Roadha Mihaaru
ޔުނައިޓެޑް ނުހުއްޓޭ، އާސެނަލް އާއި ނިއުކާސަލް އެއްވަރު

ޔުނައިޓެޑަށް ހުއްޓުމެއް ނެތް، އާސެނަލް އާއި ނިއުކާސަލް އެއްވަރު

04 ޖެނުއަރީ 2023

ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ބޯންމަތާ ވާދަކޮށް 3-0 އިން މޮޅުވެ މޮޅުވުމުގެ ފޯމު ދެމެހެއްޓައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖެނުއަރީ 4) - އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ރޭ ބޯންމަތާ ވާދަކޮށް 3-0 އިން މޮޅުވެ މޮޅުވުމުގެ ފޯމު ދެމެހެއްޓައިފި އެވެ.

ރޭ އަނެއް މެޗުގައި ނިއުކާސަލް ޔުނައިޓެޑުން އެއްވަނައިގައި އޮތް އާސެނަލް އާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ނިއުކާސަލްއާ ދެކޮޅަށް އާސެނަލް ވަނީ މެޗުގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ގިނަވަގުތު ކުޅެފަ އެވެ. އާސެނަލްގެ ބުކަޔޯ ސަކާ އާއި އެޑީ ކެޓިއާ ގޯލު ޖަހަން ރަނގަޅު ހަމަލާތަކެއް ފޮނުވާލި ނަމަވެސް ނިއުކާސަލްގެ ކީޕަރު ނިކް ޕޯޕް އެ ހަމަލާތައް ހުށިޔާރު ކަމާއެކު ދިފާއު ކުރި އެވެ.

ފުރަތަމަ ހާފު ނިމެނިކޮށް މެޗުގެ އޮއިވަރު ހޫނު ވެގެން ދިޔަ ވަގުތު ރެފްރީ ވަނީ 15 މިނިޓުތެރޭ ނިއުކާސަލްގެ ދެ ކުޅުންތެރިންނާއި އާސެނަލްގެ ތިން ކުޅުންތެރިންނަށް ރީނދޫ ކާޑު ދައްކައިފަ އެވެ.

މިއާ އެކު ތަފާތު ފޯމެއްގައި އޮތް ނިއުކާސަލް ވަނީ އެޓީމު އެންމެ ފަހުން ކުޅުނު 15 މެޗު ވެސް ބަލި ނުވެ ނިންމާލައިފި އެވެ. އޭގެ ތެރެއިން ނުވާ މެޗު ވަނީ ކާމިޔާބު ކޮށްފަ އެވެ.

މިއީ އާސެނަލް ލީގުގައި އެއްވަރުވި ދެވަނަ މެޗެވެ. އެޓީމު އެއްވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ ވަނީ 16 މެޗުން 36 ޕޮއިންޓް ހޯދައިފަ އެވެ. ނިއުކާސަލް ތިންވަނައިގައި އޮތީ 18 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

މެންޗެސްޓާ ޔުނައިޓެޑުން ރޭ ހޯދި މޮޅާއެކު އެޓީމު ވަނީ ލީގުގައި މިހާތަނަށް ކުޅުނު 17 މެޗުގައި 35 ޕޮއިންޓް ހޯދައި ޕޮއިންޓްގެ ގޮތުން ނިއުކާސަލްއާ ހަމަހަމަ ކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑް ހަތަރު ވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ބޯންމަތާ ދެކޮޅަށް ޔުނައިޓެޑުން މެޗުގެ ކޮންޓްރޯލް ހޯދި ފުރަތަމަ ހާފުގައި ކާލޯސް ކަސެމީރޯ ޖަހައިދިން ގޯލުންނެވެ. ދެވަނަ ހާފުގައި ޔުނައިޓެޑްގެ ލަނޑުތައް ޖަހައިދިނީ ލޫކް ޝޯ އާއި މާކަސް ރަޝްފޯޑެވެ.

އާޖެންޓީނާ އާއެކު މިދިޔަ މަހު ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޔުނައިޓެޑްގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް ވަނީ، ބްރޭކަށް ފަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑްގެ ސްކޮޑުގައި ހިމެނިފަ އެވެ. ކޯޗު އެރިކް ޓެން ހަގް ވަނި މެޗުގެ ފަހު ވަގުތުކޮޅު އޭނާ ކުޅެން އަރުވައިފަ އެވެ.

ވޯލްޑް ކަޕް ބްރޭކަށް ފަހު ޔުނައިޓެޑް ކުޅުނު ހަތަރު މެޗު ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ. ބައިކޮޅަށް ގޯލެއް ނުވަންނައިރު، މިއިން ކޮންމެ މެޗެއްގައި ވެސް ރަޝްފޯޑް ވަނީ ގޯލު ޖަހައިފަ އެވެ.

ފުލަމް އިން ރޭ 1-0 އިން ރަށުން ބޭރުގައި ލެސްޓާ ސިޓީ ބަލިކޮށް ވަނީ ލިވަޕޫލާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. ލިވަޕޫލް ހަވަނައިގައި އޮތީ 17 މެޗުން 28 ޕޮއިންޓް ހޯދައިގެންނެވެ. އަށާރަ މެޗު ކުޅެގެން މި އަދަދަށް ޕޮއިންޓް ހޯދައިގެން ފުލަމް އޮތީ ހަތްވަނައިގަ އެވެ.

ފުލަމްގެ ފަހަތުން އަށްވަނައިގައި އޮތީ ބްރައިޓަން އެވެ. ބްރައިޓަން ވަނީ ރޭ އެވަޓަންއާ ވާދަކޮށް 4-1 އިން މޮޅުވެ، 17 މެޗުން 27 ޕޮއިންޓް ހަމަކޮށްފަ އެވެ.