16 ސެޕްޓެމްބަރ 2016
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އަސީލް އަލީ އަށް އެ ރަށު ހޮސްޕިޓަލުން ކަންތައް ކުރި ގޮތުން ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި ސައިކަލް އެކްސިޑެންޓެއްގައި އަނިޔާވި އަސީލް އަލީ އަށް އެ ރަށު ހޮސްޕިޓަލުން ކަންތައް ކުރި ގޮތުން ބޮޑު ނުރައްކަލަކާ ކުރިމަތިވެފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު އިހުމާލެއް ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފި އެވެ.
އެކަމަކު އާއިލާ އިން ދައްކާ ވާހަކަތަކާ މެދު ކުޅުދުއްފުށީ ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވީ، ޑޮކްޓަރުން އާއިލާ އަށް ދިން މައުލޫމާތުތަކާ ބެހޭ އެއްވެސް އެއްޗެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދިޔަ ކުއްޖަކު މާލެ ގެންގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
އުމުރުން 18 އަހަރުގެ އަސީލް، ބާރަށް ސައިކަލްގައި ދަނިކޮށް ވެއްޓި އޭނާގެ މައިބަދަ އަށް ލިބުނު ގެއްލުންތައް، ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ނޭނގުނު ކަމަށް، އޭނާގެ ބައްޕަ އަލީ އިބްރާހިމް ތުހުމަތުކުރެ އެވެ.
ހޮސްޕިޓަލަށް ގެންދިޔަ އިރު އަސީލް އޮތީ ހޭނެތިފަ އެވެ. އަދި އެކްސްރޭތަކުން ޑޮކްޓަރުންނަށް އެއްވެސް އަނިޔާއެއް ނުފެނުނު އިރު، އަސީލަށް އެނދުން ތެދުވެވޭ ވަރު ވެސް ނުވާ ކަމަށް އަލީ ބުންޏެވެ. އެ ކަންބޮޑުވުން ފާޅުކުރުމުން ޑޮކްޓަރުންގެ ޖަވާބަކަށް ވީ "އޭނާ މަކަރު ހަދަނީ" ކަމަށް، ބައްޕަ ކިޔައިދިނެވެ.
އެކަމަކު ގެއަށް ބަދަލުކުރުމުން ވެސް އަސީލަށް ތެދުވުމުގެ ބާރު ނުލިބުމުން އަނެއްކާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. މި ފަހަރު ވެސް އެކްސްރޭތައް ބަލާފައި، އެތެރެހަށީގެ ޑޮކްޓަރަކު ބުނި ކަމަށް ވަނީ، އަލީ ކިޔައިދިން ގޮތުގައި، "އެއްވެސް މައްސަލައެއް ނެތް" ކަމަށެވެ.
އޭގެ ތިން ދުވަސް ފަހުން، އާސަންދައިގެ ދަށުން މާލެ ގެނެސް އެކްސްރޭތައް ބެލުމުން އެނގުނީ އަސީލްގެ މައިބަދައިގެ ދެ ބަދައެއް ފުނޑިފައިވުމުގެ އިތުރުން ހަ ބަދަޔަކަށް ވެސް ގެއްލުން ލިބިފައި ހުރި ކަމެވެ.
"އެކޮޅުން [ކުޅުދުއްފުށީ ހޮސްޕިޓަލުން] ބުނީ އެއްވެސް މައްސަލައެއް ނެތޭ. އެކަމަކު ކީއްވެހޭ އޭނާއަށް ނުތެދުވެވެންވީ؟ އެ ސުވާލު އެ މީހުން އެހީ އަޅުގަނޑުމެން ކައިރިން. ދެން [ކުޅުދުއްފުށި ހޮސްޕިޓަލުން] ބުނީ އޭނާ މަކަރުހަދަނީ ކަމަށް،" އަލީ ބުންޏެވެ.
މާލެ ގެނައި އިރު ދަރިފުޅުގެ ހާލު ވަރަށް ސީރިއަސް ކަމަށް ބައްޕަ ބުންޏެވެ. އަދި މާ ބޮޑަށް ލަސްވުމުގެ ސަބަބުން އޭނާ ޕެރަލައިޒްވުމުގެ ފުރުސަތު ވެސް އޮތް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އަލީ ބުންޏެވެ.
އަސީލް އެކްސިޑެންޓްވި އިރު އޭނާގެ މަންމަ އޮތީ ގދ. ތިނަދޫ ހޮސްޕިޓަލްގައި ވިހަން ވައްދައިފަ އެވެ. ދަރިފުޅުގެ އެކްސިޑެންޓްގެ ހަބަރު ލިބުނީ، އަލީ ބުނި ގޮތުގައި، އަންހެނުންގެ ހާލު ސީރިއަސްވުމުން ތިނަދު އަށް ދާން މަތިންދާބޯޓަށް އަރަން އުޅެނިކޮށެވެ.
