Roadha Mihaaru
އުދައްޔުގެ މަރު:ލޭހުރި ވަޅިއެއް، ކީހެއް ގެންގުޅުނު

އުދައްޔުގެ މަރު: "ލޭހުރި ވަޅިއެއް، ކީހެއް ގެންގުޅެނިކޮށް ފެނުނު"

09 ނޮވެމްބަރ 2022

ގއ. މާމެންދޫގައި މިދިޔަ އަހަރު މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ލޭ ހޭކިފައި ހުރި ވަޅިއެއް ހިފައިގެން އަދި އިތުރު މީހަކު ކީހެއް ހިފައިގެން އުޅެނިކޮށް ފެނުނު ކަމަށް ސިއްރު ހެކިވެރިއަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގއ. މާމެންދޫގައި މިދިޔަ އަހަރު މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ އެކަކު ލޭ ހޭކިފައި ހުރި ވަޅިއެއް ހިފައިގެން އަދި އިތުރު މީހަކު ކީހެއް ހިފައިގެން އުޅެނިކޮށް ފެނުނު ކަމަށް ސިއްރު ހެކިވެރިއަކު ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި އުމުރުން 17 އަހަރުގެ އުދައްޔު އަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ރަށު ރިހިފަރުދާގޭ އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފް ރަޝީދާއި އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސިއްރުން ހެކިބަސް ދިން މީހާ ބުނީ ދައުވާ ލިބޭ ޝަރަފް އެ ރޭ މީހަކާ ޒުވާބުކޮށް، މަރުގެ އިންޒާރު ދިން ތަން ފެނުނު ކަމަށާއި އޭރު އޭނާގެ އަތުގައި ވަޅިއެއް އޮތް ކަމަށެވެ. ވަޅިން ހަމަލާ ދެނިކޮށް ނުފެނުނަސް، އެ ވަޅީގައި ފަހުން ލޭ ހުއްޓާ ފެނުނު ކަމަށް ބުންޏެވެ.

އުދައްޔުއަށް ވެސް ޝަރަފް ހަމަލާދެނިކޮށް ފެނިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ހެކިވެރިޔާ ބުނިގޮތުގައި އެހެން މީހަކާއި މާޒިންއާ ދެމެދު އެރޭ ހަމަނުޖެހުމެއް ހިނގި މަންޒަރު ފެނުނެވެ. އެ ހަމަނުޖެހުން ހިންގީ އެ މީހާ ގޮސް މާޒިންގެ ބޮލުގައި ހިފުމުން ކަމަށާއި މާޒިން އަތުން އޭރު ކީހެއް ފަދަ އެއްޗެއް ފެނުނު ކަމަށް އޭނާ ބުންޏެވެ.

އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން

އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން

ކީހުން ހަމަލާދެނިކޮށް ނުފެނުނަސް، އަތުން ޖެހި މަންޒަރު ފެނުނު ކަމަށް ހެކިވެރިޔާ ބުންޏެވެ. އެކަމަކު އުދައްޔުއަށް އޭނާ ހަމަލާދިން މަންޒަރު ނުފެންނަ ކަމަށް ބުންޏެވެ.

އޭނާ ބުނިގޮތުގައި ދައުވާ ލިބޭ ޝަމީމް އެ ތަނުން އެއްވެސް ގޮތަކަށް ފެނިފައެއް ނުވެ އެވެ.

އެ މައްސަލާގައި ދައުވާ ލިބޭ ދެ މީހަކު ހައްޔަރުކުރަން ދިޔަ ދެ ފުލުހެއްގެ ހެކިބަސް ވެސް ކޯޓުން މިއަދު ނެގި އެވެ. އެ މީހުންގެ ހެކިބަސް ނެގީ އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން އަދި ގާނޫނީ އިންޒާރު ދިނުމަށް ފަހު ކަން ސާބިތު ކުރުމަށެވެ.

މާޒިން އާއި ޝަމީމްގެ ވަކީލް ވިދާޅުވީ ސިއްރު ހެކިންގެ ތެރޭގައި އުދައްޔުގެ އާއިލާ މީހުންނާއި މާރާމާރީގައި ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އެކަން ކޯޓުން ބެލުމަށް އޭނާ އެދިވަޑައިގަތެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވިގޮތުގައި މައްސަލަ ނިންމުމުގެ ކުރިން ހެކިންގެ ބަހަށް ބުރަދަން ދިނުމުގައި ބަލަންޖެހޭ ކަންކަން ކޯޓުން ބަލާނެ އެވެ.

އެ މައްސަލާގައި އުމުރުން 17 އަހަރުގެ ކުއްޖެއްގެ މައްޗަށް ވެސް ދައުލަތުން ޖުވެނައިލް ކޯޓުގައި ދައުވާކުރި އެވެ. އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލާން ވަނީ ހުކުމްކޮށްފަ އެވެ.