Roadha Mihaaru
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ

ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާ ސަރުކާރުން މި ކްލަބަށް ނުދީ، މާޒިޔާ އަށް ދިން: ވެލެންސިއާ

15 ނޮވެމްބަރ 2023

ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ ހޯދުމުން، ފައިސާގެ އިނާމު އެ ކްލަބަށް ނުދީ، މާޒިޔާ ހޯދުމުން ސަރުކާރުން އެ ކްލަބަށް އިނާމު ފައިސާ ދިން ކަމަށް ވެލެންސިއާ އިން ތުހުމަތުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ ހޯދުމުން، ފައިސާގެ އިނާމު އެ ކްލަބަށް ނުދީ، މާޒިޔާ ހޯދުމުން ސަރުކާރުން އެ ކްލަބަށް އިނާމު ފައިސާ ދިން ކަމަށް ވެލެންސިއާ އިން ތުހުމަތުކޮށްފި އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް ސަރުކާރުން 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ކުރިން ދެމުން ދިޔަ އެވެ.

މިހާރު ނިމެމުން މިދާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން، އެފްއޭއެމުން ޕްރެޒިޑެންޓްސް ކަޕް ބޭއްވީ މިދިޔަ އަހަރާއި މި އަހަރު އެކަންޏެވެ. މިދިޔަ އަހަރު ރ. އަލިފުށީގައި ފައިނަލް މެޗު ކުޅެ ވެލެންސިއާ އިން ތަށި ގެންދިޔައީ މާޒިޔާ ބަލި ކުރުމަށް ފަހު އެވެ.

އެފަހަރު މުބާރާތް ވެލެންސިއާ ކާމިޔާބު ކުރުމުން އެ ކްލަބަށް ފައިސާގެ އިނާމެއް ނުދެ އެވެ. ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް އޭރު ބުނީ ޕްރެޒިޑެންޓްސް ކަޕް ހޯދާ ޓީމަށް ފައިސާ އިނާމު ނުދޭން މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މާޒިޔާގެ ވެރިންނާ އެކު މަހަލޫފް ބައްދަލުވުމެއްގައި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މާޒިޔާގެ ވެރިންނާ އެކު މަހަލޫފް ބައްދަލުވުމެއްގައި --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ވެލެންސިއާ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ، މިދިޔަ އަހަރު އެ ކްލަބުން ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމުން ސަރުކާރުން އިނާމު ފައިސާ އެ ކްލަބަށް ނުދިން ކަމަށެވެ. އެކަމަކު މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕް މާޒިޔާ އިން ހޯދުމުން މާޒިޔާ އަށް ފައިސާގެ އިނާމު ސަރުކާރުން ދީފައިވާ ކަމަށް ވެލެންސިއާ އިން ތުހުމަތު ކުރެ އެވެ.

"އެކަމާ ގުޅިގެން (ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާ ނުދީގެން) މި ކްލަބުން ފޮނުވި އެއް ވެސް ސިޓީ އަކަށް [ސްޕޯޓްސް] މިނިސްޓްރީން ޖަވާބު ދީފައެއް ނުވެ އެވެ.،" ވެލެންސިއާގެ ބަޔާނުގައި ވެއެވެ.

"ނަމަވެސް 2023 ގެ ޕްރެޒިޑެންޓްސް ކަޕްގެ އިނާމު ފައިސާގެ ގޮތުގައި ޗެމްޕިއަންކަން ހޯދި ޓީމަށް [މާޒިޔާ އަށް] އިތުރު ފައިސާއާ އެކު އެއް މިލިއަން ރުފިޔާ މިނިސްޓްރީން ދީފައި ވެއެވެ. މިހެންވެ ކްލަބްތަކަށް ފައިސާ ދިނުމުގައި މިނިސްޓްރީން ތަފާތުކުރުން ގެންގުޅޭކަމަށް މި ކްލަބަށް އެ މިނިސްޓްރީން ފޮނުވި ސިޓީން ވެސް ވަނީ ކަށަވަރުވެފަ އެވެ."

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި ޓީމަށް، ފައިސާގެ އިނާމެއް ދީފައި ވޭތޯ އާއި ދިންނަމަ އެއީ ކިހާ އަދަދެއްގެ ފައިސާއެއްތޯ ހާމަކުރުމަށް، މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން އެދުނު ނަމަވެސް މައުލޫމާތުދޭން ޖެހޭ މުއްދަތު ފަހަނައަޅައި ދިޔަ އިރު ވެސް ސްޕޯޓްސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެ އެވެ.

ޕްރެޒިޑެންޓް ކަޕް ހޯދުމުން މާޒިޔާ އަށް އިނާމު ފައިސާގެ ގޮތުގައި އެއް ވެސް ފައިސާއެއް ލިބިފައިވޭތޯ، އެ ކްލަބްގެ އޮފިޝަލެއްގެ ގާތުގައި އެހުމުން، އޭނާ ބުނީ މި ވަގުތު އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

"ޖޭހޭނީ ބަލާލަން. މިހެން އިނދެފަ ބުނާކަށް ނޭނގެ،" މާޒިޔާގެ އޮފިޝަލް ބުންޏެވެ.

މާޒިޔާ އިން ކުޅުނު އެގްޒިބިޝަން މެޗެއްގައި މަހްލޫފް (ކ) އެ ޓީމުގެ ޖޯޒީ ލައިގެން --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

މާޒިޔާ އިން ކުޅުނު އެގްޒިބިޝަން މެޗެއްގައި މަހްލޫފް (ކ) އެ ޓީމުގެ ޖޯޒީ ލައިގެން --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ އޮފިޝަލް ވެސް ބުނީ "ޗެކްކޮށްލާފައި ޖަވާބެއް ދޭނެ" ކަމަށެވެ.

ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް، އެއް މިލިއަން ރުފިޔާ ސަރުކާރުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވީ ވައުދު ފުއްދުމުގައި މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތުކޮށްފައިވާ ކަމަށް ވެސް ވެލެންސިއާގެ ބަޔާނުގައި ވެއެވެ.

މިނިސްޓްރީން ވަނީ، މާޒިޔާ، އީގަލްސް ސަސް އަދި ބުރު ސްޕޯޓްސް އަށް ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާ ދީފަ އެވެ. އެކަމަކު ވެލެންސިއާ، ޓީސީ، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ އަށް މިނިސްޓްރީން ދިނީ ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.

ފައިސާގެ މައްސަލަތާކާ ހެދި ވެލެންސިއާ އިން ވަނީ ދިވެހި ޕްރިމިއާ ލީގުން ވަކި ވެފަ އެވެ.