Roadha Mihaaru
ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ފާސްކޮށްފި

އިހުތިޖާޖު ކުރަމުންދަނިކޮށް، ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

16 ނޮވެމްބަރ 2022

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި ބިލު ފޮނުވި ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި އިސްލާހު ފާސްކުރަން ފެންނަ ކަމަށް 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 26 މެންބަރުންނެވެ.

މި އިސްލާހު ތަސްދީގުކުރެއްވުމާ އެކު ކުރިން ހަ ޕަސަންޓުގައި ހުރި ޖީއެސްޓީ އަށް ޕަސަންޓަށް ބޮޑު ވާނެ އެވެ. އަދި 12 ޕަސަންޓުގައި ހުރި ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑުކުރަން ވަނީ ނިންމައިފަ އެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުން ފާސްކުރި އިރު އިދިކޮޅު ފަރާތްތަކުން ދިޔައީ މަޖިލީހުގައި އަޑުގަދަ ކުރަމުންނެވެ. އަދި އެ މެންބަރުންގެ ނަން އިއްވައި ތަޅުމުން ބޭރު ނުކުރާތީ ސަރުކާރު ފެކްޝަންގެ މެންބަރުން ވެސް ދިޔައީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

ޓެކްސް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލަށް ހުށަހެޅުނު އިސްލާހުތައް ބޭރު ކޮށްލުމަށް ފަހު ސަރުކާރުން ފޮނުވި ގޮތަށް ފާސް ކުރީ މިދިޔަ މަހު 31 ގަ އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް ވެސް އެ ބިލު ތަޅުމަށް ނުފޮނުވައި ފާސް ވެސް ނުކޮށް އޮތުމަށް ފަހު އެޖެންޑާގައި ޓެކްސް ބިލު ހިމެނީ މިދިޔަ ހޯމަ ދުވަހު އެވެ. އެމްޑީޕީ ޕީޖީގައި ހިމެނޭ ސަރުކާރު ފެކްޝަންގެ މެންބަރުން އެ ބިލް ފާސް ކުރަން ތައްޔާރަށް ތިއްބާ މަޖިލީހުގެ ރިޔާސަތުން ވަނީ ކޯރަމް ނެތް ކަމަށް ބުނެ ޖަލްސާ ނިންމާލައިފަ އެވެ.

އެ މައްސަލާގައި އެމްޑީޕީ މެންބަރުންގެ ތެރޭ ވަރަށް ހޫނު ޒުވާބެއް ހިނގައި މައްސަލަ ގޯސްވެފައި ވަނިކޮށް އިއްޔެ ބޭއްވި ޖަލްސާގައި ވެސް އެ ބިލަށް ވޯޓަށް ނާހައި ނަޝީދު ވަނީ ޖަލްސާ ނިންމާލައިފަ އެވެ.

އެ މައްސަލަ މެންބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަމައަށް ވެސް ގެންގޮސްފަ އެވެ.

ޓެކްސް ބޮޑު ކުރުމާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުގެ އިތުރުން އެމްޑީޕީގެ ނަޝީދު ފެކްޝަން މެންބަރުން ވެސް ކަންބޮޑުވުން ފާޅު ކުރި އެވެ. މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ސަރުކާރުން ހުށަހަޅާފައިވާ އަދަދު ކުޑަ ކުރަން ވެސް ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހަށް ތާއީދެއް ނުލިބެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ސަރުކާރުން ހުށަހަޅާފައި ވަނީ ވެސް ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމަށެވެ.