Roadha Mihaaru
އަރަބިއްޔާގެ އާ އިމާރާތަށް ޖާގަ ތަނަވަސް ބިމެއް ދީފި

އަރަބިއްޔާގެ އާ އިމާރާތް އަޅަން ޖާގަ ތަނަވަސް އެހެން ބިމެއް ހަމަޖައްސައިފި

21 ނޮވެމްބަރ 2023

އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ހަމަޖެއްސި ބާ ޖަމާލުއްދީން ހުރި ބިމުގައި ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކެއް އަޅަން ނިންމައި، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ޖާގަ ތަނަވަސް ބިމަކަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަރަބިއްޔާ ސްކޫލް އިމާރާތްކުރަން ހަމަޖެއްސި ބާ ޖަމާލުއްދީން ހުރި ބިމުގައި ޖަމާލުއްދީން ސްކޫލުގެ ކްލާސްރޫމްތަކެއް އަޅަން ނިންމައި، އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ޖާގަ ތަނަވަސް ބިމަކަށް ބަދަލުކުރަން ސަރުކާރުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، ފުޅާ ދާއިރާއެއްގައި އަރަބި ތައުލީމު ދޭ މަރުކަޒަކަށް އެ ތަން ހަދައި، ތަނަވަސް ޖާގައެއްގައި އާ އިމާރާތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެވަޑައިގެންނެވި ވައުދެއް ކަމަށެވެ.

އެހެންވެ، ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ނިންމައި، މި ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފަށަން ނިންމާފައިވާ ކަމަށް އެ ވެބްސައިޓުގައި ބުންޏެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ. ސެލެކްޓިވް ބިޑިންއަކުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ސްކޫލު އަޅަން ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ނަމަވެސް ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު، އެ ބިމުގައި ހުރި ބާ އިމާރާތްތައް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް މިއަދު އިންޓަވިއުދެއްވަނީ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އާ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް މިއަދު ދެއްވި އިންޓަވިއުގައި ވިދާޅުވީ އަރަބިއްޔާގެ އާ އިމާރާތް އަޅަން ކުރިން ނިންމި ސަރަހައްދަކީ ވަރަށް ދަތި ހިސާބެއް ކަމަށެވެ. އޭގެ އިތުރުން، ޖަމާލުއްދީން ސްކޫލުގައި ވެސް ޖާގައިގެ ދަތިކަން އޮތުމުން، އެ ބިމުގެ ބައެއްގައި އެ ސްކޫލުގެ ކްލާސްރޫމުތަކެއް އަޅަން ނިންމީ ކަމަށް ވިދާޅުވި އެވެ.

"މިހާރު އަރަބިއްޔާއަށް އެލޮކޭޓްކޮށްފައިވާ ބިމުން ޖާގަތަކެއް ޖަމާލުއްދީނަށް ލިބޭނެ. އަދި އަރަބިއްޔާއަށް ތަންކޮޅެއް ތަނަވަސް، ރަނގަޅު މަގަކުން ބިމެއް އެލޮކޭޓްކޮށް، އަޅުގަނޑުމެން އަރަބިއްޔާ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނަން،" ޝަފީއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސްކޫލު އެޅުމާ ގުޅޭ އިދާރީ ގިނަ މަސައްކަތްތައް ނިންމައި އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ރާއްޖޭގައި ކުންފުނިތަކަށް ގާތްގަނޑަށް 18 މަސް ދުވަހާއި ދެ އަހަރާ ދޭތެރޭގައި ސްކޫލެއް އަޅައި ނިންމާލެވޭނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަޝްރޫއުތައް ނިންމާނީ އެކަމެއް ނިންމެން އޮތް އެންމެ ކުރު މުއްދަތެއްގަ އެވެ. އަރަބިއްޔާގެ އާ އިމާރާތް ވެސް، އެ އުސޫލުން 18 މަސް ދުވަހުގެ ތެރޭގައި ނިންމަން ޓާގެޓް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.