Roadha Mihaaru

އެކަކު މަދުކޮށް ކުޅެގެން ވެސް ރެއާލް މޮޅުވެއްޖެ

ޗާލޮޓް (ޖޫން 23) - މެޗުގެ ހަތް ވަނަ މިނިޓުގައި ޑިފެންޑަރު ރައުލް އަސެންސިއޯ އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން މެޗުގެ ބާކީ ބައި އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ރެއާލް މެޑްރިޑް ރޭ ފީފާ ކްލަބް ވޯލްޑް ކަޕުގައި 3-1 އިން މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފި އެވެ.

އެކަކު މަދުކޮށް ކުޅެގެން ވެސް ރެއާލް މޮޅުވެއްޖެ

ޗާލޮޓް (ޖޫން 23) - މެޗުގެ ހަތް ވަނަ މިނިޓުގައި ޑިފެންޑަރު ރައުލް އަސެންސިއޯ އަށް ރަތް ކާޑެއް ދެއްކުމާ ގުޅިގެން މެޗުގެ ބާކީ ބައި އެކަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ރެއާލް މެޑްރިޑް ރޭ ފީފާ ކްލަބް ވޯލްޑް ކަޕުގައި 3-1 އިން މެކްސިކޯގެ ޕަޗޫކާ ބަލިކޮށްފި އެވެ.

އެކަކު މަދުކޮށް ވެސް ރެއާލުން ފުރަތަމަ ހާފު ނިންމާލީ ބަދަލެއް ނުކޮށް، ދެ ގޯލާ އެކު އެވެ. ޖޫޑް ބެލިންހަމް އާއި އާޑާ ގޫލާ ވެސް ގޯލު ޖަހައިފައި ވަނީ ޒުވާން ފޯވާޑް ގޮންޒާލޯ ގާސިއާ ތަނަވަސް ކޮށްދިން ފުރުސަތުތަކުންނެވެ.

ނަމަވެސް ދެ ވަނަ ހާފަށް ކޯޗު ޒަބީ އޮލޮންސޯ، ރެއާލް މެޑްރިޑް ނެރުނީ ގާސިއާގެ ބަދަލުގައި މިޑްފީލްޑަރު ބްރަހީމް ޑިއާޒް އަރުވައިގެންނެވެ. މެޗުގެ 70 ވަނަ މިނިޓުގައި ފެޑެރިކޯ ވެލްވާޑޭ އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ ޑިއާޒްގެ އެސިސްޓަކުންނެވެ.

މިއީ އޮލޮންސޯ ރެއާލްގެ ކޯޗުކަމާ ހަވާލު ވުމަށް ފަހު އެ ޓީމު ކުޅުނު ދެ ވަނަ މެޗެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާގެ އަލް ހިލާލާ ވާދަކޮށް 1-1 އެއްވަރުވި ނަމަވެސް ދެ ވަނަ މެޗުން މޮޅުވެގެން މިވަނީ މުބާރާތުގައި ކުރިއަށް ދިޔުމުގެ އުންމީދު ހޯދައިފަ އެވެ.

މި މެޗުގައި ވެސް ރެއާލްގެ ތަރި ކިލިއަން އެމްބާޕޭ ކުޅެފައެއް ނުވެ އެވެ. ގޭސްޓްރޯއެންޓަރައިޓިސް އަށް ފަރުވާދޭން ހޮސްޕިޓަލުގައި އެޑްމިޓް ވެސް ކުރި އެމްބާޕޭ މިހާރު ދޫކޮށްލާފައި ވާއިރު، ކޯޗު އޮލޮންސޯ ބުނީ ކުރިއަށް އޮތް މެޗަށް އެމްބާޕޭ ރިކަވާވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ނަތީޖާއާ އެކު ގުރޫޕް އެޗްގެ ރެއާލް މެޑްރިޑާއި އޮސްޓްރިއާގެ ރެޑް ބުލް ސަލްޒްބާގަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަލް ހިލާލަށް ދެ ޕޮއިންޓް ލިބިފައި ވާއިރު ޕަޗޫކާ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވެފަ އެވެ.

ގުރޫޕް ޖީގެ މެންޗެސްޓާ ސިޓީ އާއި ޔުވެންޓަސް ވެސް ވަނީ ކުޅުނު ދެވަނަ މެޗުު ވެސް ކާމިޔާބު ކޮށްގެން ނޮކައުޓް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.

މެންޗެސްތާ ސިޓީ މިއަދު ހެނދުނު 6-0 އިން ޔޫއޭއީގެ އަލް އައިން ބަލި ކޮށްފައި ވާއިރު، ޔުވެންޓަސް ވަނީ ރޭ 4-1 އިން މޮރޮކޯގެ ވިދާދު އޭސީ ބަލިކޮށްފަ އެވެ.

ސިޓީގެ އިލްކާއި ގުންޑޯއާން ދެ ގޯލު ޖެހި މި މެޗުގައި ކްލައުޑިއޯ އެޗެވޭރީ އާއި އާލިން ހާލަންޑާއި އޮސްކާ ބޮބް އަދި ރަޔާޏް ޗާކީ ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.