Roadha Mihaaru
އިޓަލީގެ އަވަށަކުން 1 ޑޮލަަރަށް ގެ ވިއްކަނީ

އިޓަލީގެ އަވަށަކުން 1 ޑޮލަަރަށް ގެ ވިއްކަނީ

18 ޖެނުއަރީ 2019

އިޓަލީގެ އަވަށަކުން އެންމެ ޑޮލަރަކަށް ގެ ވިއްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިޓަލީގެ އަވަށަކުން އެންމެ ޑޮލަރަކަށް ގެ ވިއްކަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޓަލީގެ ހިތްގައިމު ސަރަހައްދެއް ކަމަށްވާ ސިސިލީގެ އަވަށް، ސަމްބޫކާއިން މިހާރު ގެއެއް ވިއްކަނީ 1 ޑޮލަރު (15.40ރ.) އަށެވެ. އެހާ ކުޑަ އަގެއްގައި މިހާރަކަށް އައިސް އެތަނުން ގެ ވިއްކަނީ އާބާދީ ދަށްވަމުންދާތީ އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށްވެ އެވެ.

މީޑިއާތަކުން ރިޕޯޓް ކުރަމުން އަންނަ ގޮތުގައި އެންމެ ޑޮލަރަށް ގެ ވިއްކާތީ ސަމްބޫކާ އަވަށަށް ހިޖުރަ ކުރަން ބޭނުންވާ މީހުންގެ އަދަދު މިހާރު އަންނަނީ އިތުރުވަމުންނެވެ. އެހެންވެ އެ އަވަށުގެ ފަޅުކަން ކުޑަވަމުން އަންނަ ކަމަށްވެ އެވެ.

ދެހާސް ސަތާރައިގެ ރިކޯޑްތައް ދައްކާ ގޮތުން އާބާދީ ހަ ހާހަށް ވެސް ނާރާ ސަމްބޫކާގެ އޮފިޝަލުންނާ ހަވާދީ ސީއެންއެން އިން ބުނި ގޮތުގައި އެތަނުން ގެ ގެންނަން ބޭނުންވާ މީހުންނަށް މިހާރު އެއްވެސް ދައްޗަކާ ނުލައި ފަސޭހަކަމާ އެކު، ގެ ގަނެލުމުގެ ފުރުސަތު ލިބޭނެ އެވެ. އެތަނުން ވިއްކަނީ 40-150 އަކަމީޓަރާ ދެމެދުގެ ބޮޑުމިނުގެ ގެތަކެވެ.

"މިއީ އެއްގޮތަކަށް ވެސް އޮޅުވައިލުމެއް ނޫން. މިއީ މިތަނުގެ އާބާދީ އިތުރު ކުރުމަށް މީހުންގެ ޝައުގުވެރިކަން ހޯދުމުގެ ގޮތުން ފެށި ކަމެއް ކަމަށް،" ސަމްބޫކާގެ ޑެޕިއުޓީ މޭޔަރު އަދި ޓޫރިސްޓް ކައުންސިލަރު ގިސެއްޕޭ ކެސިއޯޕާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގެ ގެންނަ މީހުން އެތަންތަން ތިން އަހަރުގެ ތެރޭގައި ރަނގަޅު ފެންވަރަކަށް މަރާމާތު ކުރަން ޖެހޭނެ އެވެ. އެގޮތުން އަމިއްލަ ހަރަދުގައި މަރާމާތު ކުރާ އިރު، 5،000 ޕައުންޑްގެ ސެކިއުރިޓީ ޑިޕޮޒިޓެއް ބަހައްޓަން ޖެހޭނެ އެވެ. ނަމަވެސް މަރާމާތުގެ މަސައްކަތްކޮށް އެއްކޮށް ނިންމައިލުމުން ގެ ގެންނަ މީހާ އަށް އަނބުރާ ސެކިރިޓީ ޑިޕޮޒިޓް ލިބޭނެ އެވެ.

ސަމްބޫކާ އަވަށުގެ ދަނޑުބިންތަކެއް.

ސަމްބޫކާ އަވަށުގެ ދަނޑުބިންތަކެއް.

ސަމްބޫކާއަކީ ގުދުރަތީ ރީތިކަމާ އެކު، ދުވަސްވީ ތާރީހެއް ވެސް އޮތް އަވަށެކެވެ. އެގޮތުން އެ ތަނުގައި ތާރީހީ ގޮތުން ވަރަށް ހާއްސަ ތަންތަން އެބަހުރި ކަމަށް ގިސެއްޕޭ ވިދާޅުވި އެވެ.

"މިއީ ހަމަ ދުނިޔެ މަތީގެ ސުވަރުގެއެއް ކަހަލަ ތަނެއް،" އޭނާ ވިދާޅުވި އެވެ.