09 ޑިސެމްބަރ 2022
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިޔާނާތުގެ ކިތަންމެ ކުޑަ އަމަލެއް ވެސް ހިންގަން ރުހިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހިޔާނާތުގެ ކިތަންމެ ކުޑަ އަމަލެއް ވެސް ހިންގަން ރުހިވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ދުވަހުގެ ހިތާބުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ ކަންތައްތައް ގާނޫނީ އިމުގެ ތެރެއިން ނަޒާހަތްތެރިކަމާއި ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކުރަން އެމަނިކުފާނު އިރުޝާދު ދެމުން އަންނަ ކަމަށެވެ. ދައުލަތުގެ އެއްވެސް އިދާރާއެއްގެ ތެރޭގައި ހިޔާނާތުގެ އަމަލެއް ހިނގާ ނަމަ އެކަން އަވަހަށް ރިޕޯޓްކުރަން އެދިވަޑައިގަތެވެ.
"ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރުމަށް ވެބް ޕޯޓަލްއެއް ގާއިމުކޮށް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓްކުރާ މީހުންނަށް ފުރިހަމަ ގާނޫނީ ހިމާޔަތް ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ހެޔޮ ނަތީޖާ މިހާރު ދަނީ ފެންނަމުންނެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުން އިތުރުވާ ވަރަކަށް، ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތައް ހުއްޓުވުމަށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް ދެނެގަނެވެ އެވެ.
"އަދި މިނިވަންކަމާ އެކު އެފަދަ މައްސަލަތައް ތަހުގީގުކުރާ ކަމުގެ ޔަގީންކަން އޮތުމުން، ކޮރަޕްޝަންގެ އަމަލުތައް ހިންގުން މަދުވާކަން ފާހަގަކުރެވެ އެވެ،" ރައީސް ވިދާޅުވި އެވެ.
އެންޓި ކޮރަޕްޝަން ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ: ކޮރަޕްޝަން ހުއްޓުވުމަށް މި ސަރުކާރުން ސިޔާސަތެއް ވަނީ ކަނޑައަޅާފައި.
ރައީސް ވިދާޅުވީ މުޅި ދުނިޔޭގައި ކޮރަޕްޝަންގެ މޫތައް ފެތުރިފައި އޮތް އިރު ރާއްޖެ ވެސް އެކަމުން ސަލާމަތް ނުވާ ކަމަށެވެ. ގައުމެއް ނުވަތަ މުޖުތަމައުގައި ކޮރަޕްޝަން ފެތުރިއްޖެ ނަމަ ގެއްލުން ނުވާ އެންމެ ދާއިރާއެއް ވެސް ނޯންނަ ކަމަށް ވިދާޅުވި އެވެ.
"ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ލަސްވާ ވަރަކަށް، އެކަމުގެ ސަބަބުން ގައުމީ ތަރައްގީއަށާއި ރައްޔިތުންގެ ފުދުންތެރިކަމަށާއި މުޖްތަމައުގެ ހަމަޖެހުމަށް ލިބޭ ގެއްލުން ވަކިން ބޮޑަށް އިތުރުވެ އެވެ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަކީ އެންމެ މުއައްސަސާއަކަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ސިޔާސަތަކުން ހުއްޓުވޭނެ ކަމެއް ނޫނެވެ. އެކަން ހުއްޓުވޭނީ އެކަމާ ދެކޮޅަށް ކޮންމެ ފަރުދަކު ވެސް މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.
ކޮރަޕްޝަން ހުއްޓުވަން މީގެ ހަތަރު އަހަރު ކުރިން ފެށިގެން ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެކަމުގައި އިތުރަށް ކިތަންމެ މަސައްކަތްތަކެއް ކުރަން ހުރި ކަން ރައީސް ފާހަގަކުރެއްވި އެވެ.
"ކޮރަޕްޝަން ހުއްޓުވުމުގައި އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅަކީ، އެފަދަ މައްސަލަތައް ރިޕޯޓްކުރެވޭނެ އިތުބާރު ހުރި ނިޒާމެއް ކަނޑައެޅިފައި އޮތުމާއި، ދައުލަތުގެ މާލީ އަދި އިދާރީ ހިންގުންތެރިކަމުގެ ހާމަކަމާއި ފާޅުކަން މިހާރަށް ވުރެ އިތުރުކުރުމެވެ. ހަމައެފަދައިން، ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ފުރިހަމަ މިނިވަންކަމާއި އިހްތިޔާރު، އެކަމާ ގުޅުން ހުރި މުއައްސަސާތަކަށް ދިނުމެވެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ހިޔާނާތް ހިންގުމާ ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ހާސިލްކުރެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާ އެކުގަ އެވެ. ގައުމީ މައްސަލައެއްގެ ގޮތުގައި ހޭލުންތެރިކަން އިތުރުކޮށް އެ އަޒުމަކަށް މަސައްކަތްކޮށްގެންނެވެ.
"އަޅުގަނޑުމެން ކޮންމެ މީހަކީ، އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، އާއިލާއާއި މުޖްތަމައުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެ ނަމަ، މި ނުރައްކާތެރި ވަބާއިން މުޖްތަމައު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ،" ރައީސް ވިދާޅުވި އެވެ.
ކޮރަޕްޝަނާ ދެކޮޅަށް މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވަނީ "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތު ކަނޑައަޅައި އަމަލުކުރަން ފަށައިފަ އެވެ. އެއާއެކު ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރަން ވަނީ މަޖުބޫރުކޮށްފަ އެވެ.
ބޭނުމަކީ ސިޔާސީ މަގާމުތަކަށް އައްޔަންކުރެވޭ މީހެއްގެ މާލީ ހާލަތު އާންމުކޮށް އެނގުމާ އެކު، އެ މަގާމުގައި ހުރެގެން ނުޙައްގު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އޭގެ އިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއް ވެސް ރައީސް އޮފީހުން ވަނީ ގާއިމްކޮށްފަ އެވެ.
ފައިސާއަށް ހިޔާނާތްތެރިވާ މީހުން ފަޅާ އަރުވާލާ: ރައީސް
ކޮރަޕްޝަން ފޮހެލައިގެން ނޫނީ ކުރިއެރުން ނުހޯދޭނެ:ރައީސް
ކުރީގެ ސަރުކާރުގެ ހިޔާނާތުގެ މައްސަލައެއް ބަލަނީ
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
އޭސީސީ އަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް
އެންމެ ބޮޑު ކޮރަޕްޝަނަކީ، ކޮރަޕްޝަނަށް ރުހުން: ރައީސް
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އޭސީސީގެ އާ ރައީސަކަށް ޝާމިލް، ނައިބަކަށް ސަލާމް
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ 10 ގިންތި ދަށަށް