Roadha Mihaaru
ރަތްމަންދޫން އެހެން ތަނަކަށް ބަދަލުކޮށްދޭން އެދެފި

ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދޭން އެދެފި

11 ސެޕްޓެމްބަރ 2024

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެ ރަށުގެ ގިނަ ބަޔަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މ. ރަތްމަންދޫ މީހުން އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެ ރަށުގެ ގިނަ ބަޔަކު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އެދިއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އިސްމާއިލް ނާހިދު ސޮއިކުރައްވައި މިދިޔަ މަހުގެ 15 ގައި ރައީސަށް ފޮނުއްވި ސިޓީގައި ވަނީ، ރަށުގެ އާއްމުންގެ ގިނަ ބަޔަކު ކައުންސިލްގެ އިދާރާއަށް ފޮނުވާފައިވާ ޕެޓިޝަން، ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކަށް ހިއްސާކޮށް، އެ މީހުންނަށް އޮތް ފުރުސަތުތަކަކީ ކޮބައިތޯ ބަލަން އެދިފައިވާ ކަމަށެވެ.

އެހެންވެ، އެއާ އެގޮތަށް، ކައުންސިލަށް ހުށަހެޅި ޕެޓިޝަން، ކަމާގުޅޭ ފަރާތްތަކާ ހުށަހަޅަން ނިންމިއަސް، އެ ކަމުގައި ކައުންސިލުން ވަކި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.

ނާހިދު "މިހާރު" އަށް ވިދާޅުވީ އެ މައްސަލައާ މެދު ކައުންސިލުން ވަކި ގޮތެއް ނިންމާނީ ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކުން އަންގާ ގޮތެއް ބެލުމަށްފަހު ކަމަށެވެ.

ކައުންސިލަށް ހުށަހެޅި ޕެޓިޝަންގައި ބުނީ ރަތްމަންދޫގެ އާބާދީ މަދުވުމާއި އަސާސީ ހިދުމަތްތައް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ލިބުމުގެ ފުރުސަތު ނެތްކަމަށް ފެންނާތީ، ފުރުސަތުތައް ފަހި އާބާދީއަކަށް ހިޖުރަކުރަން ބޭނުންވާ ކަމަށެވެ.

އެ ރަށުގައި މި ވަގުތު ދިރިއުޅެނީ 239 މީހުންނެވެ. އެއީ 118 އަންހެނުންނާއި 121 ފިރިހެނުންނެވެ. ދަރިވަރުންގެ އަދަދު މަދުވުމުން ރަސްމީ ތައުލީމު ފޯރުކޮށްދެނީ ގްރޭޑް 6 އާ ހަމައަށެވެ. ސްކޫލުގައި ތިބީ އެންމެ އަށް ދަރިވަރުންނެވެ. ޓީޗަރުންނަށް އުޅެނީ ވެސް ތިން ބިދޭސީން ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.

ސަތޭކަ ސާދަ މީހުން ސޮއިކޮށްފައިވާ ޕެޓިޝަންގައި އެދިފައިވަނީ ހިޖުރަކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމާއި އެފަދަ ފުރުސަތުތަކެއް އޮތް ނަމަ، އެ ފުރުސަތުތަކަކީ ކޮބައިން ބަލައި އަދި އެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ.

ސަރުކާރުން އިއުލާންކޮށްފައިވާ ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ނުވަތަ ރަސްމާލެގެ ތެރެއިން ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު އޮތްނަމަ އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އެދި ސަރުކާރުގައި އެދުމަށް ވެސް އެ ޕެޓިޝަންގައި ވަނީ އެދިފަ އެވެ.

ޕެޓިޝަންގައި ބުނީ ޕެޓިޝަންގައި ސޮއިކޮށްފައިވަނީ 18 އަހަރުން މަތީގެ މީހުންގެ ތެރެއިން، އެހެން ރަށަކަށް ހިޖުރަކުރަން ބޭނުންވާ މީހުން ކަމަށެވެ. އެކަން ބަލާފައިވަނީ އެންމެ ފަހުގެ ވޯޓާސް ލިސްޓެވެ. އެ ލިސްޓުގައިވާ ގޮތުން ރަތްމަންދޫގެ 172 މީހަކަށް ވޯޓުދިނުމުގެ ހައްގު ލިބިފައިވެ އެވެ. ކައުންސިލްގެ ފަސް މެމްބަރުން ފިޔަވައި، ރަށުގެ 114 މީހަކު ވަނީ ޕެޓިޝަންގައި ސޮއިކޮށްފަ އެވެ.

ރަށުގެ ހާލަތު ބަޔާންކޮށް ކައުންސިލުން ތައްޔާރުކޮށް، ކަމާގުޅޭ އިދާރާތަކަށް ފޮނުވި ލިޔުމުގައި ބުނީ ރަތްމަންދޫގައި ބަނދަރެއް ނޯންނަ ކަމަށެވެ. މީގެ ހަ އަހަރު ކުރިން އެޅި ޖެޓީގެ ކޮންކްރީޓް ބެރިތަކުގައި ވަރަށް ބޮޑަށް ރެނދުލާފައިވާ ކަމަށާއި މުދާ އުފުލާ ބޯޓު ފަހަރާއި އެހެނިހެން ބޮޑެތި އުޅަނދުފަހަރު ޖެޓީއާ ގާތްކޮށްފައިވާ ވަގުތުތަކުގައި އެހެން އެއްވެސް އުޅަނދުތަކަށް ޖެޓީއާ ގާތްކުރާނެ ޖާގައެއް ނޯންނަ ކަމަށް ބުންޏެވެ.

ހުޅަނގު މޫސުމުގެ ވައި ބާރު ދުވަސްވަރު ރާޅު ބޮޑުވާ ސަރަހައްދެއްގައި ޖެޓީ އޮތުމުން އެފަދަ ދުވަސްވަރު އުޅަނދުފަހަރު ޖެޓީއާ ގާތްކުރަން ވަރަށް ދަތިވާ ކަން ވެސް ކައުންސިލުން ފާހަގަކުރެ އެވެ.

އޭގެ އިތުރުން ރަށުގެ ހުޅަނގު ފަރާތުން ގިރަމުންދާ ސަރަހައްދުގައި އެންމެ އަތިރިމައްޗަށް ހުންނަ ގޯތިތަކާ ގޮންޑޮޅިއާ ދެމެދު 2005 ވަނަ އަހަރު 144 ފޫޓު ހުރިނަމަވެސް 2019 ވަނަ އަހަރާ ހަމައަށް އައިއިރު ވަނީ އެ އަދަދު 76 ފޫޓަށް މަދުވެފަ އެވެ.

ގިރާ ސަރަހައްދު ހިމާޔަތް ނުކުރެވިއްޖެނަމަ ދެތިން އަހަރެއްގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ގޯތިތަކަށް ގެއްލުންވާ ވަރަށް ރަށް ގިރާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުންޏެވެ. އެކަމަކު، ކުރީގެ ސަރުކާރުން ވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކޮށް، ރަށުގައި ބަނދަރެއް ހަދަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.

ރަތްމަންދޫގެ ގިނަ ބަޔަކު އެހެން ރަށަކަށް ބަދަލުވާން ބޭނުންވާކަން ހާމަކުރިއިރު، ހދ. ހިރިމަދޫ ކައުންސިލުން ވަނީ ކ. ތުލުސްދުއަށް ހިޖުރަކުރަން ބޭނުންވާކަން ހާމަކޮށްފަ އެވެ. އެއާއެކު، ތުލުސްދޫ ކައުންސިލުން ވެސް ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.