Roadha Mihaaru
އީވާގެ ޝަކުވާ، މާލޭމީހުންގެ ހިޔާވަހިކަމަށް ކަމެއް ނެތް

ސަރުކާރަށް ހަތަރު އަހަރުވީއިރު މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކޮށްދިން ކަމެއް ނެތް: އީވާ

23 ނޮވެމްބަރ 2022

މި ސަރުކާރަށް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދޭން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މި ސަރުކާރަށް މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މާލޭގެ މީހުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ހައްލުކޮށްދޭން އެއްވެސް ކަމެއް ކޮށްފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އީވާ، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ސަރުކާރުން އަންނަ އަހަރަށް ކަނޑައަޅައި، މިހާރު ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާ ބަޖެޓާ ގުޅިގެން ވެސް އީވާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ގޮތަށް ފާސްކުރި އެ ބަޖެޓަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދެއް ނުކުރައްވަ އެވެ. އޭގެ ތެރޭގައި އީވާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ވަރަށް މާލޭ ބާކީކޮށްފައި އެ ބުނަނީ، މާލެ ނުލައި ވެރިކަން ކުރާށޭ މި އުޅެނީ. ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭ: އީވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ އެކު މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، އީވާ ހުންނެވީ ނަޝީދު ފަޅީގަ އެވެ. އީވާގެ އިތުރުން ނަޝީދުގެ ފަޅީގައި ތިއްބެވި އެމްޑީޕީގެ އެހެން ބައެއް މެމްބަރުން ވެސް، މިހާރު، މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެވެ.

"މި ވަރަށް މާލޭ ބާކީކޮށްފައި އެ ބުނަނީ، މާލެ ނުލައި ވެރިކަން ކުރާށޭ މި އުޅެނީ. ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތެއް ނުކުރާނަމޭ ބުނަންޏާ ހަމަ މާލޭގެ ބޯހިޔާވަހިކަން ވެސް ހިމަނަން ޖެހޭ،" އީވާ ވިދާޅުވި އެވެ.

މި ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެމްޑީޕީއާ މެދު ރައްޔިތުން ކުރާ އުއްމީދަކީ ހަމައެކަނި ރަށްރަށުގެ ބަނދަރު ހަދައިދިނުމަށް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު އެކުލަވާލިއިރު އަނެއްކާވެސް ފެނުނީ އަމިއްލަ ވިޔަފާރިތަކަށް ލިބޭ ފުރުސަތުތައް ހަނިކުރި ތަން ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި، އެއީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ވެސް މުޅިން ހިލާފު ކަމެކެވެ.

"ސަރުކާރު ހިންގާ ކުންފުނިތައް ބޮޑުވަމުން، ބޮޑުވަމުން ގޮސް މިހާރު ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ ވިޔަފާރީއެއްގެ ތެރެއަށް ކުންފުނިތައް ވަދެއްޖެ. އިއްޒަތްތެރި ރައީސް އެމްޑީޕީގެ އެންމެ އަސާސީ އެއް ވިސްނުމާ ހިލާފަށް ސަރުކާރަކީ މިހާރު ވިޔަފާރިކުރާތާކަށް ވެއްޖެ،" އީވާ ވިދާޅުވި އެވެ.

އިގުތިސާދު ހަމައަކަށް އެޅުވުމުގެ ނަމުގައި މި ސަރުކާރުން އުޅެނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް އީވާ ތުހުމަތު ކުރެއްވި އެވެ. އެ އޮޅުވާލުންތަކުގައި އެންމެ ބޮޑު ރޯލެއް ކުޅޭ ބަޔަކީ ވެސް ސަރުކާރު ހިންގާ ކުންފުނިތައް ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ.

"ސަރުކާރުން ހިންގާ ކުންފުނިތަކަށް ސިޔާސީ މީހުންތައް ލަމުންލަމުން ގޮއްސަ އެ ބުނަނީ، ދެވަނަ ދައުރު ހަމަޖައްސަން އުޅޭ ވާހަކަ. އެ ދައްކަނީ އިގުތިސާދު ހަމަޖައްސަން އުޅޭ ވާހަކައެއް ނޫން. މެދު ރާސްތާ އާއި ކުރު ރާސްތާ އާއި ދިގު ރާސްތާ އަށް އިގުތިސާދު ހަމަޖެއްސުމަކީ އަޅުގަނޑުމެންނަށް ވެސް އެނގޭނެ އަމިއްލަ ވިޔަފާރިތައް ހަމަޖެހުން،" އޭނާ ވިދާޅުވި އެވެ.

ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީގެ ސިފައިގައި އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދަން ޖެހޭނެ: އީވާ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު

އީވާ ވިދާޅުވީ ބަނދަރާއި ފެނާއި ނަރުދަމާގެ މުހިންމުކަން އޮޅޭނެ މީހަކު މިހާރު ނުހުންނާނެ ކަމަށެވެ. އެއީ އުއްމީދަކަށް ވުރެ ބޮޑަށް ކޮންމެ ބަޔަކަށް ވެސް ލިބެން ޖެހޭ އަސާސީ ހައްގެއް ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއާ މެދު ރައްޔިތުން ކުރާ އުއްމީދަކީ ހަމައެކަނި ބަނދަރެއް ހަދައިދިނުން ކަމަށް ވެއްޖިއްޔާ، އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން އެމްޑީޕީގެ ސިފައިގައި އެމްޑީޕީގެ އަސްލު ވައުދެއް ވެސް ފުއްދަން ޖެހޭނެ،" އީވާ ވިދާޅުވި އެވެ.

"ކޮންމެ ބަނދަރަކާ ގުޅިގެން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވައްކަން ހޯދާތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން މި ސަރުކާރުގެ ވެންޓިލޭޓަރުގެ ވައްކަން ހޯދަން އުޅޭތަން ފެންނަން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގަލޮޅު އުތުރު، މާލެއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހޭނެ. ކޮންމެ ބަނދަރަކާ ގުޅިގެން ގެއްލިފައިވާ ރިލްވާނާއި މަރާލާފައިވާ ޔާމީނަށް އިންސާފު ހޯދާތަން ފެނަން ޖެހޭނެ."