Roadha Mihaaru
އުދައްޔުގެ މަރު: ތިން މީހުން ވެސް ދައުވާއަށް އިންކާރު

އުދައްޔުގެ މަރު: ތިން މީހުން ވެސް ދައުވާއަށް އިންކާރު

04 އެޕްރީލް 2022

މިދިޔަ އަހަރު ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގެ ދައުވާލިބޭ ތިން މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ މަރުގެ މައްސަލާގެ ދައުވާލިބޭ ތިން މީހުން ވެސް ދައުވާއަށް އިންކާރުކޮށްފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުމުރުން 17 އަހަރުގެ އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދަައުވާގެ އިތުރުން ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ތިން މީހުންނަށް ކުރާ ދައުވާ ވަކިވަކިން އިއްވި ދައުވާގައިވާ ގޮތުން އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލާދިނީ އެ މައްސަލާގައި ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާކޮށްފައިވާ ކުއްޖާ އެވެ. އަދި އެ ތިން މީހުންގެ ދައުރަކީ އެ ކުއްޖާ ހަމަލާދިން ވަގުތު އުދައްޔުއަށް ހަމަލާދީ، އެކަމުގައި ބައިވެރިވުން ކަމަށް ދައުވާގައިވެ އެވެ.

ދައުވާއަށް ތިން މީހުން ވެސް އިންކާރުކުރި އެވެ. އިންކާރުކުރާ ސަބަބުތަކާ ބެހޭގޮތުން ފަހުން ވާހަކަ ދައްކަން ފުރުސަތު ދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވި އެވެ.

ޝަމީމްގެ ފަރާތުން ދިފާއުގައި ހަތް ހެއްކަކާއި އޭނާގެ އާއިލާގެ މީހުން ހުށަހެޅި އެވެ. އެއީ އުދައްޔު މަރާލި ވަގުތު އޭނާ ހުރީ އޭނާގެ ގޭގެ ތެރޭގައި ކަމަށާއި އޭނާ ގެއިން ބޭރަށް ނިކުންނަން އުޅުމުން އޭނާގެ އާއިލާ މީހުން އޭނާ ހިފެހެއްޓިކަން ސާބިތުކޮށް ދިނުމަށެވެ. ދެން ތިބި ދެ މީހުންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން ހެކި ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ކޯޓުން ދިނެވެ.

އުދައްޔު މަރާލުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރުން އެ މާރާމާރީގައި އިތުރު މީހަކަށް ހަމަލާ ދިނުމުގައި ބައިވެރިވުމުގެ ދައުވާ ވެސް އެ މީހުންގެ މައްޗަށް ކުރެ އެވެ. އެ ދައުވާތަކަށް ވެސް އެ ތިން މީހުން އިންކާރުކުރި އެވެ.

މަދަނީ މިންގަނޑުން ބަލާއިރު އެ ތިން މީހުންގެ މައްސަލަތައް ވެސް ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމެވި އެވެ. އަދި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ދެ ފަރާތަށް ވެސް ދެއްވި އެވެ. ދެން އޮންނާނީ ހުށަހެޅުންތަކާ މެދު ވާހަކަ ދެއްކުމާއި ގޮތެއް ނިންމުމެވެ. އެކަމަށްޓަކައި އަންނަ މަހު އަޑުއެހުމެއް ބާއްވާނެ އެވެ.

ދައުވާލިބޭ ޝަރަފްގެ ސިއްހީ މައްސަލަތަކެއް ހުއްޓަސް، ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭ ކަމުގެ ކަންބޮޑުވުން އޭނާގެ ވަކީލް މިއަދު ފާޅު ކުރެއްވި އެވެ. ގާޒީ ނަދީމް ވިދާޅުވީ ސިއްހީ ފަރުވާ ނުލިބޭ ނަމަ ބަންދު މުރާޖާ ކުރަން އެދޭއިރު އެކަން ހުށަހެޅިދާނެ ކަމަށެވެ.