Roadha Mihaaru
އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ

އެމެރިކާގެ މިސައިލް ނިޒާމުތަކަށް ހަމަލާ ދޭނަން: ރަޝިޔާ

15 ޑިސެމްބަރ 2022

އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ މިސައިލް ނިޒާމުތަކަކީ، މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ ޝަރުއީ އަމާޒެއް ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

އެމެރިކާ އިން ޔޫކްރޭނަށް ފޮނުވާ މިސައިލް ނިޒާމުތަކަކީ، މިހާރު ޔޫކްރޭންގައި ރަޝިޔާ ސިފައިން ކުރިއަށް ގެންދާ އަސްކަރީ ހަރަކާތްތަކުގެ ޝަރުއީ އަމާޒެއް ކަމަށް ރަޝިޔާ އިން އިއްޔެ ބުނެފި އެވެ.

ރަޝިޔާ އިން މި މޭރުމުން އެމެރިކާ އަށް މި އިންޒާރުކުރީ، މިސައިލުން ދިފާއުވުމަށް އެމެރިކާގައި އުފައްދާފައިވާ ޕެޓްރިއޮޓް މިސައިލް ނިޒާމުތައް ޔޫކްރޭނަށް ފޮނުވުމަށް އެމެރިކާ ސަރުކާރުން ނިންމާފައިވާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވަނިކޮށެވެ. ޕެޓްރޮއިޓް މިސައިލް ނިޒާމުތައް އެމެރިކާ އިން ޔޫކްރޭނަށް ފޮނުވަނީ، ޔޫކްރޭންގެ ކަރަންޓު ވިއުގައަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރަޝިޔާ އިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށްޓަކައި، ޔޫކްރޭނުން އެކަމަށް އެދުމުންނެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިސް މުޝީރު އަދި ކުރީގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވީ، ނޭޓޯ އިން ޔޫކްރޭނަށް ޕެޓްރިއޮޓް މިސައިލް ފޮނުވުމަކީ، ހަނގުރާމަ އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެފަދަ ފިޔަވަޅެއް ނޭޅުމަށް ރަޝިޔާ އިން ވަނީ ނޭޓޯ އަށް އިންޒާރުކޮށްފަ އެވެ.

ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލްންސްކީ މި ހަފުތާގެ ކުރީކޮޅު ވިދާޅުވެފައިވަނީ، މިހާރު ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމުގެ ގޮތުން، ކުރިއަށް އޮތް ކްރިސްމަސް ދުވަހުގެ މުނާސަބަތާ ދިމާކޮށް، ރަޝިޔާ ސިފައިން ޔޫކްރޭނުން ފައިބަންޖެހޭ ކަމަށެވެ. ނަމަވެސް އޭނާގެ އެ ހުށަހެޅުމަށް ދެކޮޅު ހަދަމުން، ރަޝިޔާ އިން ބުނީ ހަނގުރާމަ ހުއްޓުމުގެ އެއްވެސް ވާހަކައެއް ދެއްކުމުގެ ކުރިން، މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ހިފާފައިވާ ޔޫކްރޭންގެ ބިންތަކަކީ، މިހާރު ރަޝިޔާގެ ބިންތައް ކަމަށް ޔޫކްރޭނުން އިއުތިރާފުވާންޖެހޭނެ ކަމަށެވެ.

ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދު އިތުރަށް ގުޅުން ގޯސްވަމުން ދާއިރު، ކުރިއަށް އޮތް ކްރިސްމަސްގެ މުނާސަބަތުގައި ހަމަލާތައް މެދުކަނޑައިލުމަށް ހުޅަނގުގެ ގައުމުތަކުން ތިބީ އިންތިޒާރުކޮށްގެންނެވެ. ނަމަވެސް ރަޝިޔާ އިން ފާޅުގައި ބުނެފައިވަނީ ކްރިސްމަސްގެ މުނާސަބަތުގައި ހަމަލާތައް މެދުކަނޑައިލަން ވިސްނާފައިނުވާ ކަމަށާއި، އެކަމާ މެދު ޚިޔާލު ވެސް ނުކުރާ ކަމަށެވެ.

ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު، ހަނގުރާމައިގެ އަސީރުންތަކެއް ވަނީ ދާދި ފަހުން ބަދަލުކޮށްފަ އެވެ. މިފަހަރު ރަޝިޔާ އިން މިނިވަންކުރި އަސީރުންގެ ތެރޭގައި ޔޫކްރޭންގެ 64 ސިފައިންނާއި އެމެރިކާގެ ރައްޔިތެއް ހިމެނެ އެވެ. އެމެރިކާގެ ރައްޔިތަކީ، އެމެރިކާގެ ވައިގެ ސިފައިންގެ ލަޝްކަރުގައި ކުރިން ޚިދުމަތް ކުރި މީހެކެވެ.

ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާ އިން އިއްޔެ ވެސް ޑްރޯން ބޭނުންކޮށްގެން، ވެރިރަށް ކިޔޭވް އަށް ހަމަލާތަކެއް ދޭން މަސައްކަތް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން 13 ޑްރޯން ވަނީ ވައިގެ ތެރޭގައި ގޮއްވާލާފައި ކަމަށް ޔޫކްރޭނުން ބުނެ އެވެ.

ޔޫކްރޭނާ ދެކޮޅަށް މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ރަޝިޔާ އިން ފަށާފައިވާ ހަނގުރާމައިގައި، މިދިޔަ އޮކްޓޫބަރު މަހުން ފެށިގެން މައިގަނޑު ގޮތެއްގައި ހަމަލާތައް އަމާޒުކުރަމުން ދަނީ ޔޫކްރޭންގެ އިންޖީނުގެތަކަށެވެ. އެ ތަންތަނަށް ހަމަލާ ދިނުމަށް އާންމު ގޮތެއްގައި ބޭނުންކުރަނީ ރަޝިޔާގައި އުފައްދާފައިވާ މިސައިލާއި، އީރާންގައި އުފައްދާފައިވާ ޝާހިދު މަރުކާގެ ޑްރޯންތަކެވެ.

އީރާންގެ މި ޑްރޯންތަކަކީ، އޭގެ އަމާޒަށް ޖެހިގަނެގެން ގޮއްވައިލާ ޒާތުގެ ޑްރޯން މަތިންދާބޯޓުތަކެވެ. އީރާނުން ރަޝިޔާ އަށް އެފަދަ ޑްރޯން ވިއްކަމުން ދާ ކަމަށް ހުޅަނގުން ކުރާ ތުހުމަތުތަކަށް އީރާނުން އިންކާރުކުރެ އެވެ.