Roadha Mihaaru
"ވަސީލަތްތަކުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ"

ގާއިމް ކުރާ ވަސީލަތްތަކުގެ ނަތީޖާ ހަ އަހަރު ފަހުން މުބާރާތްތަކުން ފެންނާނެ: މަހުލޫފް

19 އޮކްޓޯބަރ 2022

ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ވަސީލަތްތައް ގާއިމްކުރުން ކަމަށާއި އެކަންކަމުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފުޓްބޯޅަ ކުރިއެރުވުމަށް ސަރުކާރުން މިވަގުތު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ ވަސީލަތްތައް ގާއިމްކުރުން ކަމަށާއި އެކަންކަމުގެ ނަތީޖާ ހަ އަހަރު ފަހުން ފެންނާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ ފުޓްބޯޅަ ކުރިއަރުވަން ސަރުކާރުން އެންމެ ބޮޑު ސަމާލު ކަމެއް ދީގެން ކުރަމުން އަންނަ ކަމަކީ ބޮޑު ދަނޑުތައް ގާއިމް ކުރުން ކަމަށެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު ރަށްރަށުގައި ފުޓުބޯޅަ ކުޅުން އެއްކޮށް ނިމުމަކަަށް އައިސްފައިވާ ކަމަށާއި ފުޓުބޯޅައިގެ ބަދަލުގައި މިނީ ފުޓުބޯޅަ ދަނޑުތަކެއްގައި ކުޅެމުން އަންނަނީ ފުޓްސަލް ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"އުއްމީދު ކުރަނީ މިހާރު މި ގާއިމް ކުރެވޭ ވަސީލައްތަކުގެ ނަތީޖާ މީގެ ފަސް އަހަރު ހަ އަހަރު ފަހުން ފެނިގެން ދާނެ ކަމަށް،" މަހުލޫފް ވިދާޅުވި އެވެ.

ދިވެހި ގައުމީ ޓީމާ ދެކޮޅަށް ގިނަ ލަނޑުތަކެއް ވަންނާތީ ސީދާ މިނިސްޓަރަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށާއި އެކަމުގެ ކަންބޮޑުވުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަލީ އާ ވެސް ހިއްސާ ކުރެއްވި ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ސަރުކާރުން ފުޓްބޯޅަ އަށް އެހާ ވަރަށް އިންވެސްޓު ކުރާ އިރު ފުޓްބޯޅަ ޓީމު ވީހާވެސް ރަނގަޅަށް ތައްޔާރު ވެގެން ދެވޭ ގޮތަށް އިންތިޒާމް ކުރުން މުހިންމު،" މަހުލޫފް ވިދާޅުވި އެވެ.

އިންޑިއާ އާއި ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގައި އެތައް މިލިއަން މީހުން އެބަތިބި ކަމަށާއި އެ މީހުން ފުޓްބޯޅަ އަށް ވެސް އެތައް މިލިއަނުން ހަރަދު ކުރާ ކަމަށް މަހުލޫފް ވިދާޅުވި އެވެ. ކުރިޔަށް އޮތް ތަނުގައި އެ ގައުމުތަކާ އެއް ހަމައަށް އައުން ވަރަށް ބޮޑު އުނދަގުލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަހުލޫފް ވިދާޅުވީ އިންޑިއާގެ އެލްއޯސީ ޕްރޮޖެކްޓެއްގެ ތެރެއިން ގަލޮޅު ދަނޑު އެކީ ތަޅާލައި އާ ދަނޑެއް އެޅުމުގެ މަޝްރޫއު ވެސް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ. އެކަން ކުރާނީ ހުޅުމާލޭގައި އޮތް ދަނޑުގައި ކުޅެވޭނެ ސެޓަޕްތައް ހެދުމަށް ފަހުގައި ކަމަށާއި އެއަށް ފަހު ރަނގަޅު ފެންވަރެއްގެ ދަނޑެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.

"ނޭޝަނަލް ބާސްކެޓް ބޯލް އެރީނާ ވޮލީބޯލް ޓޭބަލް ޓެނިސް ސެންޓަރު އަދި ކުޅުދުއްފުށީ ހިތަދޫ ފުވަމުލަކުގައި ސިންތަޓިކް ޓްރެކް އެޅުމުގެ މަސައްކަތް ދޭ މިއަހަރު ފަހުކޮޅު ނޫނީ އަންނަ އަހަރު ކުރީ ކޮޅު މަސައްކަތްތައް ފެށިގެން ދާނެ،" މަހުލޫފް ވިދާޅުވި އެވެ.