Roadha Mihaaru
ރައްޔިތުންގެ ނުރުހުމާއި ބަހުސް ބޮޑު އަހަރެއް!

ބިންވެރިޔާ، ޗާގޯސް، ޓެކްސް؛ ރައްޔިތުންގެ ނުރުހުމާއި ބަހުސް ބޮޑު އަހަރެއް!

31 ޑިސެމްބަރ 2023

ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ ނިޒާމެއް ގެނައި ފަހުން، ފަސް އަހަރުގެ އެއް ދައުރަށް ވުރެ އިތުރަށް އެއްވެސް ޕާޓީއަކަށް ވެރިކަން ނުދޭ ސަބަބުތައް ގިނަ އެވެ. ކެމްޕޭނުގައި ވައުދުތައް ނުފުއްދާތީ އެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. އެއާ އެކު ސަރުކާރެއްގެ ގިނަ ނިންމުންތަކަށް ޝައްކުގެ ނަޒަރަކުން ބަލައި، ފާޑުކިޔުންތައް ބަންޑުންކޮށްލަނީ އެހެންވެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ ނިޒާމެއް ގެނައި ފަހުން، ފަސް އަހަރުގެ އެއް ދައުރަށް ވުރެ އިތުރަށް އެއްވެސް ޕާޓީއަކަށް ވެރިކަން ނުދޭ ސަބަބުތައް ގިނަ އެވެ. ކެމްޕޭނުގައި ވައުދުތައް ނުފުއްދާތީ އެވެ. އާންމު ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނާތީ އެވެ. އެއާ އެކު ސަރުކާރެއްގެ ގިނަ ނިންމުންތަކަށް ޝައްކުގެ ނަޒަރަކުން ބަލައި، ފާޑުކިޔުންތައް ބަންޑުންކޮށްލަނީ އެހެންވެ އެވެ.

ނިމުނު އަހަރުގެ ތެރޭގައި ވެސް ރައްޔިތުންގެ ނުރުހުން ބަންޑުންވެ، ބަހުސް ކުރެވުނު ގިނަ ކަންކަން ފެންމަތިވި އެވެ. އެ ޝަކުވާތައް ބަންޑެލިވެ، އާހިރުގައި ގިނަ ރައްޔިތުންގެ މެދުގައި އޮތް ހިތްހަމަނުޖެހުންތައް އޮއްސާލީ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އަށެވެ.

ބިންވެރިޔާ ސްކީމް

ރިޔާސީ އިންތިހާބަށް ދެ މަހެއްހާ ދުވަހަށް ވެފައި އޮއްވައި، ސަރުކާރުން ވަނީ މާލެ ރައްޔިތުން ބިންވެރި ކުރަން "ބިންވެރިޔާ"ގެ ނަމުގައި މަޝްރޫއެއް ފަށައި 9،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން އިއުލާނު ކުރުމާ އެކު ރައްޔިތުންގެ މެދުގައި އަރައިރުމުގައި ހުޅުފަޅައިގެންދިޔަ އެވެ.

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ގުރު ނަގަނީ: ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ދޫކުރުން ވެގެންދިޔައީ މި އަހަރު ރައްޔިތުންގެ މެދުގައި އެންމެ ހޫނުކޮށް ކުރެވުނު ބަހުސަށް. --ފޮޓޯ: މިހާރު

ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ގުރު ނަގަނީ: ހަމައެކަނި މާލެ ރައްޔިތުންނަށް ގޯތި ދޫކުރުން ވެގެންދިޔައީ މި އަހަރު ރައްޔިތުންގެ މެދުގައި އެންމެ ހޫނުކޮށް ކުރެވުނު ބަހުސަށް. --ފޮޓޯ: މިހާރު

މާލެ ސަރަހައްދުން އެތައް މިލިއަން ރުފިޔާއެއްގެ އަގު ބޮޑު ބިންތައް، ހަމައެކަނި މާލެ ރައްޔިތުންނަށް ހިލޭ ބަހާލާތީ މާލޭގައި މުޅި އުމުރު ހޭދަކުރި އަތޮޅުތެރޭގެ މީހުންނަށް ލިބުނު މާޔޫސްކަމުންނެވެ. އޭގެ ރައްދުގައި މާލެ މީހުންގެ ޖަވާބަކަށްވީ މާލެއިން ގޯތި ނުދޭތާ 40 އަހަރު ވެއްޖެ ކަމެވެ. އަދި ރަށްރަށުން ރަށު ރައްޔިތުންނަށް ގޯތި ދޭ އުސޫލު މާލެ ރައްޔިތުންނަށް ހައްގުވާތީ އެވެ.

