Roadha Mihaaru
ޔޫކްރޭނަށް ފައިޓާ ޖެޓް ދޭން އިނގިރޭސިން ޖެހިލުންވެއްޖެ

ޔޫކްރޭނަށް ފައިޓާ ޖެޓް ދޭން އިނގިރޭސި ވިލާތުން ޖެހިލުންވެއްޖެ

10 ފެބުރުއަރީ 2023

ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި ވިލާތުގެ ސަލާމަތަށް ނުރައްކާ ވާ ނަމަ ޔޫކްރޭނަށް ހަނގުރަމަ މަތީ މަތިންދާބޯޓް ނުފޮނުވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި ވިލާތުގެ ސަލާމަތަށް ނުރައްކާ ވާ ނަމަ ޔޫކްރޭނަށް ހަނގުރަމަ މަތީ މަތިންދާބޯޓް ނުފޮނުވާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އިއުލާންކޮށްފި އެވެ.

ރަޝިއާ އާއި ޔޫކްރޭނުގެ ހަނގުރާމައިގައި އިނގިރޭސި ވިލާތުން ތާއިދާއި މަދުދު ދެނީ ޔޫކްރޭނަށެވެ. އެކަމަކު އެ ގައުމަށް ހަނގުރާމަ މަތިންދާބޯޓުތައް ފޮނުވަން ވިސްނަމުންދާތީ އިނގިރޭސިވިލާތަށް ނުރައްކާ ވެދާނެ ކަމުގެ ބިރު މިހާރު އޮތީ ކުރިމަތިވެފަ އެވެ.

ކުރިމަތި ވެދާނެ ނުރައްކާތަކުގެ މައްޗަށް އެ ގައުމުގެ ސަރުކާރުން ސަމާލުވެފައިވާ ކަމަށް ބޮޑު ވަޒީރުގެ އޮފީހާ ހަވާލާދީ އިނގިރޭސި ވިލާތުގެ ޕްރެސް އެސޯސިއޭޝަން ނިއުސް އެޖެންސީން ބުނެ އެވެ.

މަތިންދާބޯޓްތައް ފޮނުވުމުން ނޭޓޯ ހަމަނުޖެހުމުގެ ތެރެއަށް ހިނގައިދާނެތީ އިނގިރޭސިވިލާތާ ގާތް އެކުވެރި ގައުމުތަކުގެ ކަންބޮޑުވުންތަކާ ބެހޭގޮތުން ސުވާލު ކުރުމުން ބޮޑު ވަޒީރު ރީޝީ ސުނަކުގެ ތަރުޖަމާން ވިދާޅުވީ އިނގިރޭސި ވިލާތުން ޔޫކްރޭނަށް މަތިންދާބޯޓް ފޮނުވަން މިހާތަނަށް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެން އެކަން ކުރަނީ ވިސްނުންތެރިކަމާއެކު. އަޅުގަނޑުމެންނަށް އެނގޭ ކުރިމަތިވެދާނެ ނުރައްކާތައް،" ތަރުޖަމާން ވިދާޅުވި އެވެ.

"އިނގިރޭސި ވިލާތުގައި ގިނަ އަދަދެއްގެ ރަނގަޅު ފެންވަރުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓްތައް އެބަހުރި. އެފް-35 ބޯޓުތައް އެބަހުރި. ހަމަ ޔަގީނުން ވެސް އަޅުގަނޑުމެން ދުވަހަކު ވެސް މި ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ނުކުރާނަން،" އޭނާ ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި ހުރި ހަނގުރާމަ މަތީ މަތިންދާބޯޓްތަކުގެ ތެރެއިން އަނެއް ބްރޭޑަކީ "ޓައިފޫންސް" ގެ ނަން ދީފައިވާ ބޯޓެވެ. އެކަމަކު އެ ބޯޓް އެހެން ގައުމަކަށް ދޭ ނަމަ ނޭޓޯގެ މެންބަރު ގައުމުތަކުގެ ތެރެއިން ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގެ ހުއްދަ ހޯދަން ޖެހޭނެ އެވެ. އެފް-35 ދޭނަމަ އެމެރިކާ އާއެކު އެއްބަސްވުން ހަދަން ޖެހޭނެ އެވެ.

ނޭޓޯގެ ފެންވަރަށް ފެތޭވަރުގެ ހަނގުރާމައިގެ އާލަތްތައް ޔޫކްރޭނަށް ދިނުމުގައި އެހެން ގައުމުތަކާ މަޝްވަރާ ކޮށްގެން ކުރިއަށް ދިއުމަށް މަސައްކަތް ކުރާނެ ކަމަށް ސުނަކުގެ ތަރުޖަމާން ވިދާޅުވި އެވެ.