Roadha Mihaaru
ކާމިޔާބު ސާޖަރީއަކުން އުތުރުގައި ލެޕަރަސްކޯޕިކް ފަށައިފި

ކާމިޔާބު ސާޖަރީއަކާ އެކު އުތުރުގައި ލެޕަރަސްކޯޕިކް ހިދުމަތް ފަށައިފި

07 ނޮވެމްބަރ 2022

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގައި ހެދި ފުރަތަމަ ލެޕަރޮސްކޯޕިކް ސާޖަރީ (ކީހޯލް އޮޕަރޭޝަން) ކާމިޔާބުކަމާ ފުރިހަމަކޮށްފި އެވެ.

މިއަދު ހެނދުނު ކޭއާރްއެޗްގެ އޮޕަރޭޝަން ތިއޭޓަރުގައި ކުރި ލެޕަރޯސްކޯޕިކް ސާޖަރީ އަކީ ރާއްޖޭގެ އުތުރުގައި ކުރި މި ފަދަ ފުރަތަމަ އޮޕަރޭޝަނެވެ. މި އޮޕަރޭޝަންތައް ފެށުމަށް އެ ހޮސްޕިޓަލުގައި ބައިވެރިވީ ރާއްޖޭގެ މައި ހޮސްޕިޓަލް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ހާއްސަ ޓީމެކެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތަކުގެ ތަޖުރިބާކާރު ޑޮކްޓަރު، ސީނިޔާ ކޮންސަލްޓަންޓް އިން ޖެނަރަލް ސާޖަރީ، ޑރ. އަބްދުﷲ އުބައިދު ލީޑް ކުރައްވައިގެން ކުރިޔަށް ގެންދެވި މި އޮޕަރޭޝަނަށް ހޭދަވީ 50 މިނެޓެވެ.

ޑރ. އުބައިދުގެ އިތުރުން ޕްލާސްޓިކް ސާޖަރީގެ ދާއިރާގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ކަމުގައިވާ ޑރ. މުހައްމަދު ވަހީދު އަދި އައިޖީއެމްއެޗްގެ އެނެސްތިއޮލޮޖީ ޑިޕާޓްމަންޓްގެ ހެޑް، ކޮންސަލްޓަންޓް އިން އެނެސްތިއޮލޮޖީ ޑރ. އިސްމާއިލް ލަތީފާއި އެ ހޮސްޕިޓަލްގެ ލެޕަރޮސްކޯޕިކް ނާސިން ޓީމްގެ އިންޗާޖް، ރެޖިސްޓާޑް ނާސް ފާތިމަތު ޝިއުނާ ބައިވެރިވެވަޑައިގަތެވެ.

ކޭއާރްއެޗުން، ހޭނައްތާ ޑޮކްޓަރުގެ އިތުރުން، ބަޔޮމެޑިކަލް އިންޖިނިއާ އަދި އޮޕަރޭޝަން ތިއޭޓަރުގައި މަސައްކަތް ކުރާ ނަރުހުންގެ ޓީމް ބައިވެރިވި އެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާ އެކު ނިންމާލުމަށް ފަހު ޑޮކްޓަރުންގެ ޓީމްގެ ފަރާތުން ޑރ. އުބައިދު ވިދާޅުވީ މި ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް، އައިޖީއެމްއެޗުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ.

މިއަދު މި ފެށި ހިދުމަތަކީ އާންމުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ހިދުމަތެއްކަން ފާހަގަ ކުރައްވަމުން ޑރ. ވިދާޅުވީ މި ހިދުމަތް ކުރިޔަށް ގެންދިޔުމަށް ކުޅުދުއްފުށީގެ ޓީމަށް ބޭނުންވާ ތަމްރީނާއި އެކްސްޕަޓީސް ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި މި ހިދުމަތް އިތުރަށް ފުޅާވެގެންދާނީ ރާވާލެވިގެން ދެ ހޮސްޕިޓަލްގެ ތެރެއިން ކުރެވޭ މަސައްކަތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރުގެ ނާސިން އިންޗާޖް، ސީނިއާ ރެޖިސްޓާޑް ނާސް، ހުރުމާ އަބްދުއްރަހްމާން ވިދާޅުވީ ކުރިން ބޮޑެތި ކެފުންތަކާ އެކު ކުރި ބައެއް އޮޕަރޭޝަންތައް، ބަނޑުގައި އަޅާ މަދު ލޯވަޅުތަކެއްގެ ޒަރީއާއިން ކުރެވޭ ގޮތް ވުމަކީ ބަލިމީހާއަށް އަދި އޮޕަރޭޝަން ޓީމަށް ވެސް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

ލެޕަރޮސްކޯޕިކް ސާޖަރީ

ލެޕަރޮސްކޯޕިކް ސާޖަރީ އަކީ ބަނޑުގައި ކުޑަ ލޯވަޅެއް ނުވަތަ ލޯވަޅުތަކެއް އަޅައިގެން ކެމެރާއިން ބަލައިގެން، ކުދި އޮޕަރޭޝަން ޓޫލްސް ބޭނުންކޮށްގެން ކުރެވޭ ހަށިގަނޑަށް ލުއި އޮޕަރޭޝަންތަކެކެވެ.

ކީހޯލް ސާޖަރީ އޭ ވެސް ކިޔާ މި އޮޕަރޭޝަންތަކަށް ފަހު ބަލިމީހާ ހޮސްޕިޓަލްގައި މަޑުކުރަންޖެހޭ މުއްދަތު އަދި ފާރުތައް ފަސޭހަވުމަށް ނަގާ މުއްދަތު، އާންމު އޮޕަރޭޝަންތަކާ ބަލާއިރު ބޮޑުތަނުން ކުޑަކަން ފާހަގަކުރެވެ އެވެ.

ލެޕަރޮސްކޯޕިކް ސާޖަރީތައް އާންމު ގޮތެއްގައި ހަދަނީ އަންހެނުން ދަރިމައިވުމުގެ ނިޒާމު، ގޭސް އަދި ކުޑަކަމުދާ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުށެވެ.

މި ސާޖަރީތަކަކީ ވީހާ ވެސް ކުޑަކޮށް ހަށިގަނޑު ކަފައިގެން ހަދާ ސާޖަރީތަކެއް ކަމަށް ވާތީ، ބަލިމީހާ ހޮސްޕިޓަލްގައި ހޭދަކުރާ ވަގުތު މަދުވެ، ތަހައްމަލް ކުރަން ޖެހޭ ވޭން ކުޑަވެ އަދި ހަށިގަނޑު ކެފުމުގެ ސަބަބުން ލާ ލަކުނު ކުޑަވެ އެވެ.