Roadha Mihaaru
ބާސާ އަށް މޮޅެއް، ލެވަންޑޯސްކީ 600 ގޯލު ހަމަކޮށްފި

ބާސާ އަށް މޮޅެއް، ލެވަންޑޯސްކީ ޖެހި ގޯލުގެ އަދަދު 600 އިން މައްޗަށް

21 އޮކްޓޯބަރ 2022

ބާސެލޯނާ (އޮކްޓޫބަރު 21) - ސްޕެނިޝް ލަލީގާ ގައި ބާސެލޯނާ އިން 3-0 އިން ވިޔަރެއާލް ބަލިކުރި މެޗުގައި، ލެވަންޑޯސްކީ އޭނާގެ ކެރިއަރުގައި 600 ލަނޑު ހަމަކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ބާސެލޯނާ (އޮކްޓޫބަރު 21) - ސްޕެނިޝް ލަލީގާ ގައި ބާސެލޯނާ އިން 3-0 އިން ވިޔަރެއާލް ބަލިކުރި މެޗުގައި، ލެވަންޑޯސްކީ އޭނާގެ ކެރިއަރުގައި 600 ލަނޑު ހަމަކޮށްފި އެވެ.

އަމިއްލަ ދަނޑުގައި ވިޔަރެއާލް ކޮޅަށް ބާސެލޯނާ އިން ރޭ ޖެހި ތިން ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ ފަހު 15 މިނިޓު ތެރޭގަ އެވެ.

އެންމެ ފުރަތަމަ ބާސެލޯނާއަށް ލީޑު ނަގައިދިން ލަނޑު 31 ވަނަ މިނިޓުގައި ޖަހައިދިނީ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. ޖޯޑީ އަލްބާ ދިން ޕާހެއް ކޮންޓްރޯލް ކޮށްލާފައި އޭނާ ކާމިޔާބު ކުރި މި ގޯލަކީ، ސީނިއާ ކެރިއަރުގައި ޖެހި 600 ވަނަ ލަނޑެވެ. އަދި އޭގެ ހަތަރު މިނިޓު ފަހުން ގަވީ ދިން ބޯޅައެއް ގޯލަށް ފޮނުވާލައިގެން ލެވަންޑޯސްކީ ވަނީ އޭނާގެ 601 ވަނަ ލަނޑު ޖަހައި، ބާސާ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ.

މިއީ އުމުރުން 34 އަހަރުގެ ލެވަންޑޯސްކީ މި ސީޒަންގައި ބާސާ އަށް ބަދަލުވެ، ލަލީގާ ގައި ކާމިޔާބު ކުރި 11 ވަނަ ލަނޑެވެ. ޗެމްޕިއަންސް ލީގާ އެކު، ލެވަންޑޯސްކީ ވަނީ ބާސާ އަށް މި ސީޒަންގައި 16 ލަނޑު ޖަހައިދީފަ އެވެ.

މިއާ އެކު ލެވަންޑޯސްކީ ވެފައި ވަނީ 2000 ވަނަ އަހަރުގެ ފަހުން، ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު، ކްލަބާއި ގައުމީ ޓީމަށް 600 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް 16 ލަނޑު މިހާތަނަށް ޖަހައިދިނުމުގެ އިތުރުން، ކުރިން ކުޅުނު ބެޔާން މިއުނިކަށް 344 ލަނޑު ޖަހައިދީ، އޭގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑުގައި 103 ލަނޑު ޖަހައިފަ އެވެ. އަދި އޭގެ ކުރިން ޕޮލެންޑުގައި އޭނާ ވަނީ 62 ލަނޑު ޖަހައިފަ އެވެ.

ޕޮލެންޑް ގައުމީ ޓީމުގެ ކެޕްޓަން ލެވަންޑޯސްކީ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅެދިން 134 މެޗުން 76 ގޯލު ޖަހައިދީފަ އެވެ.

ބާސާގެ ތިންވަނަ ލަނޑު 38 ވަނަ މިނިޓުގައި ޖަހައިދިނީ އަންސޫ ފާޓީ އެވެ. ފެރާން ޓޮރޭޒް ތަނަވަސްކުރި ފުރުސަތެއްގައި ޖެހި މި ލަނޑަކީ ފާޓީ މި ސީޒަންގައި ޖެހި ތިންވަނަ ލަނޑެވެ.

މި ނަތީޖާއާ އެކު، ދެވަނައިގައި އޮތް ބާސެލޯނާ ވަނީ 10 މެޗުން 25 ޕޮއިންޓް ހަމަކޮށްފަ އެވެ. ބާސާ އާއި، އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު ތިން ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ.

ބާސެލޯނާގެ އަވަށްޓެރި އެސްޕަނިޔޯލް ވަނީ ރޭ ރަށުން ބޭރުގައި އޮސަސޫނާއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. އަދި ޔޫޑީ އަލްމެއިރާ ވަނީ 3-2 އިން ގިރޯނާ ބަލި ކޮށްފަ އެވެ.