Roadha Mihaaru
އިޓަލީގެ އަވަށަކަށް ހިޖުރަކުރާ މީހުންނަށް މާލީ އެހީ

އިޓަލީގެ އަވަށަކަށް ހިޖުރަކުރާ މީހުންނަށް މާލީ އެހީ ދެނީ

04 ފެބުރުއަރީ 2019

އާބާދީ އިތުރު ކުރުމުގެ މަގުސަދުގައި މީގެ ދުވަސްކޮޅެއް ކުރިން އިޓަލީގެ އަވަށަކުން އެއް ޑޮލަރަށް ގެ ވިއްކަން ފަށާފައިވާ އިރު، އަނެއްކާވެސް ހަމަ މި މަގުސަދުގައި އެ ގައުމުގެ އަވަށަކަށް ހިޖުރަކުރާ މީހުންނަށް މާލީ އެހީ ދޭން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާބާދީ އިތުރު ކުރުމުގެ މަގުސަދުގައި މީގެ ދުވަސްކޮޅެއް ކުރިން އިޓަލީގެ އަވަށަކުން އެއް ޑޮލަރަށް ގެ ވިއްކަން ފަށާފައިވާ އިރު، އަނެއްކާވެސް ހަމަ މި މަގުސަދުގައި އެ ގައުމުގެ އަވަށަކަށް ހިޖުރަކުރާ މީހުންނަށް މާލީ އެހީ ދޭން ނިންމައިފި އެވެ.

ކުލަކުލައިގެ މާތަކުން ހިތްގައިމުކަން ގެނެސްދޭ ފެހިކަން ގަދަ ބަގީޗާއެއް ކަހަލަ އަވަށެއް ކަމަަށްވާ ލޮކާނޯގެ އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާތީ، އަމާޒަކީ މީހުން އެ ތަނަށް ހިޖުރަ ކުރަން ލޯބި ޖެއްސުމެވެ. އެގޮތުން ހިޖުރަކުރާ އާއިލާތަކަށް 10،000 ޑޮލަރާއި އެއް ޑޮލަރަށް ގަނެވޭނެ ހިތްގައިމު ކޮޓެޖަކާއި ވިހާ ކޮންމެ ކުއްޖަކަށް 1،000 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން މަދުވެގެން 6874 ޑޮލަރުގެ އާމްދަނީއެއް ލިބޭ ވަޒީފާއެއް ވެސް ހިޖުރަކުރާ މީހުންގެ ތެރެއިން ވަޒީފާ އަދާކުރަން ބޭނުންވާ މީހުންނަށް ހޯދައިދެ އެވެ.

ފްރާންސާއި ސްވިޓްޒަލެންޑްގެ ބޯޑަރާ ވެސް ކައިރީގައި އޮންނަ ލޮކާނޯ އަވަށުގެ މޭޔަރު ޖިވާނީ ބްރޫނީ ،މެޓިއެޓް ސީއެންއެން އަށް ވިދާޅުވި ގޮތުގައި ކުރިން 7،000 އަށް ވުރެ ގިނަ މީހުން ދިރިއުޅުނު އެ އަވަށުގެ އާބާދީ 1900 ގެ އަހަރުތަކުގެ ފަހުން ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އެހެންވެ ކުރިމަގަށްޓަކައި އެތަނުގައި މީހުން އާބާދުވުން އިތުރުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ލޮކާނޯގެ މިހާރުގެ އާބާދީއަކީ ގާތްގަނޑަކަށް 1،500 މީހުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އަވަށުން އަހަރަކު 40 މީހުން މަރުވާ އިރު، އުފަންވާ ކުދިންގެ އަދަދު އުޅެނީ އެވްރެޖްކޮށް 10 ގަ އެވެ.

"މީގެ ސަބަބުން ކިޔަވަން ސްކޫލަށް ދާ ދަރިވަރުންގެ އަދަދު ވެސް މަދުވެ، ސްކޫލް ވެސް ބަންދު ކުރަން ޖެހުމުގެ ބިރު ކޮންމެ އަހަރަކު އެބަ ކުރިމަތިވޭ،" މޭޔަރު ވިދާޅުވި އެވެ.

"އެކަމަކު މި ހާލަތަށް ލޮކާނޯ ދޫކޮށްލެވޭކަށް ނެތް. އެހެންވެ މާލީ ގޮތުން އެހީތެރިކަން ދީގެން ވެސް މިތަނުގައި މީހުން އާބާދު ކުރަން އަހަރެމެން ބޭނުންވޭ."

މެޓިއެޓް ވިދާޅުވި ގޮތުގައި ލޮކާނޯ އިން މަރުހަބާ ކިޔާނީ ހަމައެކަނި އިޓަލީގެ ރަށްވެހިންނަކަށް ނޫނެކެވެ. ވަކިން ހާއްސަކޮށް ޒުވާނުންނަށް މަރުހަބާ ކިޔަން ލޮކާނޯ އޮތީ ތައްޔާރަށެވެ.

"އެހެން ގައުމުތަކުން މިތަނަށް ހިޖުރަކުރަން ބޭނުންވާ މީހުންނަށް ވެސް އަހަރެމެން މި ތިބީ މަރުހަބާ ކިޔަން ތައްޔާރަށް. އަދިި އިޓަލީން ބޭރުގައި ވަޒަންވެރިވެގެން ތިބި އިޓަލީ ރައްޔިތުން ވެސް އެނބުރި ގައުމަށް އައިސް މިތަނުގައި ދިރިއުޅުން އަހަރެމެންގެ އިލްތިމާސަކީ،" އޭނާ ވިދާޅުވި އެވެ. "ހަގީގަތުގައި މިއީ ދިރިއުޅެން ވަަރަށް ހިތްފަސޭހަ އަވަށެއް. ފަރުދަބަތަކާއި ވާދީތަކާއި މާމެލާމެލީގެ ގަސްތަކުން ޗާލުވެފައި އޮތް ތަނެއް މިއީ."

މޭޔަރު ވިދާޅުވި ގޮތުގައި ލޮކާނޯއަކީ ވަކިން ހާއްސަކޮށް ޒުވާނުންނަށް ވަރަށް ވެސް ކަމުދާ ކަހަލަ ތަނަކަށް ވާނެ އެވެ.

"ޒުވާނުން މިތަނުގައި ވަޒަންވެރިވެ، މިތަނުގައި ބަންދުކޮށްފައި މިހިރަ ފިހާރަތަކާއި ރެސްޓޯރަންޓްކާއި ބާތަކާއި ބުޓިކް ފަދަ ތަންތަން ހުޅުވައިގެން ރަނގަޅު އާމްދަނީއެއް ވެސް ހޯދޭނެ،" މެޓިއެޓް ވިދާޅުވި އެވެ. "މިއީ ވަރަށް ވެސް ހިތްގައިމު ތަނެއް."