Roadha Mihaaru
އަރަބިއްޔާގެ ހުރިހާ މާއްދާތަކަށް ދިވެހި ޓީޗަރުން!

އަރަބިއްޔާގައި، ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދޭން ދިވެހި ޓީޗަރުން ތަމްރީނު ކުރަނީ

16 ޖެނުއަރީ 2024

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އަރަބިއްޔާ ސްކޫލްގެ ކުދިންނަށް ހުރިހާ މާއްދާއެއް އަރަބި ބަހުން ކިޔަވައިދިނުމަށް ދިވެހި ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމަ އެކަނި ސްކޫލް، އަރަބިއްޔާގެ ޕްރައިމަރީ ގްރޭޑުތަކުގައި ބައެއް މާއްދާތައް ކިޔަވައިދެނީ ބިދޭސީ ޓީޗަރުންނެވެ. ސެކަންޑަރީ ގްރޭޑްތަކަށް ކިޔަވައިދޭ ޓީޗަރުންގެ ތެރޭގައި ދިވެހި ޓީޗަރުންނަށް ވުރެ ވެސް ގިނައީ ބިދޭސީ ޓީޗަރުންނެވެ.

"ޕީއެސްއެމް" އަށް ރޭ ދެއްވި އިންޓްވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ އަރަބިއްޔާގައި މިހާރު ހިނގާ ނިޒާމު ބަދަލު ކުރައްވާނެ ކަމަށެވެ.

ބައިނަލްއަގްވާމީ އެކި ފަރާތްތަކުގެ އެހީތަކާއި ރާއްޖެއާ ގުޅިފައިވާ އެކިއެކި ޖަމިއްޔާ އަދި ގައުމުތައް މެދުވެރިކޮށް ޕްލޭނެއް އެކުލަވާލާފައިވާ ކަމަށާއި އަރަބި ބަހުން ކިޔަވައިދޭނެ ދިވެހި ޓީޗަރުން އެ ފަރާތްތަކާ ގުޅިގެން ތަމްރީނު ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެނގިލައްވާނެ އަޅުގަނޑުމެން މިހާރު ވަރަށް ގިނަ ސްކޫލްތަކުގައި އިނގިރޭސި ބަހުން އެކަމަކު ދިވެހިން [ޓީޗަރުން] ކިޔަވައި ދެނީ. ހަމަ އެގޮތަށް އަރަބި ބަހުން ކެމިސްޓްރީ އާއި ފިޒިކްސް އާއި އެކިއެކި ސައިންސް މާއްދާތަކުގެ އިތުރަށް ބިޒްނަސް މާއްދާތައް، އަރަބި ބަހުން ކިޔަވައިދޭނެ ދިވެހިން ތަމްރީނު ކުރުމުގެ ހާއްސަ ޕްރޮގްރާމެއް އަޅުގަނޑުމެންނާ ގުޅިފައިވާ ބޭރު ގައުމުތަކުގެ އެހީގައި އަޅުގަނޑުމެން އިރާދުކުރެއްވިއްޔާ ކުރިއަށް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. ޝަފީއު، "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިނިސްޓަރު އުންމީދު ކުރައްވަނީ އަރަބި ބަހުން އެކިއެކި މާއްދާތައް ކިޔަވައިދޭނެ މީހުން 3-4 އަހަރުގެ އެކަށީގެންވާ އަދަދަކަށް ތަމްރީނު ކުރެވޭނެ ކަމަށެވެ.

"އޭރުން ވަރަށް ބޮޑު ފުރިހަމަ ކަމެއް އަރަބިއްޔާ ހިންގުމުގައި ވެސް އަދި ރާއްޖޭގައި އަރަބި ތައުލީމު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ފަހިވެގެން ދާނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލް ޒަމާނީކޮށް،، ފުޅާދާއިރާއެއްގައި އަރަބި ތައުލީމު ދޭ މަރުކަޒަކަށް އެ ތަން ހަދައި، ތަނަވަސް ޖާގައެއްގައި އާ އިމާރާތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވެ ވަޑައިގެންނެވި ވައުދެކެވެ.

"ރައީސްގެ މެނިފެސްޓޯގައި އަރަބިއްޔާ ހާއްސަކޮށް ފާހަގަ ކުރައްވައި އެ ވިދާޅުވީ ވެސް އަރަބިއްޔާ އަށް ދިމާވެފައިވާ ގޮންޖެހުންތައް، ހާއްސަކޮށް އަރަބިއްޔާއަކީ ހަމަ އެކަނި އަރަބި މީޑިއަމަށް ރާއްޖޭގައި ކިޔަވައިދޭ ސްކޫލަށް ވެފައި އެތަނަށް ހާއްސަ އަހަންމިޔަތު ކަމެއް ދެއްވަން ރައީސް ބޭނުންފުޅުވެލެއްވީމައި،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސަރުކާރުން ނިންމާފައި ވަނީ ކުރީގެ ކުނިކޮށި ހުރި 381 ނަންބަރު ކޮށީގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރީ ސަރުކާރުން ހަމަޖެއްސި ބާ ޖަމާލުއްދީންގެ ބިން.-- ފޮޓޯ: މިހާރު

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ކުރީ ސަރުކާރުން ހަމަޖެއްސި ބާ ޖަމާލުއްދީންގެ ބިން.-- ފޮޓޯ: މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުގައި، މިހާރު ކުރިއަށް ގެންދަނީ އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ ކޮންސެޕްޓްތައް ތައްޔާރު ކުރުމުގެ މަސައްކަތެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭ އަރަބިއްޔާގެ ބިންގާ އެޅިގެން ދިއުން. އަޅުގަނޑުން މިހާރު މި މަސައްކަތް ކުރާ ސްޕީޑަށް ބަލާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް އެޗީވް ކުރެވޭނެ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް ކުރީގެ ބާ ޖަމާލުއްދީން ހުރި ބިމުގައި ހަދަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަމިން ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ސެޕްޓެމްބަރު 29، 2022 ގަ އެވެ.

ސެލެކްޓިވް ބިޑިންއަކުން، ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ސްކޫލު އަޅަން ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެކަމަކު، ކޮންޓްރެކްޓްގެ މުއްދަތު ހަމަވިއިރު ވެސް އެ ބިމުގައި ހުރި ބާ އިމާރާތްތައް ތަޅާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް އެ ސަރުކާރަކަށް ނުކުރެވުނެވެ.