުނު މެޗުން އެކަންޏެވެ. އެ މެޗު އެއްވަރުވީ 0-0 އިންނެވެ.

ސީއެޗްއެސްއީ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗުގައި ވީއަައިއެޗްއެސް ގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި ތިން ޓީމުގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އެވެ.

ޗެމްޕިއަންކަން ހޯދުމާ އެކު ސީއެޗްއެސްއީ ގެ ކުޅުންތެރިން، އެޓީމުގެ ކޯޗު ސުޒެއިރު އުފުލާލައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޗެމްޕިއަންކަން ހޯދުމާ އެކު ސީއެޗްއެސްއީ ގެ ކުޅުންތެރިން، އެޓީމުގެ ކޯޗު ސުޒެއިރު އުފުލާލައިގެން އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އަހުމަދިއްޔާގެ މުހައްމަދު އައިހަމް އެވެ. އަދި އެންމެ މޮޅު ކުޅުންތރިއަކަށް ހޮވުނީ ސީއެޗްއެސްއީ ގެ ދައްޔާން އަހުމަދެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ ސީއެޗްއެސްއީގެ ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ. ސުޒެއިރަކީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އެސިސްޓެންޓް ކޯޗެވެ. ފެއާޕްލޭ ޓީމަކަށް ހޮވުނީ ރަނަރަޕް ކެޔޮދޫ ސްކޫލެވެ.