Roadha Mihaaru
އެމެރިކާގެ މިސައިލްތަކެއް ރަޝިޔާގެ މަތިން ވައްޓާލައިފި

އެމެރިކާގެ މިސައިލްތަކެއް ރަޝިޔާގެ މަތިން ވައްޓާލައިފި

20 ޑިސެމްބަރ 2022

ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ސަހަރެއް ކަމަށްވާ ބެލްގޮރޮޑްގެ މަތިން، އެމެރިކާގެ ހަތަރު މިސައިލެއް ވައްޓައިލެވިއްޖެ ކަމަށް ރަޝިޔާ އިން ރޭ ބުނެފި އެވެ.

ރަޝިޔާ އާއި ޔޫކްރޭން ގުޅޭ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ރަޝިޔާގެ ސަހަރެއް ކަމަށްވާ ބެލްގޮރޮޑްގެ މަތިން، އެމެރިކާގެ ހަތަރު މިސައިލެއް ވައްޓައިލެވިއްޖެ ކަމަށް ރަޝިޔާ އިން ރޭ ބުނެފި އެވެ.

މީގެ ނުވަ މަސް ކުރިން ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ތެރޭގައި، އެމެރިކާގައި އުފައްދާފައިވާ މިސައިލެއް، ޔޫކްރޭނުން ރަޝިޔާގެ އިމުގެ ތެރެއަށް ފޮނުވައިލި ކަމަށް ރަޝިޔާ އިން ބުނި މިއީ ފުރަތަމަ ފަހަރެވެ. ރަޝިޔާ އިން ބުނި ގޮތުގައި ބެލްގޮރޮޑްގެ މަތިން ވައްޓައިލި ހަތަރު މިސައިލަކީ ވެސް ރާޑަރު ނިޒާމުތަކަށް ހަމަލާ ދިނުމަށް އެމެރިކާގައި އުފައްދައި ބޭނުންކުރަމުން އަންނަ "ހާމް" މަރުކާގެ ހަތަރު މިސައިލެވެ.

"ހާމް" މަރުކާގެ މިސައިލަކީ، މަތިންދާބޯޓުން ބިމަށް ހަމަލާ ދޭ މިސައިލެކެވެ. މި ބާވަތުގެ މިސައިލް ބޭނުންކުރަނީ، ރާޑަރު ހަރުކޮށްފައިވާ ވައިގެ ދިފާއީ ނިޒާމުތައް ހުންނަ ތަންތަން ދެނެގަނެ، އެފަދަ ތަންތަނަށް ހަލާކުލޮށްލުމަށެވެ.

އެމެރިކާގެ މިސައިލްތަކެއް ރަޝިޔާގެ ވައިގެ ސަރަހައްދު ތެރެއިން ގޮއްވާލައި ހަލާކުކޮށްލި ކަމަށް ރަޝިޔާ އިން ބުނި އިރު، މިދިޔަ އާދީއްތަ ދުވަހު ޔޫކްރޭން ސިފައިން ވަނީ ރަޝިޔާގެ ބެލްގޮރޮޑް އަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. އެ ހަމަލާތަކުގައި އެކަކު މަރުވެ އިތުރު 10 މީހުން ޒަޚަމްވި އިރު، ބައެއް އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ބެލްގޮރޮޑްގެ ގަވަރުނަރު ވިޔަޗެސްލާވް ގްލަޑްކޯވް ވިދާޅުވި ގޮތުގައި މިދިޔަ އާދީއްތަ ދުވަހަކީ އެ ސަރަހައްދަށް ވަރަށް ހިތާމަވެރި އަދި ވަރަށް ބިރުވެރި ދުވަހެކެވެ. ވައިގެ މަގުން ޔޫކްރޭން ސިފައިން ދިން ހަމަލާތަކުގެ ސަބަބުން، އެ ސަރަހައްދުގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ރަޝިޔާ އިން އިއްޔެ ވަނީ ޔޫކްރޭންގެ ވެރިރަށް ކިޔޭވް އަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. ރަޝިޔާ އިން އިއްޔެ ދިން ހަމަލާތަކުގައި، ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން އާއި ރޮކެޓްގެ އިތުރުން ބޮޑުބަޑި ވެސް ބޭނުންކުރި އެވެ.

ޔޫކްރޭނުން ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރެއިން ފެށިގެން ހޯމަ ދުވަހުގެ މެންދުރާ ހަމައަށް ރަޝިޔާ އިން ކިޔޭވް އަށް ފޮނުވައިލި 35 ޑްރޯންގެ ތެރެއިން 30 ޑްރޯން ވަނީ ވައިގެ ތެރޭގައި ގޮއްވާލައިފަ އެވެ. ޔޫކްރޭންގެ ވައިގެ ދިފާއީ ނިޒާމުން ސަލާމަތްވި ފަސް ޑްރޯން އޭގެ އަމާޒަށް ވާސިލުވެ ގޮވުމުގެ ސަބަބުން ކިޔޭވްގެ ކަރަންޓު ވިއުގަ އަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް ޔޫކްރޭނުން ބުންޏެވެ.

ޔޫކްރޭންގެ ވައިގެ ސިފައިންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އާދީއްތަ ދުވަހާއި ހޯމަ ދުވަހު ރަޝިޔާ އިން ކިޔޭވް އަށް ހަމަލާ ދިނުމަށް ބޭނުންކުރި ހުރިހާ ޑްރޯނަކީ ވެސް އީރާނުގައި އުފައްދާފައިވާ ޝާހިދު-136 އާއި ޝާހިދު-131 މަރުކާގެ ޑްރޯންތަކެވެ. އެ ހުރިހާ ޑްރޯންތަކެއް ވެސް ކިޔޭވްއަށް އަމާޒުކޮށް އުދުއްސައިލީ، އަޒޯވް ކަނޑުގެ އުތުރު އައްސޭރިފަށުން ކަމަށް ޔޫކްރޭނުން ބުންޏެވެ.