Roadha Mihaaru
ރިސޯޓަކަށް ދިން ޗެކެއް ބައުންސްވުމުން ޖަލު ހުކުމެއް

ރިސޯޓަކަށް ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި މީހަކު ދެ އަހަރަށް ޖަލަށް

13 ނޮވެމްބަރ 2022

ރިސޯޓަކުން ޓޫރިސްޓުންތަކެއް ހޯދި ހިދުމަތްތަކަށް ފައިސާ ދައްކަން ކަމަށް ބުނެ ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި މީހަކު ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރިސޯޓަކުން ޓޫރިސްޓުންތަކެއް ހޯދި ހިދުމަތްތަކަށް ފައިސާ ދައްކަން ކަމަށް ބުނެ ދޫކުރި ޗެކެއް ބައުންސްވި މައްސަލައެއްގައި މީހަކު ދެ އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ، ސަރިންދާގެ، މުހައްމަދު ހާދީގެ މައްޗަށް މަަކަރާއި ހީލަތް ހެދުމުގެ ދައުވާ ކުރީ ފެބްރުއަރީ 15-18، 2020 ގައި އޭނާ މެދުވެރިކޮށް، "ވަރު ބައި އެޓްމޮސްފިއާ" ރިސޯޓުން ޓޫރިސްޓުންތަކެއް ހޯދި ހިދުމަތްތަކަށް އޭނާ ދައްކަން ޖެހޭ 12،887 ޑޮލަރު (198,588ރ.) ދެއްކުމަށް ދޫކުރި ޗެކު ބައުންސްވި މައްސަލައިގަ އެވެ. ޗެކު ދޫކުރީ އޭނާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ "ސަން ކްރޮސް އިންވެސްޓްމެންޓްސް" އިންނެވެ.

ދައުވާގައިވާ ގޮތުން އެ ޗެކު ދޫކުރިތާ 30 ދުވަހުގެ ތެރޭގައި އެ އަށް ފައިސާ ނަގަން ބޭންކަށް ހުށަހެޅުމުން އެ ޗެކުގައިވާ އަދަދަށް ފައިސާ ނަގައިދެވެން ނެތް ކަމަށް ބޭންކުން އެންގި އެވެ. އެހެންވެ، އެ އަދަދަށް ފައިސާ ދައްކަން ރިސޯޓުން ހާދީ އަށް އެންގުމުން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާ ކަމަށް ދައުވާގައިވެ އެވެ. ޗެކެއް ބައުންސްވުމުން ހަތް ދުވަހުގެ ތެރޭގައި އެ އަށް ފައިސާ ދައްކަން އެންގުމުން އެ ޗެކަށް ފައިސާ ނުދެއްކުމަކީ ގާނޫނުލްއުގޫބާތު ބުނާ ގޮތުން ކުށެކެވެ.

ހާދީ ވަނީ އޭނާ އެކަން ކުރީ މަކަރާއި ހީލަތް ހެދުމުގެ ނިޔަތުގައި ނޫން ކަމަށް ބުނެ ދައުވާ އަށް އިންކާރު ކޮށްފަ އެވެ. އޭނާ ބުނި ގޮތުުގައި އެއީ ރާއްޖެ އަށް ކަޓަމަރާނެއްގައި އައި ޓޫރިސްޓުންތަކެއް، އެ ކަޓަމަރާން ހަލާކުވެގެން ރާއްޖޭގައި ތާށިވުމުން އެ މީހުންގެ އެކޮމޮޑޭޝަަން ވަރު ބައި އެޓްމޮސްފިއާ ރިސޯޓުން ހަމަޖެއްސެމުން ދައްކަން ޖެހުނު ފައިސާ އެކެވެ. އެތަނުން އެ އެކޮމޮޑޭޝަން ހަމަޖެއްސީ ޓޫރިސްޓުން އެ މީހުންގެ އެޖެންޓާ ވާހަކަ ދައްކައި، އެ މީހުން އެދުމުން ކަމަށް ވެސް ހާދީ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ޓޫރިސްޓުންގެ އެޖެންޓަކީ މިސްރުގެ ޓްރެވެލް އެޖެންޓެކެވެ.

ހާދީ ބުނީ، ރިސޯޓުން ދައްކަން އެދޭ ފައިސާ އަކީ އޭނާއަށް ވެސް ލިބުނު ފައިސާއެއް ނޫން ކަމަށެވެ. އެހެންވެ، އެ ފައިސާ ދައްކާނީ ކިހިނެއްތޯ ސުވާލު އުފެއްދި އެވެ. އަދި ބުނީ، ޗެކު ފޮނުވީ ޕޭމަންޓު ނުދައްކައިގެން ރިސޯޓުން ގުޅާވަރުން ކަމަށެވެ. އެކަމަކު، ހުކުމް ކުރުމުގެ ކުރިން ވެސް ފައިސާ ދެއްކޭތޯ މަސައްކަތް ކުރާ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ސޮފްއަތު ހަބީބު ނިންމެވީ ހާދީ ޗެކު ދޫކުރި ކަމާއި އެ ޗެކަށްވާ ފައިސާ ދެއްކުމަށް އެންގިތާ ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާފައި ނުވާތީ މަކަރާއި ހީލަތް ހެދުމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ކަމަށެވެ.

މަކަރާއި ހީލަތް ހެދުމުގެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ. ނަމަވެސް، ހާދީގެ މައްޗަށް މަކަރާއި ހީލަތުގެ ދެ ކުށެއް މީގެ ކުރިން 2017 ވަނަ އަހަރު ސާބިތުވެފައިވާތީ، ޝަރީއަތުން ނިންމީ އޭނާގެ އަދަބުގެ ދަރަޖަ ދެ ދަަރަޖަ އިތުރު ކުރުމަށެވެ. އެގޮތުން، އޭނާ ޖަލު ބަންދުގައި ހޭދަ ކުރި މުއްދަތު އުނިކޮށްފައި ދެ އަހަރާއި އެއް މަހާއި 26 ދުވަހަށް ޖަލަށްލާން ހުކުމް ކުރި އެވެ.

ހާދީއަކީ މީގެ ކުރިން ވެސް އެ ބާވަތުގެ މައްސަލަތަކާ ގުޅިގެން ފުލުހުން ހޯދަން ވެސް އިއުލާނު ކުރި މީހެކެވެ.