Roadha Mihaaru
ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ

ފިނީގެ ތޫފާނުގައި އެމެރިކާ އިން 50 މީހުން މަރުވެއްޖެ

27 ޑިސެމްބަރ 2022

އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި އެގައުމުން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް، އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

އެމެރިކާ އަށް މިހާރު ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި އެގައުމުން މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ ކަމަށް، އެ ގައުމުގެ ނޫސްތަކުން ބުނެފި އެވެ.

ގަދަ ފިނީގެ ސަބަބުން މަރުވި މީހުންގެ އަދަދު މުޅިން ކަށަވަރު ނުވިޔަސް، ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 55 އަށް އަރައިފަ އެވެ. އެމެރިކާ ސަރަހައްދުގެ މޫސުން މިހާރު ހުރި ގޮތަށް ބަލާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި، ފިނީގެ ސަބަބުން އިތުރު މީހުން މަރުވަނެ ކަމަށް ބެލެވެ އެވެ.

މިހާތަނަށް މަރުވި މީހުންގެ ދެ ބައިކުޅަ އެއްބައި މީހުން މަރުވީ ނިއު ޔޯކްގެ ހުޅަނގު ސަރަހައްދުންނެވެ. އެ ސަރަހައްދުން މަރުވި މީހުންގެ އަދަދު 28 އަށް އަރާފައިވާ އިރު، އެ ސްޓޭޓްގެ ހުޅަނގު ސަހަރެއް ކަމަށްވާ ބަފަލޯގެ މޭޔަރު ވިދާޅުވި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފިނީގެ ތޫފާނަކީ މިއިން ޒަމާނަކު ވެސް އެމެރިކާ އަށް ކުރިމަތި ނުވާހާ ފިނި ގަދަ ތޫފާނެކެވެ.

ނިއު ޔޯކްގެ ހުޅަނގު ސަރަހައްދުގެ ބައެއް ހައިވޭތަކާއި މަގުތަކުގައި 48 އިންޗި (4 ފޫޓު) ބޯމިނުގައި ސްނޯ ހެދިފައި ހުރި އިރު، އެއްގަމު ދަތުރުފަތުރުގެ ހަރަކާތްތައް ހުއްޓައިލަން ވަނީ މަޖުބޫރުވެފަ އެވެ. ކުއްލި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބުނި ގޮތުގައި މިހާރު ކުރިމަތިވެފައިވާ ފިނީގެ ތޫފާނުގައި މިހާތަނަށް މަރުވި ގިނަ މީހުންނަކީ، އެއްގަމު އުޅަނދުތަކުގައި ދަތުރުކުރަނިކޮށް ސްނޯ ބޯވުމުގެ ސަބަބުން އުޅަނދު ހުއްޓި ސްނޯތަކުގެ ތެރޭގައި ތާށިވެގެން ތިބެން ޖެހުމުން، އުޅަނދުތަކުގެ ތެރޭގައި މަރުވެފައި ތިބި މީހުންނެވެ.

އޭގެ އިތުރުން ގެތަކުގެ އެތެރޭގަޔާއި ގަދަ ފިނީގެ ތެރޭގައި ބޭރަށް ނުކުމެ އުޅެނިކޮށް މަރުވެގެން މަގުމައްޗަށް ވެއްޓިފައި ތިބި މީހުން ވެސް ހިމެނެ އެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ކަމަށް ކުއްލި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބުނެ އެވެ. އެ ދެ ދުވަހަކީ އާދަޔާ ޚިލާފަށް ވައި ބާރުވެ ބޯކޮށް ވާރޭ ވެސް ވެހުނު ދެ ދުވަހެވެ.

އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ބުނި ގޮތުގައި ބައެއް ސަރަހައްދުތަކުގެ މަގުތަކުގައި ފަސް ފޫޓަށް އަދި ހަ ފޫޓަ ސްނޯ ފައިބާފައިވާ އިރު، އެ ސްނޯތަކުގެ އަޑީގައި ވަޅުލެވިފައި ހުރި އެއްގަމު އުޅަނދުތަކުގެ އަދަދެއް އަދި މުޅިން ސާފެއް ނުވެ އެވެ. އެހެންކަމުން، އެ އުޅަނދުތަކުގެ އެތެރޭގައި މަރުވެފައި ތިބީ ކިތައް މީހުންކަން ވެސް މުޅިން ސާފެއް ނުވެ އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި އާދަޔާ ޚިޔާފަށް ފިނިކަން ގަދަވެފައިވަނީ، ދުނިޔޭގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާތީ އެވެ. ދުނިޔޭގެ ހޫނުމިން މައްޗަށް ދާ ވަރަކަށް، ކަނޑުތަކާއި ކޯރުތަކާއި ކުޅިތަކުން ވައިގެ ތެރެއަށް އަރައިގެންދާ ފެނުގެ އާވި ވަރަށް ބޮޑަށް އިތުރުވެ އެވެ. ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ފެނުގެ އާވި ހަރުލާފައި ހުންނަވަރު އިތުރުވުމުން، ފިނި މޫސުން އައުމާއެކު ވާރެއާއި ސްނޯގެ ގޮތުގައި އެ ފެންތައް ބިމަށް ފައިބަން ފަށަ އެވެ.