Roadha Mihaaru
މާލޭގައި ކެމްޕޭނު އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ހިލޭ

މާލޭގައި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ކެންޑިޑޭޓުންނަށް ހިލޭ

04 މާޗް 2019

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، މާލޭގައި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ހިލޭ ދޭން، މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުުގައި ވާދަކުރާ ކެންޑިޑޭޓުންނަށް، މާލޭގައި އިޝްތިހާރު ހަރުކުރުމުގެ ހުއްދަ ހިލޭ ދޭން، މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކަށް ފަހު، ހުއްދަ ހޯދަން ހުށަހަޅާ ކެންޑިޑޭޓުންނަށް އެ ފުރުސަތު ދޭނެ އެވެ.

ހުއްދަ ނުނަގައި އިޝްތިހާރު ހަރުކޮށްފި ނަމަ، ކޮންމެ ދުވަހަކަށް 1،000-2،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެ އެވެ. އަދި އިޝްތިހާރު ނަގަން ޖެހޭ މުއްދަތު ހަމަވުމަށް ފަހު، އެ ނުނަގައި ބަހައްޓާ ކޮންމެ ދުވަހަކަށް، 2،000 ރުފިޔާ އިން ޖޫރިމަނާ ކުރާނެ ކަމަށް ކައުންސިލުން ބުންޏެވެ.

އިޝްތިހާރު ހަރުކުރުމުގެ ހުއްދައަށް އެދި ހުށަހަޅަން ޖެހޭ އަދި ސަމާލުވާން ޖެހޭ ކަންތައްތަކުގެ ތެރޭގައި ދީނާ ގުޅުން ހުރި ލިޔުމެއް ނަމަ، އެކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ހުއްދަ ނެގުމާއި ދަމާފައިވާ ބެނާގެ ސަބަބުން، މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ވެއްޖެ އެކަމުގެ ޒިންމާ، ބެނާ ހަރު ކުރި ފަރާތުން ނަގަން ޖެހެ އެވެ. އަދި އަމިއްލަ މީހެއްގެ އިމާރާތުގައި އިޝްތިހާރު ހަރުކުރާ ނަމަ، އެ ފަރާތުގެ ހުއްދަ އޮތްކަމުގެ ލިޔުން ހުށަހަޅަން ޖެހެ އެވެ. އޭގެ އިތުރުން ހަރުކުރަން ބޭނުންވާ އިޝްތިހާރުގެ ހާޑު ކޮޕީ ވެސް ހުށަހަޅަން ޖެހެ އެވެ.

އިޝްތިހާރު ހަރުކުރުން މަނާ ތަންތަން

- ދައުލަތުގެ އިމާރާތްތަކުގެ ފާރުތަކާއި ސަރުކާރު ތަންތަނުގެ މަގުމަތީ ފާރާއި ސަހަރާތަކާއި ޕާކުތަކުގައި

- މަގުމަތީގައި ހަރުކޮށްފައި ހުންނަ ކަރަންޓު ބޯޑާއި ޑަސްބިންތަކާއި ގަސް އިންދުމަށް މަގުމަތީގައި ޖަހާފައި ހުންނަ ފެންސުތަކުގައި

- މިސްކިތުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް ތަސްވީރު ހިމެނޭ އިޝްތިހާރު އަދި އިޝްތިހާރު ކަރުދާސް، މަގުމައްޗަށާއި ޕާކުކޮށްފައި ހުންނަ ވެހިކަލްތަކަށް އެޅުން މަނާ

- ހުއްދައާ ނުލައި ގޭގޭގެ ފާރުތަކުގައި ވެސް އިޝްތިހާރު ހަރުކުރުން މަނާ

އިޝްތިހާރު ހަރުކުރުމުގެ މުއްދަތު ހަމަވުމުން، އެތަކެތި ނެގުމަކީ އެ ހަރުކުރި ފަރާތުން ނަގަން ޖެހޭ ޒިންމާއެއް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.