Roadha Mihaaru
ރައީސް ނިންމެވި ބައެއް ނިންމުންތައް ވެސް އޭސީސީ އަށް

މާލެ އިން ގޯތި ދޫކުރުމާއި ރައީސް ނިންމެވި އިތުރު ހަ ކަމެއްގެ މައްސަލަ އޭސީސީ އަށް

26 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 29 މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ، ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިޔާސީ އިންތިހާބުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 29 މައްސަލަ ތަހުގީގު ކުރަންޖެހޭ ކަމަށް ފެންނާތީ، ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިރޭ ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބާ ގުޅޭ 61 މައްސަލައެއް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އެއީ ސިޔާސީ ޕާޓީތަކުން ހުށަހެޅި ތިން މައްސަލަ އާއި އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯ އިން ހަތަރު މައްސަލަ އާއި އަމިއްލަ މީހުން ހުށަހެޅި 26 މައްސަލައިގެ އިތުރުން ކާކުކަން ނޭނގޭ ގޮތަށް ފޮނުވި 28 މައްސަލަ އެކެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން ބަލަމުންދާ 29 މައްސަލައިގެ ތެރޭގައި ހިމެނެނީ ރިޝްވަތާއި ނުފޫޒު ފޯރުވުމުގެ މައްސަލަތަކުގެ އިތުރުން، ސަރުކާރުން އިންތިހާބުގެ ކެންޕެއިން ދުވަސްވަރު އިއުލާނު ކޮށްފައިވާ ބައެއް ކަންތައް ކަމަށެވެ.

އެ ކޮމިޝަނުން ބަލަމުންދާ ބައެއް މުހިންމު މައްސަލަތައް:

- އިންތިހާބާ ދިމާކޮށް ގަރާޖު ސިޓީ އުވާލުން.

- ޓެކްސީ ރަޖިސްޓްރީ ކުރަން 10,000ރ. ގެ ފީއެއް ނަގަން ހަމަޖެއްސުން.

- އުމުރުން ދުވަސްވީ މީހުންގެ އެލަވަންސް 7،000ރ. އަށް ބޮޑުކުރުން.

- ކުދި ވިޔަފާރިތަކަށް ދޫކުރި ލޯނުތަކުގެ އިންޓަރެސްޓް ކަނޑާލުން.

- ރަށުން ބޭރުގައި މަސައްކަތްކުރާ ޕްރިންސިޕަލުންނަށް އެލަވަންސެއް ދިނުމަށް ހަމަޖެއްސުން.

- ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ސްޓެޕް އެލަވަންސް ދިނުމަށް ނިންމުން.

- ބިންވެރިޔާ ސްކީމާ ގުޅޭ އެކި މައްސަލަތައް.

އޭސީސީން ބުނީ ކޮމިޝަނުން ބަލަންޖެހޭ ކަންކަން ބަލައި، މައްސަލަތައް ތަހުގީގު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ.

ކޮމިޝަނުން މައްސަލަ ބަލައި ނިންމުމުގައި ރާއްޖޭގެ ޖިނާއީ އިޖުރާއަތުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރާނެ ކަމުގެ ޔަގީންކަން ވެސް އޭސީސީން ދިނެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބާއްވާއިރު، ކެންޕެއިން ކުރުމާއި ވޯޓުލުމުގައި ނަޒާހަތްތެރިކަން އިސްކޮށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ އަމަލުތަކުން ދުރުހެލިވުމަށް އޭސީސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.