Roadha Mihaaru
ތުރުކީގެ ބޯޓުދެލި ވަޅެއް ގޮވައި 41 މީހަކު މަރުވެއްޖެ

ތުރުކީގެ ބޯޓުދެލި ވަޅެއް ގޮވައި 41 މީހަކު މަރުވެއްޖެ

16 އޮކްޓޯބަރ 2022

ތުރުކީ ވިލާތުގެ އުތުރުގައި އޮންނަ ބާޓީން ޕްރޮވިންސްގައި ހުރި ބޯޓުދެލި ނަގާ ވަޅެއްގައި މިދިޔަ ހުކުރު ދުވަހު މަސައްކަތް ކުރަމުން ދަނިކޮށް، އެ ވަޅުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ވަޅު ގޮވުމުގެ ސަބަބުން 41 މީހަކު މަރުވެ އިތުރު 11 މީހަކު ޒަޚަމްވެއްޖެ އެވެ.

ހުކުރު ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް މިހާރު ވަނީ އެ ވަޅުން ނަގައި، ބައެއް މީހުންގެ ޖަނާޒާގެ ކަންތައް ވެސް ނިންމައިފަ އެވެ، ތުރުކީގެ އޮފިޝަލުން ބުނި ގޮތުގައި ބޯޓުދެލި ނަގާ ވަޅުގެ ތެރޭގައި ހިނގި ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑުތައް އެ ވަޅުން ނަގައި ނިމުނީ ހާދިސާ ހިނގިތާ 20 ގަޑިއިރު ފަހުންނެވެ.

މި ހާދިސާގައި ޒަޚަމްވެގެން ހޮސްޕިޓަލުގައި 11 މީހަކަށް ފަރުވާ ދޭން ޖެހުނެވެ. އޭގެ ތެރެއިން އެކަކު މިހާރު ވަނީ ގެއަށް ފޮނުވާލައިފަ އެވެ.

އޮކްޓޫބަރު 15، 2022: ތުރުކީ ވިލާތުގެ ބޯޓުދެލި ނަގާ ވަޅެއް ގޮވުމުގެ ހާދިސާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދޭ ހޮސްޕިޓަލަށް އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަޑައިގެން، ޒަޚަމަވި މީހެއްގެ ހާލު ބައްލަވާލައްވަނީ. --އޭއެފްޕީ

ތުރުކީ ސަރުކާރުން ބުނި ގޮތުގައި އެ ވަޅުގައި އަލިފާނުގެ ހާދިސާ ހިނގި އިރު، އެ ވަޅުގެ އެތެރޭގައި 110 ވަރަކަށް މީހުން ތިއްބެވެ. އޭގެ ތެރެއިން ބައެއް މީހުން ތިބީ 300 މީޓަރަށް ވުރެ ވެސް ފުނުގަ އެވެ. އަލިފާނުގެ ހާދިސާ ހިނގުމާއެކު، ގިނަ މީހުން އެ ތަނުން ސަލާމަތްވެގެން ނުކުތީ އަމިއްލައަށެވެ.

މި ހާދިސާ ހިނގުމާ ގުޅިގެން، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ވަނީ ބައެއް ވަޒީރުންނާ އެކުގައި އެ ސަރަހައްދަށް ވަޑައިގެން، ޒަޚަމްވި މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި މަރުވި މީހުންގެ އާއިލާތަކާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވި އެވެ.

ތުރުކީ ސަރުކާރުން ބުނި ގޮތުގައި އެ ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ. މިހާތަނަށް ކުރި ތަހުގީގުން އެނގުނު ގޮތުގައި ބޯޓުދެލި ވަޅު ގޮވަން މެދުވެރިވީ، އެ ވަޅުގެ ތެރޭގައި އުފެދުނު ވިހަ ގޭހެއްގެ ސަބަބުންނެވެ.

ވަޅުގެ ތެރޭގައި ގޮވުން އުފެދުނީ ވަޅުގެ ގާތްގަނޑަކަށް 300 މީޓަރު ފުނުގަ އެވެ. އޭރު އެ ވަޅުގެ 300 މީޓަރާއި 350 މީޓަރާ ދެމެދުގެ ފުން ސަރަހައްދުގައި 49 ވަރަކަށް މީހުން މަސައްކަތް ކުރަމުން ދިޔަ އެވެ. ތުރުކީގައި މިހާތަނަށް ހިނގި އެންމެ ނުރައްކާތެރި މިފަދަ ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ގައުމުގެ ހުޅަނގު ސަހަރެއްގައި ހުރި ބޯޓުދެލި ނަގާ ވަޅެއް ގޮވުމުގެ ސަބަބުން، 301 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވި އެވެ.