އޭރުގެ ސަރުކާރުން ހިސާބު ޖެހި ގޮތަށް އެ ބިންތަކުގެ އަގު ވޯޓުން ނުލިބުނަސް، އެ ސްކީމާ ގުޅިގެން ފެށުނު "މާލެ-ރާއްޖެތެރެ" ބަހުސް އަދިވެސް ދަނީ ކުރިއަށެވެ.

ޗާގޯސް

މިއަހަރުގެ ތެރޭގައި ގިނަ ބަޔެއްގެ ލޭ ކައްކުވާލީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް މޮރިޝަސްއަށް ކުރީގެ ސަރުކާރުން "ވިއްކާ"ލުމުންނެވެ.

ރާއްޖޭގެ ދެކުނުގެ ސަރަހައްދުން ޗާގޯސްއާ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށް ދިޔަ އިރު ގިނަ ބަޔަކަށް ވާނުވާ ވެސް ނޭނގެ އެވެ.

އެކަމަކު ދިވެހި ކަނޑުން ބައެއް ވިއްކާލި ތުހުމަތުގެ އަޑުގަދަވީ، ޗާގޮސްގެ މައްސަލާގައި ރާއްޖޭން ދަމަހައްޓަމުން އައި ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްގެ ބޮޑުވަޒީރަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިޓީފުޅެއް ފޮނުވި ކަން އިޓްލޮސްގެ އަޑުއެހުންތަކުގެ ތެރެއިން ފަޅާއެރުމުންނެވެ.

އޭރުގެ އިދިކޮޅު ފަރާތްތަކުން އެ ސިޓީ ސަރުކާރާ ދެކޮޅަށް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރި އެވެ. އަދި ދޭދޭ ގައުމެއްގެ މަސްލަހަތު ހިމާޔަތްކުރަން ކަމަށް ބުނެ އެ ސިޓީ ހާމަކުރަން ސަރުކާރުން ދެކޮޅު ހެދުމުން އެ ތުހުމަތުތަކަށް އިތުރަށް ދަރުއެޅުނެވެ.

މޮރިޝަސް އާ ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރީ ގޯސްކޮށް ކަމަށް ބުނެ "ޗަގޯސް" ގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ. --ފޮޓޯ: މިހާރު

މޮރިޝަސް އާ ފުށު އަރާ ސަރަހައްދުގެ އިން ވަކި ކުރީ ގޯސްކޮށް ކަމަށް ބުނެ "ޗަގޯސް" ގެ ނަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް ގުޅިގެން އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާ. --ފޮޓޯ: މިހާރު

މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ 92،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދުން ރާއްޖެއަށް ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބުނެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.

ރާއްޖެއަށް ބޮޑު ބައި ލިބުނު ކަމަށް ބުނެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭރުގެ ސަރުކާރުން އުފާފާޅުކުރަމުން ދިޔަ އިރު، އިދިކޮޅުގައި ތިއްބެވި ވަކީލުން ވިދާޅުވަމުން ގެންދެވީ އެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރީ ގޯސްކޮށް ކަމަށާއި ބޮޑު ބައި ހަގީގަތުގައި ލިބުނީ މޮރިޝަސްއަށް ކަމަށެވެ.

ދެކޮޅުން ދެއްކި ވާހަކަތަކުގައި ރައްޔިތުން ރަނގަޅަށް ޖެހި، ވަރަށް ޓެކްނިކަލް ބަހުސެއްގެ ތެރޭގައި ގިނަ ބަޔަކަށް ހަގީގަތުގައި ވީކިހިނެއް ކަމެއް އަދިވެސް ނޭނގެ އެވެ.

ޖީއެސްޓީ ބޮޑުކުރުން

އާންމު ރައްޔިތަކަށް ލިބޭ އާމްދަނީން ދެކޮޅު ނުޖެހިގެން އުޅެނިކޮށް، އަހަރު ފެށުމާ އެކު ޖީއެސްޓީ ހަ ޕަސަންޓުން އަށް ޕަސަންޓަށް ބޮޑުކުރުން ވެގެންދިޔައީ ހަޖަމުކުރަން އުނދަގޫވި ނިންމުމަކަށެވެ. ޖީއެސްޓީ އާ އެކު ޓީޖީއެސްޓީ ވެސް 12 ޕަސަންޓުން 16 ޕަސަންޓަށް ބޮޑު ކުރީ ދައުލަތް ހިންގޭނެ ގޮތެއް ނެތިގެން އާމްދަނީ އިތުރުކުރަން ކަމަށް ސަރުކާރުން ބުންޏެވެ.

