Roadha Mihaaru
ފުނަދޫ ފަޅުގައި އޮތް ދޯންޏެއް އަނދައި ހުލިވެއްޖެ

ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ އަނދައި ހުލިވެއްޖެ

04 ނޮވެމްބަރ 2022

ށ. ފުނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ށ. ފުނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގައިގެން އުޅޭކަން ރިޕޯޓުކޮށްފައި ވަނީ 11:15 ހާއިރު ކަމަށާއި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ފުޅު "މިހާރު" އަށް ވިދާޅުވީ އެ ހާދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް ބެލެވޭ ކަމަށެވެ. އެ ވަގުތު ދޯނީގައި އެއްވެސް މީހަކު ނެތް ކަމަށާއި ދުން އެރުމަށް ފަހު ކުއްލިއަކަށް މުޅި ދޯނީގައި ހުޅުގަނޑު ހިފީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މަންޒަރު ދުށް މީހުން ބުނި ގޮތުގައި ކަންޏެއް ޖަހާފައި ހަމަ ސިކުންތުކޮޅެއް ތެރޭ މުޅި ދޯނީގެ ޑެކު އެކީ ރޯވީ،" އޭނާ ވިދާޅުވި އެވެ.

ދޯނީގައި ރޯވުމާ އެކު ރަށުގެ އާންމުންނާއި ކައިރީ އޮތް ކޮމަންޑޫގެ ދޯންޏެއް އަދި ފުލުހުން ވެސް ގުޅިގެން އަލިފާންގަނޑު ނިއްވަން މަސައްކަތް ކުރި ކަމަށް އަހުމަދު ވިދާޅުވި އެވެ.

ނަމަވެސް ދޯނީގެ ބޮޑުބައި އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން އަންނަނީ އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުންނެވެ.