Roadha Mihaaru
ޕީއެންސީން ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ: އެމްޑީޕީ

ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމުގެ ތުހުމަތު އެމްޑީޕީން ޕީއެންސީ އަށް!

17 ސެޕްޓެމްބަރ 2023

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށައި އެކަން ހުއްޓާލުމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މަސައްކަތް ކުރަމުންދާ ކަމަށައި އެކަން ހުއްޓާލުމަށް ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން މިރޭ ގޮވާލައިފި އެވެ.

އެ ޕާޓީން އެހެން ބުނީ އިންތިހާބަށް ރީރަޖިސްޓަރީ ވުމަށް އިލެކްޝަންސް ކޮމިޝަނުން ގާއިމު ކޮށްފައިވާ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކޮށް، ވަރަށް ގިނައިން އެޓޭކްތަކެއް ދޭ ކަމަށް އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވުމާ ގުޅިގެނެވެ.

އެމްޑީޕީގެ ތަރުޖަމާން، އަނަސް އަބްދުއްސައްތާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންނަށް އޮތް ވޯޓު ލުމުގެ ހައްގު ނިގުޅައިގަތުމަށް ޕީއެންސީން މަސައްކަތް ކުރާ ކަމަށެވެ. އެ މަސައްކަތް ހުއްޓުވައި ރައްޔިތުންނަށް، ބަސް ބުނުމުގެ ފުރުސަތު ދިނުމަށް އަނަސް ގޮވާލެއްވި އެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓު ލުމަށް ރަޖިސްޓަރީ ވާން ހުޅުވައިލުމުން ދެ ދުވަސް ތެރޭ 25،000 މީހުން ރީރަޖިސްޓަރީ ވެފައިވާ ކަމަށް އިލެކްޝަނުން ބުނުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީން މިއަދު ވަނީ އީސީގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު، އެ ޕާޓީން ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އީސީގެ އޮންލައިން ޕޯޓަލް ހެކް ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފަ އެވެ. ރީރެޖިސްޓްރޭޝަނަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރުމަށް ވެސް އެ ޕާޓީން އީސީގައި އެދުނެވެ.

ރީރަޖިސްޓްރޭޝަނާ ގުޅޭގޮތުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާތީ އެމްޑީޕީން ބުނީ ރީރަޖިސްޓްރޭޝަނާ ގުޅޭގޮތުން ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީން ވާތީ ކަމަށެވެ.

ދެ ވަނަ ބުރުގައި ވާދަކުރަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެއްވި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.