Roadha Mihaaru
އެމެރިކާގެ ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލޭނެ

އެމެރިކާގެ ކަނޑުގެ ލޮނުގަނޑު ބައި މީޓަރަށް އުފުލޭނެ

16 ފެބުރުއަރީ 2022

އެމެރިކާގެ ވަށައިގެންވާ ކަނޑުގެ ލޮނުގަނޑު، މިހިނގާ 21 ވަނަ ގަރުނު ނިމޭއިރު، ބައި މީޓަރަށް އުފުލޭނެ ކަމަށް، އެމެރިކާގެ ކަނޑުތަކުގެ ދިރާސާތަކާ ބެހޭ އިދާރާ، ނެޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން އިންޒާރުކޮށްފި އެވެ.

އެމެރިކާގެ ވަށައިގެންވާ ކަނޑުގެ ލޮނުގަނޑު، މިހިނގާ 21 ވަނަ ގަރުނު ނިމޭއިރު، ބައި މީޓަރަށް އުފުލޭނެ ކަމަށް، އެމެރިކާގެ ކަނޑުތަކުގެ ދިރާސާތަކާ ބެހޭ އިދާރާ، ނެޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން އިންޒާރުކޮށްފި އެވެ.

އެ އިދާރާ އިން މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުން މި ގަރުނު ދެބައިވާއިރު، (2050 ވަނަ އަހަރުގެ ނިޔަލަށް) ކަނޑުގެ ލޮނުގަނޑު 30 ސެންޓިމީޓަރަށް އުފުލޭނެ އެވެ. އަދި މިހާރު ދުނިޔޭގެ ހޫނުމިން މަތިވަމުންދާ ނިސްބަތަށް ބަލާއިރު، 2100 ވަނަ އަހަރުގެ ނިޔަލަށް، ކަނޑުގެ ލޮނުގަނޑު ހުންނާނީ 50 ސެންޓިމީޓަރަށް އުފުލިފަ އެވެ.

ސައެންސްވެރިން ބުނާ ގޮތުގައި ސިނާއީ އިންގިލާބާ އެކު، ޖައްވުގެ ތެރެއަށް ވިހަ ގޭހުގެ ބާވަތްތައް ބޭރުކުރާ މިންވަރު އިތުރުވުމާ ގުޅިގެން، މިދިޔަ 100 އަހަރުގެ ތެރޭގައި، ކަނޑުގެ ލޮނުގަނޑު ވަނީ ގާތްގަނޑަށް 30 ސެންޓިމީޓަރަށް އުފުލިފަ އެވެ.

"މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން. ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިގެ ހޫނުމިން ވެސް ދަނީ މަތިވަމުން. ޖައްވުގެ ތެތްކަމުގެ ނިސްބަތަށް ވެސް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން. މި ހުރިހާ ކަމެއްގެ ސަބަބުން، އުފެދޭ ކޮޅިގަނޑުތަކާއި ތޫފާންތަކުގެ އަދަދު އިތުރުވެ ބާރުވެސް ދަނީ ގަދަވަމުން،" ނާސާގެ އެޑްމިނިސްޓްރޭޓާ ބިލް ނެލްސަން ވިދާޅުވި އެވެ.

އެންއޯއޭއޭ އިން ނެރުނު ބިނާކޮށްފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން ސެޓެލައިޓްގެ ޒަރީއާއިން ހޯދާފައިވާ މައުލޫމާތުތަކުގެ މައްޗަށާއި، ދިޔަވަރާއި ރާޅުގެ މައުލޫމާތު ދެނެގަތުމަށް އެމެރިކާގެ ކަނޑުގެ ސަރަހައްދުގައި ގާއިމުކޮށްފައިވާ އާލާތްތަކުގެ ޒަރީއާއިން ހޯދާފައިވާ މައުލޫމާތުގެ މައްޗަށެވެ.

"މިހާރު ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުކުރަމުންދާ ބާރުމިނުގައި އެކަން ކުރަމުން ދާނަމަ، މި ގަރުނު ނިމޭއިރު، އެމެރިކާގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުގެ ލޮނުގަނޑު އެންމެ މަދުވެގެން ވެސް ދެ ފޫޓަށް (0.6 މީޓަރު) އުފުލޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" އެންއޯއޭއޭގެ އެޑްމިނިސްޓްރޭޓާ ރިޗަޑް ސްޕިންރަޑް ވިދާޅުވި އެވެ.

އެންއޯއޭއޭގެ ރިޕޯޓްގައި ބުނެފައިވާ ގޮތުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ އިތުރުން، ތަފާތު މޫސުންތަކުގައި އެމެރިކާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ވެސް މިހާރަށް ވުރެ މާ ގިނައިން ކުރިމަތިވާން ފަށާނެ އެވެ.

އެންއޯއޭއޭގެ ނޭޝަނަލް އޯޝަން ސާވިސްގެ ޑިރެކްޓަރު ނިކޯލް ލެބޫފް ވިދާޅުވީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މިހާރު ކުރިމަތިވާ ފެންބޮޑުވުމުގެ ހާދިސާތަކުގެ އަދަދާއި އެ ހާދިސާތަކުން މީހުންގެ މުދަލަށް ލިބޭ ގެއްލުމުގެ މިންވަރު ވެސް، 2050 ވަނަ އަހަރުގެ ނިޔަލަށް ދާއިރު، 10 ގުނަ އިތުރުވާނެ ކަމަށެވެ.

މީގެ މާނައަކީ ކުދި އަވަށްތަކުގައި ދިރިއުޅޭ މީހުންނަށް، ފެންބޮޑުވުމުގެ ހާދިސާތަކުން މިހާރު ލިބޭ ގެއްލުންތަކަށް ވުރެ، ކުރިއަށް އޮތް 30 އަހަރުގެ ތެރޭގައި ލިބޭނެ ގެއްލުންތައް މާ ބޮޑުވާނެ އެވެ. މިހާތަނަށް ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރަށް ބަލާއިރު، ލޫސިއާނާގެ އައްސޭރިފަށުން ބޮޑުބައެއް މިހާރުވެސް ގިރާލާފައިވާ ކަމަށް، އެންއޯއޭއޭގެ ރިޕޯޓްގައިވެ އެވެ.