Roadha Mihaaru
އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި

އެމެރިކާ އާއި ކެނެޑާ ރައްޔިތުން ގަދަ ފިނީގައި

25 ޑިސެމްބަރ 2022

ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކަށް މިއަހަރުގެ ފިނި މޫސުމުގެ އެންމެ ފިނި ގަދަ ދުވަސްތައް ލައިގެންފައިވާ އިރު، އެމެރިކާ އާއި ކެނެޑާ އަށް ގަދަ ފިނީގެ ތޫފާނެއް ކުރިމަތިވެ، 250 މިލިއަނެއްހާ މީހުން ގަދަ ފިނީގައި ތާށިވެއްޖެ އެވެ.

ދުނިޔޭގެ އުތުރު ފަޅީގެ ގައުމުތަކަށް މިއަހަރުގެ ފިނި މޫސުމުގެ އެންމެ ފިނި ގަދަ ދުވަސްތައް ލައިގެންފައިވާ އިރު، އެމެރިކާ އާއި ކެނެޑާ އަށް ގަދަ ފިނީގެ ތޫފާނެއް ކުރިމަތިވެ، 250 މިލިއަނެއްހާ މީހުން ގަދަ ފިނީގައި ތާށިވެއްޖެ އެވެ.

އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ ސަބަބުން މިހާތަނަށް މަދުވެގެން 19 މީހަކު މަރުވިކަން ވަނީ ކަށަވަރުވެފަ އެވެ. ގަދަ ވަޔާއި ވިއްސާރައިގެ އިތުރުން ބޯކޮށް ސްނޯ ފައިބަމުން ދާތީ، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ބައެއް ސަރަހައްދުތަކުގެ ވައިގެ ދަތުރުތައް މެދުކަނޑާލައި، އެތައް ހާސް ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ބައެއް ހައިވޭތަކާއި މަގުތައް ވެސް ވަނީ، ސްނޯ ބޯކަމުން ބަންދުކޮށްފަ އެވެ.

އެމެރިކާ އާއި ކެނެޑާ އަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ޚިދުމަތް ކެނޑިފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން، 1.5 މިލިއަން މީހުން ތިބީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ކަރަންޓުގެ ޚިދުމަތް ނުލިބި އެވެ. އެމެރިކާގެ ޓެކްސަސް އިން ފެށިގެން ކެނެޑާގެ ކުވެބެކްއާ ދެމެދު 2000 މޭލުގެ ބޮޑު ސަރަހައްދަކަށް ސްނޯގެ ތޫފާން ވަނީ ފެތުރިފަ އެވެ.

އެމެރިކާ އާއި ކެނެޑާ ގުޅޭ ސަރަހައްދުގެ ފިނިކަން އާދަޔާ ޚިލާފަށް ގަދަ ކަމަށްވެ އެވެ. އެމެރިކާ އިން އެންމެ ބޮޑަށް ފިނި ގަދަވެފައިވަނީ މިނެސޮޓާ، އަޔޯވާ، ވިސްކޮންސިން، މިޗިގަން އަދި ބަފަލޯ އާއި ނިއު ޔޯކް އަށެވެ. އެމެރިކާގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި އެ ސަހަރުތަކުގައި ދުވާލުގެ ވަގުތުގައި ދުރު ފެންނަ ނިސްބަތް މިހާރު ހުރީ ސުން މޭލުގަ އެވެ.

ކެނެޑާގައި އެންމެ ބޮޑަށް ފިނި ގަދަވެފައިވަނީ، އޮންޓާރިއޯ އާއި ކުވެބެކްގަ އެވެ. ބްރިޓިޝް ކޮލަމްބިއާ އިން ފެށިގެން ނިއުފައުންޑްލޭންޑާ ދެމެދުގެ ހުރިހާ ސަރަހައްދަކަށް ވެސް އާދަޔާ ޚިލާފަށް ފިނި ގަދަވުމުގެ ސަބަބުން ފިނީގެ ތޫފާނެއް އަތުވެދާނެ ކަމަށް ވަނީ އިންޒާރުކޮށްފަ އެވެ.

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މޮންޓާނާގެ އެލްކް ޕާކް ސަރަހައްދުގެ ފިނިމިން އިއްޔެ އިން ފެށިގެން ހުރީ މައިނަސް 45 ޑިގްރީ ސެލްސިއެސްގަ އެވެ. އަދި ބައެއް ސަރަހައްދުތަކުގައި މައިނަސް 17-30 އާ ދެމެދުގައި ފިނިމިން ހުރި އިރު، ބައެއް ސަރަހައްދުތަކުން ގޭހާއި ޕެޓްރޯލް ލިބެން ނެތުމުން، ފިނިން ރައްކާތެރިކަން ހޯދުމަށް އަލިފާން އެންދޭނެ ގޮތެއް ވެސް ނެތެވެ.

ސައުތު ޑަކޯޓާ ސަރަހައްދުން ގޭސް ހުސްވެފައިވާތީ، ބައެއް މީހުން ގޭތެރޭގައި އަލިފާން އަންދަނީ ބާ އަންނައުނު އަންދައިގެންނެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޕެންސެލްވީނިއާ އާއި މިޗިގަން ސަރަހައްދަށް މިހާރަށް ވުރެ ވެސް ބޯކޮށް ސްނޯ ފައިބާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ އިންޒާރުކޮށްފަ އެވެ.

މީގެ އިތުރުން ވައި ބާރުވެ ކަނޑުތައް ވެސް ގަދަވެފައިވާތީ، އައްސޭރިފަށުގެ ބައެއް ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް، މޫސުމާ ބެހޭ އިދާރާއިން ވަނީ އަންގައިފަ އެވެ. އެ ގޮތުން އެމެރިކާގެ އިރުމަތީ އައްސޭރީގެ ބޮޑެތި ސަހަރުތައް ކަމަށްވާ ނިއު އިންގްލޭންޑާއި ނިއު ޔޯކް އަދި ނިއު ޖާޒީގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އުދަ އަރައި ފެންބޮޑުވެދާނެތީ ސަމާލުވެގެން ތިބުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.