އަންހެނުންނާއި އެެއްމާބަނޑު ދެ ދަރިން ވެސް މިހާރު އޮތީ އައިޖީއެމްއެޗުގަ އެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް އަލީ ބުންޏެވެ.
އެކަމަކު އަސީލަށް ލިބިފައި ހުރި ގެއްލުންތަކަށް ފަރުވާދޭ ހާއްސަ ޑޮކްޓަރު ޗުއްޓީގައި ހުރުމުން އޭނާ އަށް މިވަގުތު އައިޖީއެމްއެޗުން މާ ބޮޑު ފަރުވާއެއް ލިބެން ނެތް ކަމަށްވެ އެވެ. އެހެންވެ މިހާރު މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އިން ބޭރަށް ގެންދަން ކަމަށް އާއިލާ އިން ބުނެ އެވެ.
އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު "މިހާރު" އަށް މިއަދު ވިދާޅުވީ އަސީލް އައިޖީއެމްއެޗްގައި އެޑްމިޓް ކުރުމަށް ފަހު، އޭޑީކޭގައި ހުންނަވާ ނާރުގެ ޑޮކްޓަރަށް ރިފާ ކުރުމުން އެންގެވީ ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ގެންގޮސް ސާޖަރީ ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ޑޮކްޓަރު [ޑރ. ޔޫސުފް ޝާން] މިވަގުތު އުޅުއްވަނީ އާލާސްކަންފުޅެއްގައި. އެހެންވެ އޭޑީކޭއިން ނިޔާފަށް އަޅުގަނޑުމެން މި ޕޭޝަންޓް ރިފާކުރީ. އައިޖީއެމްއެޗުން އެހާވަރަށް ފައިން ސާޖަރީއެއް ނުކުރެވޭނެތީ ނިޔާފު އެޑްވައިސް ކުރެއްވީ ވީހާ އަވަހަކަށް ރާއްޖެއިން ބޭރަށް ފޮނުވަން،" ފަރުހަތު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވި ގޮތުގައި އާސަންދައިގެ ދަށުން އަސީލް ބޭރަށް ފޮނުވައިލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"އަޅުގަނޑަށް ހީވަނީ ވިސާގެ ކަންކަން ހަމަޖެހުނުހާ އަވަހަކަށް ފުރުވާލާނެހެން،" އޭނާ ވިދާޅުވި އެވެ.
އަސީލްގެ ބައްޕަ ބުނީ ކުޅުދުއްފުށީ ހޮސްޕިޓަލުން އޭނާގެ ދަރިފުޅާ މެދު "ވަރަށް ބޮޑު އިހުމާލެއް" ވެފައިވާ ކަމަށެވެ.
"އަޅުގަނޑުމެން [ކުޅުދުއްފުށީ] ހޮސްޕިޓަލަށް މިހާރު އަންގައިފިން ދަރިފުޅަށް ފަރުވާ ނުކުރެވިއްޖެ ނަމަ އެތަނުގެ މައްސަލަ ހުށަހަޅާނެ ކަމަށް،" އަލީ ބުންޏެވެ.
އޭނާ ބުނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިހުމާލްވި މައްސަލަ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.
އަސީލްގެ އަތުގައި ލައިސަންސް އޮތް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
އޮޕަރޭޝަންކުރަން އަސީލް އިންޑިއާއަށް
ކާމިޔާބު ސާޖަރީއަކުން އުތުރުގައި ލެޕަރަސްކޯޕިކް ފަށައިފި
މަރަށް ތެޅުނު އިރު ފޮޓޯ ނަގަން ތިބުމުން ފާޑުކިޔަނީ!
ކުޅުދުއްފުށީގަ އެކްސިޑެންޓުވެ، މީހަކު އައިސީޔޫގައި
ކަރުގައި ރުފިޔާއެއް ތާށިވެގެން ކުއްޖަކު މާލެ ގެނެސްފި
ސައިކަލަކުން ޖެހި ކުޅުދުއްފުށީ މީހެއްގެ ހާލު ސީރިއަސް
އައިޖީއެމްއެޗުގެ އިންޓާން ރާއްޖޭގައި ކިޔަވާ ކުދިންނަށް
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ނަޑެއްލާ އެކްސިޑެންޓް: ފަރުވާއަށް ދެ މީހަކު މާލެއަށް
އެކްސިޑެންޓުވެގެން ހާލު ސީރިޔަސްވި ޒުވާނަކު މަރުވެއްޖެ