Roadha Mihaaru

ކްލަބް ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ރެއާލްގެ ފަހު މެޗު މިރޭ

ޕާމާ (ފެބްރުއަރީ 5) - މިދިޔަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލް މެޑްރިޑް، މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ކުޅޭ ފަހު މެޗުގައި މިރޭ ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ދެކޮޅަށް ނުކުންނާނެ އެވެ.

ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ރެއާލްގެ ފަހު މެޗު މިރޭ
މުހައްމަދު ޒަޔާން ޒާހިރު
މުހައްމަދު ޒަޔާން ޒާހިރު

05 ފެބުރުއަރީ 2023

ޕާމާ (ފެބްރުއަރީ 5) - މިދިޔަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ރެއާލް މެޑްރިޑް، މި އަހަރުގެ ފީފާ ކްލަބް ވޯލްޑް ކަޕަށް ފުރުމުގެ ކުރިން ކުޅޭ ފަހު މެޗުގައި މިރޭ ރަށުން ބޭރުގައި ރެއާލް މަޔޯކާއާ ދެކޮޅަށް ނުކުންނާނެ އެވެ.

މިދިޔަ ސީޒަން ގައި ސްޕެނިޝް ލީގު ވެސް ނެގި ރެއާލް ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެއް މެޗުން ބަލިވެ، އެއް މެޗު އެއްވަރު ވެގެން އެ ޓީމާއި މިވަގުތު އެ އްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު ވަނީ ފަސް ޕޮއިންޓަށް ފަރަގު ބޮޑު ވެފަ އެވެ.

ބާސެލޯނާ މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ސެވިއްޔާއާ ދެކޮޅަށެވެ. އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ.

ރެއާލާއި މަޔޯކާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރު އޮއްސި 6 ޖަހާއިރެވެ.

ކްލަބް ވޯލްޑް ކަޕް ފެށިގެން ކުރިއަށް

މޮރޮކޯ ގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެށި ކްލަބް ވޯލްޑް ކަޕް ގައި ރެއާލް މެޑްރިޑް ކުޅޭ ސެމީ ފައިނަލް މެޗު އޮންނާނީ ބުދަ ދުވަހުގެ ރެއެވެ. އިދިކޮޅުން ނުކުންނާނީ މިސްރުގެ އަލް އަހްލީ އެވެ.

އަހްލީ ވަނީ ރޭ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ލަނޑު ޖަހައި 1-0 އިން މިދިޔަ އަހަރުގެ ކޮންކާކަފް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި އެމެރިކާގެ ސީޓްލް ސައުންޑާސް ބަލިކޮށްފަ އެވެ.

އަހްލީ އަކީ މިދިޔަ ސީޒަންގެ އެފްރިކާ ބައްރުގެ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ހޯދި ޓީމެވެ. އެ ޓީމު ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި، އޯޝޭނިއާ ސަރަހައްދުގެ ޗެމްޕިއަނުން ނިއުޒިލެންޑްގެ އޮކްލޭންޑް ސިޓީ 3-0 އިން ބަލިކޮށްފަ އެވެ.

ސެމީގައި ދެން ވާދަކުރާނީ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮޕާ ލިބަޓަޑޯރެސް ކާމިޔާބު ކުރި ބްރެޒިލްގެ ފްލަމެންގޯ އާއި ސައުދީ އަރަބިއްޔާގެ އަލް ހިލާލް އެވެ.

އަލް ހިލާލް ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯގެ ވިދާދު ކަސަބްލަންކާ ބަލިކޮށްފަ އެވެ. ދެ ޓީމު ކުޅުނު މެޗު 1-1 އިން އެއްވަރު ވުމުން ޖެހި ޕެނަލްޓީގައި ހިލާލް ކުރި ހޯދީ 5-3 އިންނެވެ.

ވިދާދު ކަސަބުލަންކާ އަކީ މިދިޔަ ސީޒަންގެ އެފްރިކާ ބައްރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމެވެ. ހިލާލަކީ 2021 ވަނަ އަހަރުގެ އޭޝީއާގެ އޭއެފްސީ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ކްލަބެވެ. މިދިޔަ އަހަރު ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އަދި ނުނިމޭތީ، އޭއެފްސީ އިން ނިންމީ މި މުބާރާތަށް ހިލާލް ފޮނުވާށެވެ.