Roadha Mihaaru
ޕޯސްޓަރުތައް ނަގަން ޖެހުނީ އެންމެ ފަހުން ކައުންސިލަށް

ކެމްޕެއިން ޕޯސްޓަރުތައް ނަގަން ޖެހުނީ އެންމެ ފަހުން ސިޓީ ކައުންސިލަށް

28 އެޕްރީލް 2019

މި މަހު ކުރީކޮޅު ބޭއްވި އާއްމު އިންތިޚާބުގައި ކެމްޕޭން ކުރުމަށް ކެންޑިޑޭޓުން މާލޭގައި ހަރުކުރި ޕޯސްޓަރުތަކާއި އިސްތިހާރުތައް ނަގަން ދިން މުއްދަތު ހަމަވި އިރުވެސް ނުނަގާތީ ސިޓީ ކައުންސިލުން އެންމެ ފަހުން އެ ޕޯސްޓަރުތައް ނަގައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި މަހު ކުރީކޮޅު ބޭއްވި އާއްމު އިންތިޚާބުގައި ކެމްޕޭން ކުރުމަށް ކެންޑިޑޭޓުން މާލޭގައި ހަރުކުރި ޕޯސްޓަރުތަކާއި އިސްތިހާރުތައް ނަގަން ދިން މުއްދަތު ހަމަވި އިރުވެސް ނުނަގާތީ ސިޓީ ކައުންސިލުން އެންމެ ފަހުން އެ ޕޯސްޓަރުތައް ނަގައިފި އެވެ.

ސިޓީ ކައުންސިލުން ބުނިގޮތުގައި މާލޭގެ އެކި ސަރަހައްދުތަކުގައި ހުއްދަ ނެތި ހަރުކޮށްފައި ހުރި އިސްތިހާރުތައް މިއަދު ވަނީ ނަގައިފަ އެވެ. އޭގެ ތެރޭގައި ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ގިނަ އެވެ.

ކައުންސިލުން ބުނިގޮތުގައި ރަށުތެރޭގައި އެއްވެސް އިސްތިހާރެއް ހަރުކުރެވޭނީ އެކަމަށް ހުއްދަ ނަގައިގެންނެވެ.

އިންތިޚާބަށް ކެމްޕޭން ކުރުމަށް މާލޭގެ މަގުތަކާއި ފާރުތަކުގައި ހަރުކުރި ޕޯސްޓަރުތައް ނަގަން ސިޓީ ކައުންސިލުން އެންމެ ފުރަތަމަ މުއްދަތު ދިނީ މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. އަދި ފަހުން އެކަމަށް ހަފުތާއެއްގެ މުއްދަތު އިތުރު ކުރި އިރު، އެ މުއްދަތު ވެސް މިއަދު ހަމަވާނެ އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިދިޔަ ހަފުތާގައި ވިދާޅުވި ގޮތުގައި މުއްދަތު ހަމަވާއިރު ޕޯސްޓަރުތައް ނުނަގާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އަޅާނެ އެވެ.

ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި ހުއްދަ ނުނަގައި އިޝްތިހާރު ހަރުކޮށްފި ނަމަ، ކޮންމެ ދުވަހަކަށް 1،000-2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ. އަދި އިޝްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށް ފަހު، އެ ނުނަގައި ބަހައްޓާ ކޮންމެ ދުވަހަކަށް، 2،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް އެތަނުން ބުނެފައި ވެ އެވެ.

އިންތިޚާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުން ވަނީ އިންތިޚާބު ބޭއްވިތާ ދެ ދުވަހެއްގެ ތެރޭ، މާލޭގެ އެކި ތަންތަނުގައި ހަރުކޮށްފައި ހުރި ޕޯސްޓަރުތައް ނަގައިފަ އެވެ.