Roadha Mihaaru
ރައްޓެހިންނާއި ތިމާގެ މީހުން ނުފެނި ކޮޅުކޮޅަށް ދުވަނީ!

ރަހުމަތްތެރިންނާއި ތިމާގެ މީހުން ނުފެނި ކޮޅުކޮޅަށް ދުވަނީ!

10 ނޮވެމްބަރ 2022

"މަގޭ ކޮއްކޮ ގެއްލިއްޖެ. މާފަންނު ސްޓޭޑިއަމްގައި ވެސް ނެތް،" އިންޑިއާގެ އަންހެނަކު ފުލުހަކާ ރޮމުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

"މަގޭ ކޮއްކޮ ގެއްލިއްޖެ. މާފަންނު ސްޓޭޑިއަމްގައި ވެސް ނެތް،" އިންޑިއާގެ އަންހެނަކު ފުލުހަކާ ރޮމުން ވާހަކަ ދައްކަމުން ގެންދިޔަ އެވެ.

"މަރުވީ ކޮންބައެއް؟" އޭނާ ސުވާލު ކުރި އެވެ.

މ. ސެންރޯޒް ހުޅަނގު ބައިގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި، ބަންގްލަދޭޝް އާއި އިންޑިއާގެ ވަރަށް ގިނަ މީހުން ދިރިއުޅޭ ދެ އެޕާޓްމަންޓް ވަނީ އަނދައި ހުލިވެފަ އެވެ. މިހާތަނަށް 10 މީހެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ. އެކޮމަޑޭޝަން ބްލޮކެއް ގޮތަށް، ބައެއް މީހުން ސިފަކުރި ގޮތުގައި "ކޮތަރު ކޮއްޓެއް" ކަހަލަ އެތަން ބިމާހަމަވި އިރު، އެތަނުގެ ތެރޭގައި ވަރަށް ގިނަ ބަޔަކު ތިބޭނެ ކަމަށް ލަފާ ކުރެވެ އެވެ.

ސިފައިން ދަނީ އެތަނުގެ އެތެރެ ބަލައި ފާސްކުރަމުންނެވެ. އިތުރު ހަށިގަނޑުތައް އަދިވެސް ފެންނަމުން އެބަ ދެ އެވެ.

އެ ސަރަހައްދުގައި އުޅޭ ބައެއް މީހުން ބުނި ގޮތުގައި، ތިރީގައި ވެހިކަލް ގަރާޖެއް ހުރި ތިން ބުރީގެ އެ އިމާރާތުގެ މަތީ ދެ ބުރީގައި ވަރަށް ގިނަ އަދަދަކަށް ބިދޭސީން އުޅެ އެވެ.

"އަހަރެންގެ ކޮއްކޮ ރާއްޖެ އައިތާ އަދި ދެ އަހަރެއްހާ ދުވަސްވީ. އިއްޔެ ވެސް ދިމާވި. އެހެރަ ގޭގައި އުޅޭ ކަމަށް ބުނީ،" އިންޑިއާ އަންހެނަކު، ސެންރޯޒް ދައްކާލަމުން ބުންޏެވެ.

މ. ސެން ރޯސްގެ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ދެންމެ ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މ. ސެން ރޯސްގެ ގަރާޖުގައި ރޯވި އަލިފާނުގެ ހާދިސާގައި މަރުވި މީހެއްގެ ހަށިގަނޑު ދެންމެ ގެންދަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މި އައީ ސްޓޭޑިއަމް ވެސް ބަލައިފައި. ފޯނެއް ވެސް ނުނަގާ. މިތަނުން ޖަވާބެއް ނުލިބޭ."

އޭނާ ދެކޮޅަށް ދުވަމުން އިރުއިރުކޮޅާ ފޯނަކުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ގެންދިޔަ އެވެ. ބެލެވޭ ގޮތުގައި އެއީ އޭނާ އަށް އާއިލާގެ ފަރާތުން އަންނަ ކޯލްތަކެވެ.

"އުމުރުން އަދި 25 އަހަރު ވެސް ނުވާ ކުއްޖެއް އެއީ،" އޭނާ ރޮމުން ބުނެލި އެވެ.

