Roadha Mihaaru
ރަށުން ބޭރު މީހުންނަށް މުލިން ގޯތި ދެނީ

އާބާދީ އިތުރުކުރުމަށް ރަށުން ބޭރު މީހުންނަށް މުލިން ގޯތި ދެނީ

04 ޑިސެމްބަރ 2022

އާބާދީގައި 1،000 އެެއްހާ މީހުން ދިރިއުޅޭ މ. މުލީގެ އާބާދީ އިތުރުކުރުމުގެ ގޮތުން ރަށުން ބޭރު މީހުންނަށް އެރަށުން ގޯތި ދޫކުރަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އާބާދީގައި 1،000 އެެއްހާ މީހުން ދިރިއުޅޭ މ. މުލީގެ އާބާދީ އިތުރުކުރުމުގެ ގޮތުން ރަށުން ބޭރު މީހުންނަށް އެރަށުން ގޯތި ދޫކުރަން ނިންމައިފި އެވެ.

މުލީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށްޓަކައި އެ ރަށުން 2،000 އަކަފޫޓުގެ 135 ގޯތި ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެއީ އެ ރަށު ގަބުރުސްތާނުގެ ދެކުނުން ދޫކުރާ ފަސް ގޯއްޗާއި ރަށުގެ އިރުވައިފަރާތު ބިމުން ދޫކުރާ 130 ގޯތި ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

އޭގެ ތެރެއިން 125 ގޯތި ހާއްސަކުރަން ނިންމާފައި އޮތީ މުލީގެ ރައްޔިތުން ނުވަތަ އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށެވެ. އަދި ބާކީ 10 ގޯތި ހާއްސަކުރަނީ، އާބާދީ އިތުރުކުރުމުގެ ސިޔާސަތުގެ ދަށުން އެ ރަށަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ގޯއްޗަށް އެދޭ މީހުންގެ ޝަރުތުތައް

• 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން.

• ގޯއްޗަށް އެދި ހުށަހަޅާ މީހާއަށް ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ ލިބިފައިނެތުން.

• އަމިއްލަ ނުވަތަ ބަންޑާރަ ގޯއްޗެއްގައިވާ ނުއުފުލޭ މުދަލުން ލިބިގެން އެފަދަ ގޯއްޗަކުން ބައެއް ލިބިފައިނެތުން، ނުވަތަ ލިބިފައިވާ މިފަދަ ބައެއް ދޫކޮށްލުން.

• ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

• އެއްމެދު އިމާރާތެއް، ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ އެފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، އެތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވުން.

މިއަދުން ފެށިގެން އެ ގޯތިތަކަށް ކުރިމަތިލުމަށް ފޯމު ހުށަހެޅޭނެ ކަމަށް މުލީ ކައުންސިލުން ބުންޏެވެ. އެ ގޯތިތަކަށް ކުރިމަތިލާން އަންނަ މަހު 12 ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.