Roadha Mihaaru

ދާއިމީ ކޯޗަކު ނެތް ލީޑްސްއާ ދެކޮޅަށް ޔުނައިޓެޑަށް މޮޅެއް ނުވެވުނު

މެންޗެސްޓާ (ފެބްރުއަރީ 9) - ކޯޗު ޖެސީ މާޝް މަގާމުން ބޭރުކޮށް، ވަގުތީގޮތުން އެސިސްޓެންޓް ކޯޗުންނާ އެކު ކުޅުނު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެ އެވެ.

ލީޑްސްއާ ދެކޮޅަށް ޔުނައިޓެޑަށް މޮޅެއް ނުވެވުނު
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

09 ފެބުރުއަރީ 2023

މެންޗެސްޓާ (ފެބްރުއަރީ 9) - ކޯޗު ޖެސީ މާޝް މަގާމުން ބޭރުކޮށް، ވަގުތީގޮތުން އެސިސްޓެންޓް ކޯޗުންނާ އެކު ކުޅުނު ލީޑްސް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރު ވެއްޖެ އެވެ.

ލީޑްސް ޔުނައިޓެޑުން ވަނީ އަވަސް ކައުންޓާ އެއްގައި ފުރަތަމަ މިނިޓުގައި ލަނޑެއް ޖަހައި ލީޑް ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ވިލްފްރެއިޑް ގްނޮންޓޯ އެވެ. އަދި ލީޑު ފުޅާ ކުރީ ދެވަނަ ހާފު ފެށިގެން ތިންވަނަ މިނިޓުގައި ކްރައިސެންސިއޯ ސަމާވިލް ހުރަސް ކޮށްލި ބޯޅައެއް ރަފޭލް ވަރާން ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުން ނަތީޖާ އަނބުރާލަން އަލެހަންޑްރޯ ގާނާޗޯ އަށް ވަނީ ގޯލު ޖަހަން ދެ ފުރުސަތެއް ލިބި ބޭކާރު ވެފަ އެވެ. ފުރަތަމަ ފޮނުވާލި ހަމަލާ ގޯލު ތިރީ ކަނާ ދިމާލުން ބޭރަށް ދިޔައިރު، ދެވަނަ ފުރުސަތުގައި ކީޕަރު އިޔާން މެސްލިއާ ކައިރިން ނައްޓާފައި ފޮނުވާލި ހަމަލާ ޑިފެންޑަރަކު ވަނީ ބޮލުން ދިފާއު ކޮށްފަ އެވެ. ޔުނައިޓެޑުން ފަހު ހާފުގައި އެއްވަރު ކުރީ މާކޮސް ރަޝްފޯޑާއި ޖޭޑަން ސަންޗޯ ޖެހި ގޯލުތަކުންނެވެ.

ސަންޗޯ (ވ)، އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސަންޗޯ (ވ)، އެއްވަރު ކޮށްދިން ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފަރަގު ކުޑަ ކުރަން ރަޝްފޯޑް ލަނޑު ޖެހީ 62 ވަނަ މިނިޓުގައި ޑިއޯގޯ ޑަލޯ ނަގައިދިން ހުރަހެއް ބޮލުން ގޯލު ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އަނިޔާގައި ހުރި ޑަލޯ ރަނގަޅު ވެގެން އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ. މިޑްފީލްޑަރު ކާލޯސް ކަސެމީރޯ ސަސްޕެންޑް ވުމާ އެކު ކޯޗު އެރިކް ޓެން ހަގް ވަނީ ބެޔާން މިއުނިކުން ލޯނަށް ގެނައި މާސެލް ސަބިޓްޒާ ވެސް ފުރަތަމަ 11 ގައި ކުޅުވައިފަ އެވެ.

ނަތީޖާ އެއްވަރު ކުރި ލަނޑު ދެވަނަ ހާފުގައި ކުޅެން ނުކުތް ސަންޗޯ ޖަހައިދިނީ 70 ވަނަ މިނިޓުގަ އެވެ. އޭގެ ކުރިން ލީޑްސްގެ ބްރެންޑެން އާރޮންސަން ދުރުން ފޮނުވާލި ހިލޭޖެހުމެއް ގޯލު ދަނޑިއަށް އަމާޒު ވިއެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑަށް ވަނީ އެއް މެޗު އިތުރަށް ކުޅެގެން ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓްގެ ގޮތުން އެއްވަރު ކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ޔުނައިޓެޑް ތިންވަނައިގައި އޮތީ 22 މެޗުން 43 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ސިޓީ ކުޅުނު 21 މެޗުން ވަނީ 45 ޕޮއިންޓް ހޯދައިފަ އެވެ.

އަމިއްލަ ދަނޑުގައި ޔުނައިޓެޑުން މޮޅުވަމުން އައި 13 މެޗުގެ ސިލްސިލާ ނިމުމަކަށް ގެނައި ލީޑްސް ޔުނައިޓެޑް އޮތީ 21 މެޗުން 19 ޕޮއިންޓް ހޯދައިގެން 16 ވަނައިގަ އެވެ.

ލީޑްސް އަށް ރޭގެ މެޗުގައި އިރުޝާދު ދިނީ ވަގުތީގޮތުން ކޯޗިން ޓީމާ ހަވާލުވެގެން ތިބި މައިކަލް ސްކުބާލާ އާއި ކްރިސް އެޑަމްސް އަދި ޕަކޯ ގަލާޑޯ، މި ތިން ކޯޗުން ވެގެންނެވެ.

ލީޑްސް އިން އާ ކޯޗެއް ހޯދަން މަސައްކަތް ކުރަމުން އަންނައިރު، އެޓީމުން ތިން ކޯޗެއް ޝޯޓްލިސްޓް ކޮށްފައި ވާކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ. އެއީ ރަޔޯ ވަޔެކާނޯގެ ކޯޗު އެންޑޯނީ އިރައޯލާ އާއި އާޖެންޓީނާގެ މާސެލޯ ގަލާޑޯ އަދި ނެދަލެންޑްސްގެ ފެއިނޫޑްގެ ކޯޗު އާނީ ސްލޮޓް އެވެ.