Roadha Mihaaru
އުދައްޔުގެ މަރު:ހޮސްޕިޓަލަށް ދިޔައިރު ވަޅި ހަރުލާފަހުރި

އުދައްޔުގެ މަރު: ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބުރަކަށީގައި ވަޅި ހަރުލާފައި ހުރި

13 ޖޫން 2022

މިދިޔަ އަހަރު ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ ބުރަކަށްޓަށް ހެރި ވަޅި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބުރަކަށީގައި ހުރި ކަމަށް ހެއްކަކު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މިދިޔަ އަހަރު ގއ. މާމެންދޫގައި މަރާލި އަހުމަދު އުދައްޔުގެ ބުރަކަށްޓަށް ހެރި ވަޅި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބުރަކަށީގައި ހުރި ކަމަށް ހެއްކަކު ކްރިމިނަލް ކޯޓުގައި ބުނެފި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އުމުރުން 17 އަހަރުގެ އުދައްޔުއަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ މާމެންދޫ ރިހިފަރުދާގޭ، އަހުމަދު ޝަމީމާއި އެ ރަށު ބިލަތްމާގޭ ޝަރަފު ރަޝީދުގެ އިތުރުން އެ ރަށު ގުލްފާމުގޭ މުހައްމަދު މާޒިންގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުރަތަމަ ހެކިބަސް އުދައްޔު މަރާލި މާރާމާރީއަށް ފަހު ހޮސްޕިޓަލަށް ދިޔަ ފުލުހެއްގެ އެވެ. އޭނާ ބުނިގޮތުގައި މާރާމާރީގެ މައުލޫމާތު ލިބިގެން ހޮސްޕިޓަލަށް ދިޔައިރު އުދައްޔު އާއި އޭނާގެ ބޭބެ ހޮސްޕިޓަލްގައި ބާއްވާފައި އޮތެވެ.

އުދައްޔު އަރިއަކަށް ބާއްވާފައި އޮތްއިރު އޭނާ ބާއްވާފައި އޮތް އެނދާ ދިމާލުން ތަޅުންގަނޑު މަތީގައި ވަޅިއެއްގެ ތިލައެއް އޮތް ކަމަށް އެ ފުލުސް މީހާ ބުންޏެވެ. ހޮސްޕިޓަލްގެ މުވައްޒަފުންނާ ހަވާލާދީ އޭނާ ބުނިގޮތުގައި އެ ތިލައަކީ އުދައްޔުގެ ބުރަކަށްޓަށް ހަރާފައި ހުރި ވަޅީގެ ތިލަ އެވެ. އެ ތިލަ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ބުރަކަށީގައި ހުރި ކަމަށާއި އެ ތިލަ ނައްޓާލީ ޑޮކްޓަރުން ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން

އުދައްޔުގެ މަރުގެ ދައުވާލިބޭ ތިން މީހުން

އޭނާ ބުނިގޮތުގައި އޭރު ވަޅީގެ ތިލައިގައި ލޭހުއްޓެވެ. އަދި އޭގައި މުއްގަނޑެއް ނެތަސް، މުއްގަނޑުގެ ކުޑަ ޕްލާސްޓިކްކޮޅެއް ތިލައިގައި ހަރުވެފައި ހުއްޓެވެ. އަދި އެތަކެތި ތަހުލީލުކުރަން ފުލުހުން ނެގި ކަމަށް އޭނާ ބުންޏެވެ.

ދެވަނައަށް ހެކިބަސް ދިނީ މާރާމާރީއަށް ފަހު ދައުވާލިބޭ ޝަމީމާއި ޝަރަފް ހައްޔަރުކުރަން ދިޔަ ފުލުހެއްގެ އެވެ.

އޭނާ ބުނިގޮތުގައި ޝަރަފް ހައްޔަރުކުރީ ގެއިންނެވެ. ކޯޓު އަމުރު ދެއްކުމަށްފަހު ޝަރަފް ހައްޔަރު ކުރިއިރު އޭނާގެ މޫނުމަތީގައި ކުޑަ ޒަހަމެއް ފެންނަން ހުރި ކަމަށް އޭނާ ބުންޏެވެ. އަދި އޭނާގެ އަރިކަށީގައި ވެސް ޒަހަމެއް ހުރި ކަމަށާއި އެއީ ތޫނު އެއްޗަކުން ލިބިފައިވާ އަނިޔާއެއް ކަމަށް ބެލެވޭ ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

ދައުވާލިބޭ ޝަމީމް ފުރަތަމަ ހައްޔަރު ކުރުމަށްނުވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އަދި ހަތަރު ގަޑިއިރުވާން ގާތްވުމުން އޭނާ ދޫކޮށްލި އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ އޭގެފަހުން އޭނާގެ ގޭގެ ކުރިމަތިންނެވެ.

ޝަމީމް ހައްޔަރު ކުރިއިރު އޭނާ ލައިގެން ހުރި ޓީޝާޓުގައި ލޭހުރި ކަމަށް އެ ފުލުސް މީހާ ބުންޏެވެ.

އެ މައްސަލާގައި ދެން އޮންނަ އަޑުއެހުމުގައި ވެސް އޮންނާނީ ހެކިބަސް ނެގުމެވެ. ދެން އޮންނަ އަޑުއެހުން އޮންނާނީ މިމަހު ފަހުކޮޅެވެ. މިމަސް ނިމުމުގެ ކުރިން ހުރިހާ ހެކިންގެ ހެކިބަސް ނެގުން ނިންމާލަން ކްރިމިނަލް ކޯޓުން އޮތީ ހަމަޖައްސައިފަ އެވެ.