Roadha Mihaaru
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލަށް އަނެއްކާވެސް ޝުޖާއު

އަރަބިއްޔާ އިން ވަކިކުރި ޕްރިންސިޕަލަށް އަނބުރާ ވަޒީފާ ދީފި

19 ނޮވެމްބަރ 2023

ރާއްޖޭގައި އަރަބި ތައުލީމަށް ހާއްސަ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރި މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އަނެއްކާ ވެސް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގައި އަރަބި ތައުލީމަށް ހާއްސަ، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން ވަކިކުރި މުހައްމަދު ޝުޖާއު އަބްދުއްރަހީމް، އަނެއްކާ ވެސް އެ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ހަމަޖައްސައިފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ކަމުން ޝުޖާއު ވަކިކޮށް، އޭނާ ބަދަލުކުރީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށެެވެ.

މިނިސްޓްރީން އެ ނިންމުން ނިންމީ އެ ސްކޫލުގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވުމަށް އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށްވެ އެވެ. އެކަމަކު އެ މައްސަލާގައި އޭނާ ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އެ މައްސަލާގައި ވަޒީފާއާ ބެހެ ޓްރައިބިއުނަލުން ނިންމީ އޭނާ އެހެން މަގާމަށް ބަދަލުކުރީ ގާނޫނާއި ހިލާފަށް ކަމަށާއި 30 ދުވަސް ތެރޭގައި އަރަބިއްޔާގެ ޕްރިންސިޕަލް މަގާމު އަލުން އޭނާއަށް ދޭން ޖެހޭނެ ކަމަށެވެ.

އެހެންވެ، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ސޮއިކުރައްވައި ޝުޖާއުއަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް އޭނާ ބަދަލުކުރަން ނިންމައި މާދަމާ އިން ފެށިގެން އެ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް އަންގަވައިފަ އެވެ.

"2023 ނޮވެމްބަރު 20 އިން ފެށިގެން އަލްމަދަރުސަތުން އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕްރިންސިޕަލްގެ މަސްއޫލިއްޔަތާ ހަވާލުވެ، ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ސްކޫލު ހިންގުމުގެ އެންމެހާ ކަންކަން ވިލަރެސްކޮށް ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ،" ޝުޖާއުއަށް ފޮނުވި ސިޓީގައިވެ އެވެ.

އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމަށް ޝުޖާއު ހަމަޖެއްސީ ޖެނުއަރީ 8، 2018 ގަ އެވެ. ޝުޖާއު އެ މަގާމުން ވަކިކުރުމަށްފަހު އެ މަގާމު ވަގުތީ ގޮތުން އަދާ ކުރައްވަމުން ގެންދެވީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލް ހުސައިން ސައީދު އެވެ.