Roadha Mihaaru
އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ހިމާޔަތްކުރަނީ

އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ހިމާޔަތްކުރަނީ

18 ނޮވެމްބަރ 2022

އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އައްޑޫގައި މިޔަރަށް ހާއްސަ ސަރަހައްދެއް ހިމާޔަތްކުރަން އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ނިންމައިފި އެވެ.

އެ ކައުންސިލުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން "އައްޑޫ ނާސް ޝާކް ސެންކްޗުއަރީ"ގެ ނަމުގައި ސަރަހައްދެއް ކަނޑައަޅައި، އެ ސަރަހައްދު ހިމާޔަތްކުރުމަށް ނިންމީ އިއްޔެ ބޭއްވި ކައުންސިލުގެ ރަސްމީ ޖަލްސާގަ އެވެ. ކައުންސިލުން ބުނީ އެ މަސައްކަތްކުރުމަށް ކައުންސިލަށް ހުށަހެޅީ ސ. މީދޫ ދާއިރާގެ ކައުންސިލް މެންބަރު އާމިނަތު ސާލިހާ ކަމަށެވެ.

ސާލިހާގެ ހުށަހެޅުމުގައި ވިދާޅުވެފައި ވަނީ، ސަދަން މޯލްޑިވްސް ޑައިވާސްގެ ޓީމަކުން 2018 ވަނަ އަހަރު ކުރި އެކްސްކެވޭޝަން ޓުއާއެއްގައި ސްނޯކްލިން އާއި ޑައިވްކުރުމުގެ ތެރެއިން ހުށަހެޅި ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުން ގިނަ އަދަދެއްގެ ރަތްމަހާއި މާހުޅުނބު ލަނޑާގެ އިތުރުން ނާސް ޝާކް އާއި އެ ނޫން ވެސް ކަނޑުގެ އެކި ދިރުންތައް ފެނިފައިވާ ކަމަށެވެ.

އެ ޓީމުން ފާއިތުވި ހަތަރު އަހަރުގެ ތެރޭ އެ ސަރަހައްދަށް ދަތުރުކޮށް، އެ ސަރަހައްދު ރިސާޗުކޮށް، ސާވޭކުރުމުގެ އިތުރުން މިޔަރުތަކަށް ކާންދީ އެތަނުގައި އުޅޭ މިޔަރުތަކުގެ އޮބްޒަވޭޝަންތައް ރިކޯޑްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ސ. މީދޫއިން ފުރާއިގެން ލޯންޗްގައި ހަތް މިނެޓުން ދެވޭ، އައްޑޫގެ އެތެރެވަރި ނިމޭ ހިސާބުގައި އޮންނަ ސަރަހައްދެކެވެ.

ކައުންސިލުގެ ނިންމުމުގެ ހުލާސާ

- ޑައިވާސް ޓީމުގެ ހޯދުންތަކުގެ އަލީގައި އެ ސަރަހައްދު ވަށައިގެން 100 މީޓަރު ރޭޑިއަސްގެ ސަރަހައްދެއް ހިމާޔަތްކުރުން.

- އައްޑޫ ނާސް ޝާކް ސެންކްޗުއަރީގެ ގޮތުގައި ދެކުނުގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް އެ ސަރަހައްދު ބޭނުންކުރުން.

އެ ސަރަހައްދު ހިމާޔަތްކޮށް، ނާސް ޝާކް ސެންޗުއަރީއެއް ހަދަން އައްޑޫ ސިޓީ ކައުންސިލުގެ 11 މެމްބަރުން ތައީދުކުރެެއްވި އެވެ.