Roadha Mihaaru
އެކަކު "ގުރުބާންވެގެން" ކުށުން ރެކުން ނިމުމަކަށް!

އެކަކު "ގުރުބާންވެގެން" ޑްރަގް މައްސަލަތަކުން ސަލާމަތްވުން ނިމުމަކަށް!

08 ފެބުރުއަރީ 2023

ތަހުގީގުގައި އެއް ބަޔަކު ތިބެނީ ހަނެވެ. ފުލުހުން ކިތަންމެ ގިނަ ހެކިތަކެއް އެއްކޮށްފައި ހުއްޓަސް، އަނެއް ބަޔަކު އެ ތުހުމަތަށް އިންކާރު ކުރުން ފިޔަވައި މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް ޑްރަގް މައްސަލަތަކުގައި ޝަރުއީ މަރުހަލާއިން ސަލާމަތްވެގެން ދަނީ ކުއްލި ސަޕްރައިޒަކުންނެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ތަހުގީގުގައި އެއް ބަޔަކު ތިބެނީ ހަނެވެ. ފުލުހުން ކިތަންމެ ގިނަ ހެކިތަކެއް އެއްކޮށްފައި ހުއްޓަސް، އަނެއް ބަޔަކު އެ ތުހުމަތަށް އިންކާރު ކުރުން ފިޔަވައި މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ. އެހެން ނަމަވެސް ޑްރަގް މައްސަލަތަކުގައި ޝަރުއީ މަރުހަލާއިން ސަލާމަތްވެގެން ދަނީ ކުއްލި ސަޕްރައިޒަކުންނެވެ.

މަސްތުވާތަކެތި ފެނުނު ތަނަކީ ދައުވާލިބޭ މީހާގެ ތަނެއް ނޫން ކަމަށާއި އެތަނަކީ ތިމާގެ ތަނެއް ކަމަށް ބުނެ، އެ މައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ޒިންމާ ކޯޓުގައި ނަގަނީ ދިފާއީ ހެކިވެރިއެކެވެ. އެ ސަޕްރައިޒް ހެކިވެރިޔާގެ ބަހާ އެކު، ދައުވާލިބޭ މީހާ ސަލާމަތް ވަނީ އެވެ.

ޑްރަގް މައްސަލަތަކުގައި ބޭނުންކުރާ އެންމެ ބޮޑު އުކުޅަކީ އަދި ދައުލަތަށް ކުރިމަތިވާ އެންމެ ބޮޑު ހުރަހަކީ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ކޯޓުގައި ނަގައިގެން، އަސްލު ދައުވާލިބޭ މީހާ ސަލާމަތް ކުރުމެވެ. ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭތީ ނަގަނީ އޭގެ ނާޖާއިޒް ފައިދާ އެވެ.

އެހެން ނަމަވެސް ހައި ކޯޓުން ދާދިފަހުން ނިންމި ނިންމުމަކާ އެކު، މި ދޮރު ވަރަށް ބޮޑަށް ހަނިވެއްޖެ އެވެ. މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު އަމިއްލައަށް ނަގައި، ކޯޓުގައި ހެކިބަސް ދީގެން ދައުވާލިބޭ މީހާ ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން ދާދިފަހުން ވަނީ އެ މީހާ އުމުރަށް ޖަލަށް ލައިފަ އެވެ.

ދަށު ކޯޓުން އެ މީހާ ސަލާމަތްވި ސަބަބަކީ އޭނާ އަތުގައި އޮތް ފޮށިގަނޑަކުން ފެނުނު ޑްރަގަކީ އޭނާގެ ބޭބެގެ އެއްޗެއް ކަމަށް ބުނެ ބޭބެ ހެކިބަސް ދިނުމެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެހެން މީހަކު އޭގެ ޒިންމާ އުފުލާ ކަމަށް ބުނެ ދޭ ހެކިބަހަކުން، ދައުވާލިބޭ މީހާ ސަލާމަތް ނުވާނެ ކަމަށެވެ.