ޓެކްސް ބޮޑުކުރަން ފާސްކޮށްފައި ވަނީ، މަޖިލީހުގައި ވެސް އެ ބަހުސް ބޮޑު މައްސަލަގަނޑަކަށްވެ ވަރަށް ހޫނު ޒުވާބެއް ހިނގުމަށްފަހު އެވެ. އަދި އެ މައްސަލާގައި އިދިކޮޅުގެ ބައެއް ސަޕޯޓަރުން މުޒާހަރާ ވެސް ކުރި އެވެ. އަދި އެމްއެމްއޭ އިން ވެސް މަޖިލީހަށް ދިން ލަފައަކީ، މިއީ އެކަން ކުރަން އެންމެ ރަނގަޅު ވަގުތު ނޫން ކަމެވެ.

ބާޒާރުމަތީ ފިހާރައަކުން މީހަކު ފޮށިގަނޑެއް ކޮނޑަށްލައިގެން ދަނީ: މިއަހަރު ފެށުމާ އެކު މުދަލުން ނަގާ ޓެކްސް ބޮޑުކުރުންވީ ރައްޔިތުންގެ ޖީބަށް އިތުރު ބުރައަކަށް. --ފައިލް ފޮޓޯ: މިހާރު

ބާޒާރުމަތީ ފިހާރައަކުން މީހަކު ފޮށިގަނޑެއް ކޮނޑަށްލައިގެން ދަނީ: މިއަހަރު ފެށުމާ އެކު މުދަލުން ނަގާ ޓެކްސް ބޮޑުކުރުންވީ ރައްޔިތުންގެ ޖީބަށް އިތުރު ބުރައަކަށް. --ފައިލް ފޮޓޯ: މިހާރު

އެއާ އެކު އާދައިގެ ރައްޔިތުންނަށް އެކަން ގަބޫލުކުރެވުނީ ޖީބަށް އިތުރު ބުރައެއްގެ ގޮތުގަ އެވެ. ޓެކްސް ބޮޑުކުރިޔަސް އިންފްލޭޝަން ގާތްގަނޑަކަށް ފަސް ޕަސަންޓުގައި ހިފެހެއްޓޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިން ނަމަވެސް، ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި އެވެ.

ކޮތަޅު ޓެކްސް

ޖީއެސްޓީ ބޮޑުކުރުމުގެ މައްޗަށް މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ސަރުކާރުން ނަގަން ފެށި ކޮތަޅު ޓެކްސް އާ އެކު ރައްޔިތުން އިތުރަށް ރުޅިގަދަވި އެވެ.

ޕްލާސްޓިކް ކޮތަޅުން 2ރ. ގެ ފީއެއް ނަގަން ފެށީ، އާންމުން ކޮތަޅު ބޭނުންކުރާ ވަރު މަދު ކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުންޏަސް، އެއީ ރައްޔިތުންގެ އަތުން ދައުލަތަށް އިތުރު ފައިސާ ހޯދާނެ މަގެއް ކަމުގެ ޝަކުވާ ބަންޑުންވި އެވެ.

މީގެއިތުރުން، އޭރުގެ ސަރުކާރުގެ ކުނި މެނޭޖްކުރުމުގެ ގާނޫނު އިސްލާހުކުރި އިރު، ނުވިސްނައި އޮތް މާއްދާއެއްގެ ސަބަބުން ކޮތަޅު ޓެކްސްގެ ބުރަ އިތުރަށް ބޮޑުވި އެވެ. އެ ގާނޫނު އޮތް ގޮތުން ހޯލްސޭލް ރޭޓުގައި، 50 އަށް ވުރެ ގިނަ ކޮތަޅު ހުންނަ ކޮތަޅު ބޮނޑި ގަތް ނަމަވެސް އޭގެ އަގުގެ އިތުރުން ކޮންމެ ކޮތަޅަކަށް 2ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މީހަކު ބާޒާރުކޮށްގެން ޕްލާސްޓިކް ކޮތަޅުގައި މުދާ ގެންދަނީ: ކޮތަޅަކުން 2ރ. ނަގަން ފެށުމުން ރައްޔިތުންގެ ޝަކުވާ ބޮޑުވި. --ފައިލް ފޮޓޯ

