Roadha Mihaaru
އޯއޭސީޕީއެސްގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ

ހުރިހާ ގައުމެއްގެ ތާއީދާއެކު އޯއޭސީޕީއެސްގެ މެމްބަރުކަން ރާއްޖެއަށް ލިބިއްޖެ

10 ޑިސެމްބަރ 2022

ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ފަގީރުކުރަން ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ މެމްބަރު ގައުމަކަށް ރާއްޖެ އިއްޔެ ހޮވިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށާއި ފަގީރުކުރަން ކުޑަކުރުމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ މެމްބަރު ގައުމަކަށް ރާއްޖެ އިއްޔެ ހޮވިއްޖެ އެވެ.

ރައީސް އޮފީހުން ބުނީ އެންގޯލާގެ ވެރިރަށް ލުއާންޑާގައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިޔަށް ގެންދިޔަ އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި އެ ޖަމިއްޔާގެ މެމްބަރު ހުރިހާ ގައުމަކުން ވެސް، އެ ޖަމިއްޔާގެ ފުރިހަމަ މެމްބަރު ގައުމަކަށް ރާއްޖެވުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަތުމަށް ތާއީދުކޮށްފައިވާ ކަމަށެވެ.

އެ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އޯއޭސީޕީއެސްގެ ހުރިހާ މެމްބަރު ގައުމުތަކުގެ ތާއީދު ލިބުމާއެކު، އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކުން އަދާކުރަން ޖެހޭ އެންމެހައި މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ "ރިވައިސްޑް ޖޯޖްޓައުން އެގްރީމެންޓް" އަށް ރާއްޖެއިން އެއްބަސްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި ރާއްޖޭގެ ވަފުދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

އޯއޭސީޕީއެސްގެ 10 ވަނަ ސަމިޓުގައި ރާއްޖޭގެ ވަފުދު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް

ފޮރިން މިނިސްޓަރު ޝާހިދު، އެ ސަމިޓުގައި ދެއްވި ބަޔާނުގައި ވަނީ އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. ޖިއޮގްރަފީގެ ގޮތުން ދުރުގައި އޮތް ނަމަވެސް، ރާއްޖެ އާއި އެ ޖަމިއްޔާގެ މެންބަރު އެހެން ގައުމުތައް އަބަދުވެސް ގުޅިފައި ވަނީ އެއްގޮތް އަސާސްތަކާއި ގޮންޖެހުންތަކުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމަނިކުފާނު ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށާއި އެ ޖަމިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެއަށް މަރުހަބާ ދެންނެވިކަމަށްޓަކައި ހުރިހާ މެންބަރު ގައުމުތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ،" ރައީސް އޮފީހުން ބުންޏެވެ.

އޯއޭސީީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށް ވުމަށް ރާއްޖެއިން ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގަ އެވެ. މި އަހަރު މާޗު މަހުގައި އެކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ވެސް ދިނެވެ.

ރައީސް އޮފީހުން ބުނީ އޯއޭސީޕީއެސް އިން މި އަހަރުގެ ޖޫން މަހު، އެ ޖަމިއްޔާގެ "އޮބްޒާވަ ސްޓޭޓަސް" ރާއްޖެއަށް ދީފައިވާ ކަމަށެވެ.