Roadha Mihaaru
ކެމަރޫންގައި ބިންގަނޑު ކަނޑައިގެން ގޮސް 14 މަރު

ކެމަރޫންގައި ބިންގަނޑު ކަނޑައިގެން ގޮސް 14 މީހުން މަރުވެއްޖެ

28 ނޮވެމްބަރ 2022

ކެމަރޫންގެ ވެރިރަށް ޔައުންޑޭގައި ޖަނާޒާއެއްގެ ކަންތައް އިއްޔެ ކުރިއަށް ދަނިކޮށް ހިނގި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި މަދުވެގެން 14 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ކެމަރޫންގެ ވެރިރަށް ޔައުންޑޭގައި ޖަނާޒާއެއްގެ ކަންތައް އިއްޔެ ކުރިއަށް ދަނިކޮށް ހިނގި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާއެއްގައި މަދުވެގެން 14 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.

ކެމަރޫން ސަރުކާރުން ބުނި ގޮތުގައި މި ހާދިސާގައި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ އިރު، އެމީހުން ހޯދުމަށް ސިފައިންނާއި ފުލުހުން މިހާރު ވަނީ ޚާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފޭބި ހާދިސާ ހިނގީ، ކޯރެއްގެ އައްސޭރި ފަށުގައި 20 މީޓަރު ތިރީގައި އޮތް ފުޓްބޯޅަ ދަނޑަކަށް ބަޔަކު އެއްވެ، މީހެއްގެ ޖަނާޒާގެ ކަންތައް ކުރިއަށް ގެންދަނިކޮށެވެ.

މި ހާދިސާ ހިނގީ، ކޯރުގެ ފެންގަނޑު ބޯޅަދަނޑަށް ފައިބައިގެން ދިޔަނުދިނުމަށްޓަކައި، ކޯރުގެ އައްސޭރިއަށް ޖަމާކޮށްފައި ހުރި ވެލިފުނިތައް ގިރާލައިގެން ފުޓްބޯޅަ ދަނޑުގެ ތެރެއަށް ފައިބައިގަތުމުންނެވެ. ކޯރުގައި ފެންގަނޑު ބޮޑުވުމުގެ ސަބަބުން، ވެލިފުނިތައް ގިރާލައިގެން ދަނޑުތެރެއަށް ފޭބި އިރު، ވެއްޔާއި ކިސަޑުގެ ތެރޭގައި އެތައް ބަޔަކު ފޮރުވިގެން ދިޔަ އެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކޯރު ފުރިގެން ބަންޑުންވެ، އައްސޭރި ފަށުގައި ހުރި ވެލިތައް ދަނޑު ތެރެއަށް ކުއްލިއަކަށް ފައިބައިގަތް އިރު، އެ ސަރަހައްދުގައި ތިބި މީހުން ސަލާމަތްވާނެ ކުޑަވެސް ފުރުސަތެއް ނުލިބެ އެވެ. ކުއްލިއަކަށް މެދުވެރިވި މި ހާދިސާގައި ގެއްލިފައިވަނީ ކިތައް މީހުންކަން އަދިވެސް ނޭނގޭ އިރު، ޒަޚަމްވި ބައެއް މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގުމާ އެކު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ރައްކާތެރި އެހެން ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ. ވެއްޔާއި ކިސަޑުގެ ތެރޭގައި ވަޅުލެވިފައިވާނެ ކަމަށް ބެލެވޭ މީހުން ހޯދުމަށް، އެ ސަރަހައްދުގެ އާންމުން މަސައްކަތް ކުރަމުން އަންނަ އިރު، ސިފައިންނާއި ފުލުހުން ވެސް އަންނަނީ އެ މަސައްކަތުގައި ބައިވެރިވަމުންނެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ވެލިގަނޑު ފޭބުމަކީ، ކެމަރޫންގައި އާންމުކޮށް ހިނގާ ކަމެއް ނަމަވެސް، އިއްޔެގެ މި ހާދިސާއަކީ މިހާތަނަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ހާދިސާ ކަމަށް އެ ގައުމުން ބުނެ އެވެ. ކެމަރޫންގެ ހުޅަނގު ސަރަހައްދުގެ ސަހަރެއް ކަމަށްވާ ބަފޫސާމްގައި 2019 ވަނަ އަހަރު ހިނގި، ވެލިގަނޑު ފޭބުމުގެ ހާދިސާއެއްގައި 43 މީހަކު މަރުވެ އެތައް ބަޔަކަށް އަނިޔާވި އެވެ.