Roadha Mihaaru
ކުއްޔަށްދިނުމުގެ ބިލް ފާސްކުރީ މުހިންމު ބައިތައް ނުލައި

ގެދޮރު ކުއްޔަށް ދިނުމުގެ ބިލް ފާސްކުރީ މުހިންމު ބައެއް ބައިތައް އުނިކޮށްފައި

27 އޮކްޓޯބަރ 2021

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، އެ ބިލު ހުށަހެޅި މަގުސަދު އެންމެ ރަނގަޅަށް ހާސިލު ނުވާ ފަދަ ބަދަލުތަކެއް ގެނެސް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ގެދޮރު ކުއްޔަށް ދިނުމާ ބެހޭ ގާނޫނެއް ހަދަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، އެ ބިލު ހުށަހެޅި މަގުސަދު އެންމެ ރަނގަޅަށް ހާސިލު ނުވާ ފަދަ ބަދަލުތަކެއް ގެނެސް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މުލަކު ދައިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނަސީރު ހުށަހެޅުއްވި "ދިރިއުޅުމަށްޓަކައި ގޯތި ގެދު ކުއްޔަށް ދިނުމާ ބެހޭ ބިލު"ގެ މަގުސަދެއް ކަމަށް އޮތީ ކުއްޔަށް ދޭ ތަންތަނުގެ އަސާސީ މިންގަނޑުތައް ކަނޑައެޅުމާއި ކުލީގެ މުއާމަލާތުތަކުގައި އުފެދޭ ދެބަސްވުންތައް އަވަަހަށް ހައްލު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.

ގެދޮރު ކުއްޔަށް ހިފާ މީހުން އެންމެ ގިނައިން ކުރާ އެއް ޝަކުވާ އަކީ ތަނެއް ކުއްޔަށް ހިފާއިރު، ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓާ ފައިސާގެ ތެރެެއިން އެއްވެސް އެއްޗެއް، ތަން ދޫކޮށްލާއިރު އަނބުރާ ނުލިބުމުގެ ޝަކުވާ އެވެ. އެކަމަށް ނިމުމެއް ގެންނަން، ބިލުގައި އޮތީ "ޓެނެންސީ ބޯޑް"ގެ ނަމުގައި އުފައްދާ ބޯޑެއްގެ ބެލުމުގެ ދަށުގައި ޑިޕޮޒިޓް ފައިސާ ބެހެއްޓުން ލާޒިމުކުރާ ގޮތަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެ ބިލު ދިރާސާކުރި އިރު، ޓެނެންސީ ބޯޑެއް އޮންނަން ނުޖެހޭ ގޮތަށް ބިލު އޮތީ ބަދަލުކޮށްފަ އެވެ.

ސަރުކާރުން ބިލު ހުށަހެޅިއިރު ހިމަނާފައި އޮތް އަނެއް ކަމަކީ ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ރަޖިސްޓަރީ ކުރަން ލާޒިމުކުރުމެވެ. އެކަމަކު ކޮމިޓީން ބިލު ދިރާސާކުރިއިރު އެ މާއްދާ އޮތީ އުނިކޮށްފަ އެވެ. އެ މާއްދާ އުނިކުރި ސަބަބެއް ކަމަށް ކޮމިޓީގެ ރިޕޯޓްގައި އޮތީ އެެއްބަސްވުން ރަޖިސްޓަރީ ކުރުން ލާޒިމުވާ ގޮތަށް ގާނޫނެއް ހަދައިފި ނަމަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލުކުރެވުމެވެ.

ބިލުގައި އޮތީ "ޓެނެންސީ ބޯޑް"ގެ ނަމުގައި އުފައްދާ ބޯޑެއްގެ ބެލުމުގެ ދަށުގައި ޑިޕޮޒިޓް ފައިސާ ބެހެއްޓުން ލާޒިމުކުރާ ގޮތަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން އެ ބިލު ދިރާސާކުރި އިރު، ޓެނެންސީ ބޯޑެއް އޮންނަން ނުޖެހޭ ގޮތަށް ބިލު އޮތީ ބަދަލުކޮށްފަ އެވެ.

ބިލަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް ކުއްޔަަށް ހިފާ ފަރާތްތަކާއި ކުއްޔަށް ދޭ ފަރާތްތަކަށް ވެސް މިހާރަށް ވުރެ ފަސޭހަވާނެ ބައެއް ކަންތައްތައް ބިލުގައި އަދިވެސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި، ކުއްޔަށް ދޭ ތަންތަނުގައި ހުންނަން ޖެހޭ މިންގަނޑުތައް ބަޔާންކުރާ މާއްދާތައް ހިމެނެ އެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމަނަން ޖެހޭނެ ބައިތައް ވެސް ބިލުގައި ކަނޑައަޅާފައި ވެ އެވެ.

ކުއްޔަށް ދިނުމުގެ އެއްބަސްވުމުގައި ހިމެނުން މަނާ ބައެއް ކަންތައްތައް ވެސް ބިލުގައި ކަނޑައަޅާފައި ވެ އެވެ. ބިލުގެ 24 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުން، ވަކި ނަސްލަކަށް ނުވަތަ ވަކި ފިކުރަކަށް ނިސްބަތްވާ މީހުން ބޭތިއްބުން މަނާކުރުން ފަދަ ކަންތައްތައް އެއްބަސްވުމުގައި ހިމެނުމަކީ މަނާ ކަމެކެވެ. ކުއްޔަށްދޭ ތަނުގައި ވަކި އުމުރެއްގެ މީހުން ބޭތިއްބުން މަނާކުރުމަކީ ވެސް ބިލު ގާނޫނަކަށް ވުމަށް ފަހު މަނާވާނެ ކަމެކެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 47 މެމްބަރުންގެ އިއްތިފާގުންނެވެ.