Roadha Mihaaru
ޕްރިންސިޕަލް ވަކިކުރުމުން ބެލެނިވެރިން މުޒާހަރާ އަށް!

ޕްރިންސިޕަލް ވަކިކުރުމުން އަރަބިއްޔާގެ ބެލެނިވެރިން މުޒާހަރާ އަށް!

06 ނޮވެމްބަރ 2022

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު މަގާމުން ވަކިކުރި މައްސަލާގައި އެ ސްކޫލުގެ ބެލެނިވެރިން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމް މިއަދު މަގާމުން ވަކިކުރި މައްސަލާގައި އެ ސްކޫލުގެ ބެލެނިވެރިން މިރޭ އިހުތިޖާޖަށް ނުކުމެއްޖެ އެވެ.

ޖެނުއަރީ 8، 2018 ގައި އަރަބިއްޔާގެ ޕްރިންސިޕަލް ކަމަށް ހަމަޖެއްސި، ޝުޖާއު މަގާމުން ވަކިކޮށް އޭނާ ވަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް މިހާރު ބަދަލުކޮށްފަ އެވެ.

އެހެންވެ، މާދަމާ އިން ފެށިގެން އަރަބިއްޔާ ސްކޫލު ހިންގުމާ ވަގުތީ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހަވާލުކުރީ ޕްރިންސިޕަލް ކަމުގައި 19 އަހަރު ގުނަމުން ގެންދަވާ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސެއިން ސައީދުއާ އެވެ.

އެ ބަދަލު ގެނައީ އެ ސްކޫލު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ބުންޏެެވެ.

ނަމަވެސް، ހުސައިން ސައީދުއާ މެދު އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމައެއް ނުޖެހެ އެވެ.

އަރަބިއްޔާގެ ބެލެނިވެރިން ހިންގަމުންދާ، "އަރަބިއްޔާ ފެމިލީ" އިން ބުނާ ގޮތުގައި ޝުޖާއު ކުއްލިއަކަށް ވަކިކޮށްފައި ވަނީ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުންނެެވެ.

އެކަން އެޑިއުކޭޝަން މިނިސްޓްރީން ދޮގުކޮށް ބުނީ، އެއީ ސްކޫލުގެ ކިޔެވުން އިތުރަށް ހަރުދަނާކޮށް، ކުދިންނަށް އެންމެ ފަހި ގޮތަށް ކަންކަން ރާވައި އިންތިޒާމުކުރުމަށް ގެނައި ބަދަލެއް ކަމަށެވެ.

އެކަމަކު އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުމާ ދެކޮޅަށް، އެ ސްކޫލު ހިންގަމުންދާ ވަގުތީ އިމާރާތުގެ ބޭރުގައި ބެލެނިވެރިން މިހާރު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެެ. އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތަކާ އެކު އެ ސަރަހައްދުގައި ބެލެނިވެރިން މުޒާހަރާ ކުރަނީ ޕްރިންސިޕަލް ޝުޖާއު ވަކިކުރުމާ ދެކޮޅަށެވެ.

"ސްކޫލަށް ބޭނުންހާ ގޮތެއް އަބަދު ނުހެދޭނެ" ކަމަށް ބުނެ، އެ މީހުންނަށް އިންސާފު ހޯދައިދިނުމަށް އެދި ކާނިވާ ކައިރީގައި ކުރިން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގެ ބޭރުގައި އެމީހުން ދަނީ ގޮވާލަމުންނެެވެ.

އެ މުޒާހަރާގައި ބެލެނިވެރިން ވަނީ ސްކޫލަށް ދިމާވެފައިވާ އެކި ދަތިތަކާ ގުޅޭ ޕޯސްޓަރުތައް ބޭނުންކޮށްފަ އެވެ. އާ ސްކޫލު އިމާރާތްކުރަން ބޭނުންވާ ބަޖެޓް ކޮބައިތޯ ވެސް އެމީހުން ސުވާލު އުފައްދަ އެވެ.

އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.

އެކި ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ސްކޫލުގެ ބޭރުގައި މުޒާހަރާކުރަނީ.

މީގެ ކުރިން ވެސް އިދާރީ އެކި ބަދަލުތަކާ ގުޅިގެން ބައެއް ސްކޫލުތަކުގެ ވަގުތީ ޕްރިންސިޕަލްކަން އަދާކުރެއްވި އަދި ތައުލީމީ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ޕްރިންސިޕަލް ހުސައިން ސައީދުއާ އަރަބިއްޔާ ހިންގުން ހަވާލުކުރުމާ ބެލެނިވެރިން ދެކޮޅު ހަދަނީ އޭނާ އަށް "އަރަބިއްޔާ ސްކޫލު ހިންގަން ނޭނގޭ" ކަމަށް ބުނެ އެވެ.

މީގެ ކުރިން ވެސް ސްކޫލު ހިންގުމާ އޭނާ ހަވާލުވެ، މިއުޒިކް ޖެހުމަށް މަޖުބޫރުކުރުމުން "ބޮޑު ހަނގުރާމަ" އަކަށް ދިޔަ ކަމަށް އަރަބިއްޔާގެ ބެލެނިވެރިން ހިންގާ ޕޭޖުގައި ބުނެފައިވެ އެވެ. އެހެންވެ، މިނިސްޓްރީގެ ނިންމުން އަނބުރާ ގެންދިއުމަށް ބެލެނިވެރިން ދަނީ ގޮވާލަމުންނެެވެ.

އެންމެ ފަހުން ޗާންދަނީ މަގުގައި ހިންގަމުން އައި އަރަބިއްޔާ ސްކޫލު ހިންގި އިމާރާތް ބަދަލުކުރީ އެ އިމާރާތް ވަރަށް ބޮޑަށް ބާވެ، ހަލާކުވެގެންނެވެ. އެ ސްކޫލުގެ އާ އިމާރާތެއް އެޅުމަށް ބާޖަމާލުއްދީން ސަރުކާރުން ހަމަޖައްސައިދިން ނަމަވެސް ފަހުން އެތަނުގައި ޖަމާލުއްދީން ސްކޫލުގެ ބައެއް އަޅާނެ ކަމަށް ބުނެފައިވާތީ އެ މައްސަލާގައި ވެސް ބެލެނިވެރިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.