އިންޑިއާގެ އަންހެނަކު އޭނާގެ ކޮއްކޮ ހޯދަން، ރޯވި ސަރަހައްދުގައި

އިންޑިއާގެ އަންހެނަކު އޭނާގެ ކޮއްކޮ ހޯދަން، ރޯވި ސަރަހައްދުގައި

އެ ސަރަހައްދުގައި ދިރިއުޅޭ އިންޑިއާގެ އެހެން އަންހެނަކު ގޮސް ހުރީ އޭނާގެ ރަހުމަތްތެރިއަކު އެ އިމާރާތުގައި ދިރިއުޅޭތީ އެވެ. އޭނާ ބުނި ގޮތުގައި ރަހުމަތްތެރިޔާގެ ފޯނު ވެސް އޮތީ ނިއްވާލައިފަ އެވެ. އޭނާ ބުނި ގޮތުގައި އޭނާގެ ތިމާގެ މީހަކު ވަރަށް ފަހުން އެ އިމާރާތުގައި އުޅުމަށް ފަހު ފުރައިގެން ދިޔައީ ދާދި އިހަކަށް ދުވަހު އެވެ.

"އޭނާގެ ނަސީބެއް ކަންނޭނގެ،" 10 މީހުން މަރުވި ވާހަކަ ބުނުމާ އެކު، އޭނާ އަށް ބުނެލެވުނެވެ.

އެ ސަރަހައްދުގައި ބިދޭސީ ބައެއް މީހުން ވަރަށް މޮޅިވެރިކަމުގައި ތިބިތަން ފެނުނެވެ. ބައެއް މީހުންގެ ލޮލުން ކަރުނަ އައިސްފައި ހުރި އިރު އެކަކު ގިސްލާފައި ރޮމުން ދިޔަ އެވެ. އެކަމަކު އޭނާ ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.

ބަންގްލަދޭޝްގެ ފިރިހެނަކު ބުނި ގޮތުގައި އެ އިމާރާތުގައި ތިބޭ އެންމެންނަކީ ވެސް މަހުންމަހަށް 700ރ. ދީގެން ތިބޭ އިމާރާތެކެވެ. އެ އިމާރާތުގެ ތެރޭގައި ކައްކައި ކެވޭ ގޮތަށް ހުންނަ ކަމަށާއި ބިންމަތީގައި ކުނާ ފަތުރައިގެން ވެސް މީހުން ނިދަ އެވެ. ބަންކް ބެޑް ވެސް ހުރެ އެވެ.

އެއީ ކޮން ކުންފުންޏަކުން ގެނެސްފައި ތިބި ބައެއް ކަމެއް، އަދި އެއީ ކޮންކޮން މަސައްކަތްތަކެއް ކުރާ ބައެއް ކަން މިހާތަނަކަށް ސާފެއް ނުވެ އެވެ.

ރޯވި ގަރާޖުގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރޯވި ގަރާޖުގެ ސަރަހައްދު.---ފޮޓޯ: ނިޝާން އަލީ| މިހާރު

"ބޮޑު ހޯލެއްހެން އެތެރެ އޮންނާނީ. ކުރިން އެހެން އެ ހޯލް އޮއްވައި ފަހުން ޑެކެއް އަޅައިގެން ވެސް އެތަނުގެ ތެރޭގައި މީހުން ނިދަން ފެށި،" އެތަނުގެ އެތެރެ އޮތް ގޮތް ދުށް މީހަކު ބުންޏެވެ.

މިހާތަނަށް 10 މީހެއްގެ މަރު ވަނީ ކަށަވަރު ވެފަ އެވެ. އެކަމަކު އެ ސަރަހައްދުގެ ބައެއް މީހުން ބުނި ގޮތުގައި އަލިފާން ރޯވި ފަހުން އެ އިމާރާތުން ނުކުތް ކަމަށް ވަނީ އެންމެ ހައެއްކަ މީހުންނެވެ.

"އަޅުގަނޑަކީ ހަމަ ޖެހިގެން މި ހުރި އިމާރާތުގައި އުޅޭ މީހެއް. ހަޅޭއްލަވާ އަޑަށް ބޭރަށް ނުކުތްއިރު މިތާނގައި ހުރީ ރޯވެފައި. އޭރު ހައެއްކަ މީހުން އިމާރާތުން ބޭރަށް ނުކުމެތިބި. އޭގެ ފަހުން މީހުން ނުކުތް ކަމެއް ނޭނގެ،" އޭނާ ކިޔައިދިނެވެ.

އެކަމަކު، އެ އިމާރާތުގެ ތެރޭގައި ދިރިއުޅޭ މީހުން މަދުނުވާނެކަން އެއީ އެންމެންނަށް ވެސް ޔަގީން ކަމެކެވެ.