މީހަކު ބާޒާރުކޮށްގެން ޕްލާސްޓިކް ކޮތަޅުގައި މުދާ ގެންދަނީ: ކޮތަޅަކުން 2ރ. ނަގަން ފެށުމުން ރައްޔިތުންގެ ޝަކުވާ ބޮޑުވި. --ފައިލް ފޮޓޯ

އޭގެ ނަތީޖާއަކަށްވީ ފިހާރައަކުން އެއްޗެއް ގަންނަ މީހެއްގެ އަތަށް އަރާ ކޮތަޅެއްގެ އަގު ބައެއް ފިހާރަތަކުން 5ރ. މަތިކޮށްލުމެވެ. އޭރު ހެދުނު ގޯސް ރަނގަޅުކުރަން ގާނޫނަށް އިތުރު އިސްލާހެއް ވެއްދި ނަމަވެސް، މަޖިލީހުގައި ހިނގި ސިޔާސީ ކޯޅުންގަނޑުގެ ތެރޭގައި އަހަރު ނިމިގެން ދިޔައީ އެކަމަށް ހައްލެއް ނުލިބި އެވެ.

މަޖިލިސް މެމްބަރުންގެ މުސާރަ

ރައްޔިތުންގެ މެދުގައި ހޫނު ބަހުސްތަކާއި ސަރުކާރާ މެދު އޮތް ނުރުހުން ބޮޑު އަހަރެއް ނިންމާލީ ވަރުގަދަ ރައްޔިތުންގެ އިހުސާސްތައް އުތުރުއަރައިގެން ދިޔަ ނިންމުމަކުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު ހިތްހަމަނުޖެހުން އޮއްވައި، އަހަރު ނިމެން ދަނިކޮށް މާލިއްޔަތު ކޮމިޓީން މަޖިލީހުގެ މެމްބަރުންގެ މުސާރަ މަހަކު 100،000ރ. އަށް ބޮޑުކޮށްލުން ވެގެންދިޔައީ ގިނަ ބަޔެއްގެ މޫނުމަތީގައި ޖެހި ތަފާލަކަށެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މެމްބަރުން އަމިއްލައަށް މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވި. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ: މެމްބަރުން އަމިއްލައަށް މުސާރަ ބޮޑުކުރަން ކޮމިޓީން ނިންމުމުން ގިނަ ބައެއްގެ ނުރުހުން އަމާޒުވި. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

އާދައިގެ ރައްޔިތުންގެ އަނގަ އާއި އަތާ ދިމާނުވެގެން އުޅެނިކޮށް މަޖިލިސް މެމްބަރުން އަމިއްލައަށް މުސާރަ ބޮޑުކޮށްލުމުން މުޅި ގައުމު އެކަމާ ދެކޮޅަށް ތެދުވި އެވެ. އޭގެ ރައްދުގައި މުސާރަ ބޮޑުކުރީ މަޖިލިސް މެމްބަރުންގެ އެކަންޏެއް ނޫނޭ ބުންޏަސް، އެ ބަހަނާގެ ނިވަލުގައި އަމިއްލަ މުސާރަ ބޮޑުކުރުން ނޫން ކަމަކަށް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވުނެވެ.

ރައްޔިތުން ޝަކުވާ ކުރީ ރާއްޖޭގައި ބޮޑު މަޖިލީހެއް އޮތްއިރު، ރާއްޖެ ކަހަލަ ކުޑަ ގައުމެއްގައި އެވަރުގެ ބޮޑު މުސާރަތަކެއް މެމްބަރުންނަށް ދިނުމަކީ އިންސާފެއް ނޫން ކަމަށް އަޑުހަރުކޮށް ބުނެ އެވެ. އަދި ރާއްޖޭގެ އިގުތިސޯދުގައި ހަކަތައެއް ވެސް ނެތް ކަމަށް މާލީ ބޭފުޅުން ވިދާޅުވާ އިރު، މަޖިލިސް މެމްބަރުންނާ އެކު މިހާރު ވެސް ބޮޑު މުސާރަތައް ލިބޭ ވެރިންގެ މުސާރަ އިތުރަށް ބޮޑުކޮށްލުމަކީ ދެކޮޅު ޖެއްސޭ ވަރަށް ވުރެ ހެއްވާ ނިންމުމަކަށް ވަނީ ވެފަ އެވެ.