"ވާހަކަ ދައްކާފައިވާ ވަގުތާއި ހާލަތާއި އެކަމުގެ ވަށައިގެންވާ ކަންކަމުގެ މައްޗަށް ބަލައި ނަޒަރު ކުރުމެއް ނެތި ހަމައެކަނި އެ ބައެއްގެ ހިޔާޒަތުގެ ދަށުން އެ ތަކެތި ފެނުނު މީހުން އެ މަސްތުވާތަކެއްޗާ މެދު އުފުލަންޖެހޭ ޒިންމާއިން ބަރީއަ ކުރުމަކީ ހަމަޖެހޭ ގޮތެއް ނޫނެވެ." ހުކުމުގައިވެ އެވެ.

"މިފަދަ ބަޔާންތައް ޝަރީއަތުން ގަބޫލު ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިއުތިރާފަށް ބާރު ލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭ އިތުރު ހެކިތަކެއް ހުރިކަން ކަށަވަރުކުރަން ވާނެ."
އަތުލައިގެންފައިވާ ޑްރަގްތަކެއް ނައްތާލަނީ --- ފޮޓޯ/މިހާރު

އަތުލައިގެންފައިވާ ޑްރަގްތަކެއް ނައްތާލަނީ --- ފޮޓޯ/މިހާރު

މަސްތުވާތަކެއްޗާ ބެހޭ ގާނޫނު އޮންނަ ގޮތުން، އެކަކަށް ވުރެ ގިނަ މީހުންނަށް އެނގި ތިބި އޭގެ ތެރެއިން އެކަކުގެ އަތުގައި ޑްރަގް ބެހެއްޓިޔަސް އެއިން ކޮންމެ މީހެއްގެ އަތުގައި ވަކިވަކިން ޑްރަގް ހުރީ ކަމަށް ބެލެވޭނެ އެވެ. މާނައަކީ ކޮންމެ މީހެއްގެ އަތުން ވަކިވަކިން ޑްރަގް ފެނުން ލާޒިމެއް ނޫނެވެ.

މިގޮތަށް ގާނޫނުގައި ލިޔުނީ ވެސް ޑްރަގް ނެޓްވޯކްތައް ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރާއިރު "އެކަކު ގުރުބާން ކުރާތީ" އެވެ. ވަކިން ހާއްސަކޮށް، ޖިނާއީ ކުށުގެ ޒިންމާ އުފުލަން ނުޖެހޭ ވަރުގެ ކުޑަކުދިން ވެސް މި ވިޔަފާރީގެ ނިވާފަތްގަނޑަކަށް ބޭނުންކޮށް، އަސްލު ބޮޑުން ގާނޫނުގެ ދިގު އަތުން ސަލާމަތްވާތީ އެވެ.

"ގުޅުން އޮތް މީހަކު ހިމާޔަތް ކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިއުތިރާފްވުމަކީ ކޮށްފާނެ ކަމެއް..."

މިގޮތަށް 2011 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގައި އޮތަސް، ނިޒާމު އޮތްގޮތުން މިކަމުން ރެކި ގަތުމުގެ ދޮރު ހުޅުވިފައި އޮތީ ތަހުގީގުގައި ނުދައްކާ ހެކިތައް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ދައުވާލިބޭ މީހާއަށް އޮތުމުންނެވެ. ސަޕްރައިޒް ހެކިވެރިންގެ ކޯޓުގައި ހުށަހަޅަން ފުރުސަތު ލިބެނީ ވެސް އެ ސަބަބާ ހެދި އެވެ.

މިފަދަ ހެކިވެރިންގެ ޑްރަގްގެ ޒިންމާ ނަގަނީ ހެކިވެރިއެއްގެ ހައިސިއްޔަތުން ދައްކާ ވާހަކަތަކާ ގުޅިގެން އަދަބެއް ނާންނާނެކަން އެނގޭތީ އެވެ. ބައެއް ފަހަރު ބޮޑެތި ނެޓްވޯކްތައް އަތުލައިގަތުމުން، ގިނަ މީހުން ސަލާމަތް ކުރުމަށްޓަކައި އޭގެ ތެރެއިން އެކަކު އޭގެ ޒިންމާ ނަގާފައި ވެސް އެބަހުއްޓެވެ.

