Roadha Mihaaru
އިންތިހާބަށް ބެނާ ހަރުކުރުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގައި އިންތިހާބަށް ޕޯސްޓަރު/ބެނާ ހަރުކުރުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

22 ޑިސެމްބަރ 2022

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގައި ބެނާ އާއި ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މާލޭގައި ބެނާ އާއި ޕޯސްޓަރު ހަރުކުރުމުގެ ހުއްދަ އަށް އެދުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.

ކައުންސިލުގެ އިއުލާނެއްގައި ބުނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިނަށް ތައްޔާރުކުރާ ޕޯސްޓަރުތަކާއި ބެނާތައް މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ބަހައްޓައި ނުވަތަ ހިއްޕަން ވާނީ ހުއްދަ ހޯދައިގެން ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ސިޔާސީ ޕާޓީތަކުން ބާއްވާ ޕްރައިމަރީ އިންތިހާބުގެ ކެމްޕެއިނަށް ވެސް މާލޭގެ މަގުތަކުގައި އިޝްތިހާރު ހަރުކުރެވޭނީ ހުއްދަ ހޯދައިގެން ކަމަށް ބުންޏެވެ. އެކަމަކަށް ހުއްދައަށް އެދުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

އެ އިއުލާނުގައި ބުނިގޮތުގައި، އެހެން ބޭނުންތަކަށް ވެސް މާލޭގައި ބެނާ ދެމުމަށާއި ޕޯސްޓަރު ހަރުކުރުމަށް ހުއްދަ ހޯދަން ޖެހޭނެ އެވެ.

"މާލޭ ސިޓީ ކައުންސިލްގެ ހުއްދަނެތި މާލޭ ސިޓީގެ މަގުތަކާއި އާންމު ތަންތަނުގައި ބެނާ ދެމުމާއި އިޝްތިހާރު ހިއްޕާ ހެދުމަކީ މަނާކަމެއް ކަމުގައި ދަންނަވަމެވެ،" އިއުލާނުގައިވެ އެވެ.

މާލޭގެ މަގުތަކާއި އާންމު ތަންތަނުގައި ސިޓީ ކައުންސިލްގެ ހުއްދަ ނެތި އިޝްތިހާރު ނުވަތަ ބެނާ ހަރުކޮށްފި ނަމަ އެފަދަ އިޝްތިހާރެއް ނުވަތަ ބެނާއެއް ހިއްޕި ނުވަތަ ދެމި މީހަކު ދުވާލަކަށް 1،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. އެފަދަ އިޝްތިހާރާއި ބެނާތައް ވަގުތުން އެ ކައުންސިލުގެ ބެލުމުގެ ދަށަށް ނަގައި ނައްތާލާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން އެ ބަޔާން ނެރުނުއިރު، މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން އަންނަނީ، އަންނަ މަހު ބާއްވާ އެ ޕާޓީގެ ޕްރައިމަރީ އިންތިހާބަށް ތައްޔާރުވަމުންނެވެ. އެ އިންތިހާބުގައި ދަކުރާ ދެ ކެނޑިޑޭޓުން ކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ވެސް މިހާރު ވަނީ ފަށައިފަ އެވެ.