Roadha Mihaaru
87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ހުއްޓުވައިފި

80 އަށް ވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވައިފި

17 އޮކްޓޯބަރ 2022

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 80 އަށް ވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 80 އަށް ވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ސިވިލް ކޯޓުން މިއަދު ހުއްޓުވައިފި އެވެ.

ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ކާރާއި ސައިކަލު ވެސް ހިމެނެ އެވެ.

އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އެންގީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމަށްފަހު އެފަދަ ވަގުތީ އަމުރަކަށް އެދުމުންނެވެ.

ކޯޓުގެ އަމުރުގައި އަންގާފައިވަނީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް މިހިނދަށް ނުބެލުމަށެވެ.

ކޯޓު އަމުރުގައި ހިމަނާފައިވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެރުނު އިއުލާނަކާއި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތަކެވެ.

މީގެ އިތުރުން އެ ދެ އިއުލާންގައި ހިމަނާފައިވާ އެއްވެސް އުޅަނދަކަށް ހިދުމަތް ދިނުމުގައި ތަފާތު ނުކުރަން ވެސް ގާޒީ ހާފިޒާ އަބްދުއްސައްތާރު ނެރުއްވި އަމުރުގައި އަންގާފައިވެ އެވެ.

މި އަމުރު ނެރުމާ ދައުލަތުން ކޯޓުގައި ދެކޮޅު ހެދި އެވެ. ދައުލަތުން ބުނެފައިވަނީ ރަޖިސްޓްރީ ބާތިލްކޮށްފައިވާ އުޅަނދުތަކަށް ކޯޓު އަމުރުގެ ދަށުން ހުއްދަ ދިނުމަކީ މަގުތަކުގެ ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި އަމުރެއް ނުނެރުނަސް، މައްސަލަ ނިމޭގޮތަކުން އެ މީހުންނަށް ބަދަލު ދޭން ޖެހިއްޖެ ނަމަ، އެ ގާބިލްކަން ދައުލަތަށް އެބައޮތް ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ކޯޓުގެ ނިންމުމުގައިވަނީ ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ އުޅަނދުތަކުގެ ވެރި ފަރާތްތަކުގެ އާމްދަނީއަށް ހުރަސް އެޅި އަދި އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަންކަމަށް ބަދަލު ދިނުމުގެ ގާބިލްކަން ދައުލަތަށް ލިބިގެންވާ ކަމަށް ބެލިޔަސް، ގިނަ އަދަދެއްގެ އުޅަނދުތައް މި މައްސަލާގައި ހިމެނޭތީ އާއި އުޅަނދުތަކުން ކުރާ ބޭނުން ތަފާތުވާތީ ވެރިފަރާތްތަކަށް ލިބޭނެ ގެއްލުން ވަޒަން ކުރަން އުނދަގޫވާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.