ހައި ކޯޓް --- ފޮޓޯ/މިހާރު

ހައި ކޯޓް --- ފޮޓޯ/މިހާރު

ހައި ކޯޓުގެ ހުކުމުގައިވާ ގޮތުން ޑްރަގްގެ ޒިންމާ ނަގާ ކަމަށް ބުނެލާ ބުނެލަމުން ދެން ނުފުދޭނެ އެވެ.

"އިއުތިރާފަށް ބާރުދޭ އިތުރު ހެކިތަކެއް ނުދެއްކޭ ކަމަށްވާނަމަ އެފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެ."

ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވާ މަސްތުވާތަކެތީގެ ޒިންމާ އެހެން މީހަކު ނަގާ ކަމަށް ބުންޏަސް، އެއަށް ބާރު ލިބޭ އެހެން ހެކިތައް ހުންނަން ޖެހޭނެ އެވެ. އަދި އެ ބަހަށް ބާރު ލިބޭ އެހެން ހެއްކެއް ނެތްނަމަ އެއަށް ބުރަދަނެއް ނުދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

"އެފަދަ ބަޔާންތަކަކީ ޝައްކު އުފެދޭ މަހައްލެއްގައި ދޭ ބަޔާނަކަށްވުމުގެ އިހްތިމާލު އޮވެދާނެތީ މިފަދަ ބަޔާންތައް ޝަރީއަތުން ގަބޫލު ކުރުމުގައި ހާއްސަ ފަރުވާތެރިކަމެއް ބަހައްޓައި، އެ އިއުތިރާފަށް ބާރު ލިބޭކަން ނުވަތަ ކޮރޮބޮރޭޓް ކުރެވޭ އިތުރު ހެކިތަކެއް ހުރިކަން ކަށަވަރުކުރަން ވާނެ." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމް އޮތްގޮތުން، ވަކިން ހާއްސަކޮށް ތަހުގީގުގައި ހަނު ހުރެފިނަމަ ނުވަތަ އެ ޑްރަގަކީ އެހެން މީހެއްގެ އެއްޗެއް ކަމަށް ތަހުގީގުގައި ބުނެފައިނުވާ ނަމަ ކޯޓުގައި ދިފާއީ ހެކިން ދައްކާ ވާހަކައަށް ބުރަދަނެއް ނުދެވޭނެ އެވެ. އެ މައްސަލާގައި ވެސް ކަން ހިނގީ އެފަދަ ގޮތަކަށެވެ.

ހުކުމުގައިވާ ގޮތުން ކުށްކުރާ މީހުން ސަލާމަތްވެވޭ ގޮތަށް ނިޒާމުގައި ހުރި ބާގަނޑުތަކަށް ޖާގަ ނުދެވޭނެ އެވެ.

"އެ މީހަކާ ގުޅުން އޮތް މީހަކު ހިމާޔަތް ކުރުމުގެ ގޮތުން ޖިނާއީ އަދުލުގެ ނިޒާމު ހަލާކުކޮށްލުމަށް މިފަދަ ކުށަކަށް އިއުތިރާފްވުމަކީ ކޮށްފާނެ ކަމެއް ކަމުގެ އިހްތިމާލު އޮތްއިރު އެ އިއުތިރާފަށް ބާރުދޭ އިތުރު ހެކިތަކެއް ނުދެއްކޭ ކަމަށްވާނަމަ އެފަދަ އިއުތިރާފެއް ކޯޓުން ބަލައިގަނެގެން ނުވާނެ." ހުކުމުގައިވެ އެވެ.

ހައި ކޯޓުގެ ހުކުމަކީ ޑްރަގް މައްސަލަތަކުގައި މީހުން އެއް ބަޔަކު ގުރުބާންވެގެން ނުވަތަ ސަޕްރައިޒް ހެކިވެރިން ގެނެސްގެން ދައުވާލިބޭ މީހުން ޝަރުއީ މަރުހަލާއިން ސަލާމަތްވުން ހުއްޓުވުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެކެވެ.