Roadha Mihaaru
ރައީސްގެކެމްޕޭނަށް މުއައްސާތަކުން ފާރަވެރިވާން ގޮވާލައިފި

ރައީސްގެ ކެމްޕޭނަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ ޓްރާންސްޕޭރަންސީގެ ކަންބޮޑުވުން

21 އޯގަސްޓް 2023

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި އެ ކަންކަމަށް ފާރަވެރިވުމަށް އެ ޖަމާއަތުން ގޮވާލި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި އެ ކަންކަމަށް ފާރަވެރިވުމަށް އެ ޖަމާއަތުން ގޮވާލި އެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން މިހާރު ފަށާފައިވާ ކެމްޕެއިނާ ދިމާކޮށް، ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަސީލަތްތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ނަހަމަ ގޮތުގައި ބޭނުންކުރާ ކަން ފާހަގަވާ ކަމަށެވެ.

އެކަމުގެ ސަބަބުން، އަނެއް ހަތް ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ގެއްލިފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

ޓްރާންސްޕޭރަންސީން ބުނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު ކެމްޕޭން ކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވައިލިތާ ފުރަތަމަ 10 ދުވަހު ތަފާތު 16 ރަށެއްގައި 32 މަޝްރޫއެއް ނިންމުން ނުވަތަ ފެށުން ފާހަގަކުުރުމުގެ ރަސްމިއްޔާތަކަށް ރައީސް ވަޑައިގެންނެވި ކަމަށެވެ. އެކަމަކު، އޭގެ ތެރެއިން 8 މަޝްރޫއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރު މުޅިން ނިންމާފައިވާ މަޝްރޫއުތަކެއް ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

ހައުސިން މިނިސްޓްރީ މެދުވެރިކޮށް، ޖުމުލަ އެއް ބިލިއަން ރުފިޔާގެ 14 އާ މަޝްރޫއެއް ސަރުކާރުގެ ދެ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޭރެންސީން ބުންޏެވެ.

މި އަމަލުތަކުގެ ސަބަބުން އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނެތްއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނު ދަތުރުފުޅުތަކުގައި ރަސްމީ މަސައްކަތްތައް ކުރެއްވުމާ މެދު ވެސް އެ ޖަމިއްޔާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"...މިކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ މަސައްކަތްތަކާއި މަސްއޫލިއްޔަތުތަކާއި ކެމްޕޭނު ކުރެއްވުމާ ދެމެދު އޮތް ފަރަގު ދެނެގަންނަން އުނދަގޫވޭ،" ބަޔާނުގައި ބުންޏެވެ.

އުމްރާނީ ތަރައްގީގެ ބިޔަ މަޝްރޫއުތަކާއި އިޖުތިމާއީ ސިޔާސަތުތަކުގެ ވައުދުތައް ރައީސް ވެވަޑައިގަންނަވަނީ އެކަމާ ގުޅޭ ދުރުރާސްތާގެ ޕްލޭނެއް ނޫނީ ވިސްނުމަކަށް ވެސް ހާމަނުކުރައްވާ ކަމަށް ޓްރާންސްޕޭރަންސީން ބުންޏެވެ.

އެހެންކަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލައި، އެ ކަންކަމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ވެސް ގާތުން ބަލައި، ފާރަވެރިވުމަށް ޓްރާންސްޕޭރެންސީން އިލްތިމާސް ކުރެ އެވެ.